ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ކުރީގެ ނައިބު ރައީސް ފައިސަލް ޖޭޕީން ވަކިވެވަޑައިގެންެފި

މީގެ ކުރިން ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ފައިސަލް ވަނީ 2018 އިން 2023އަށް ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ން މިއަދު ވަކިވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ޖޭޕީން ވަކިވެވަޑައިގަންނަވަން ނިންމަވައި އެކަން ޕާޓީގެ ލިޑަރު ގާސިމް އިބްރާހިމްއާ ހިއްސާ ކުރައްވާފައިވާ ކަމަށް ފައިސަލް މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ. އަދި ފައިސަލްގެ ސިޓީ ލިބިފައިވާކަން ޖޭޕީން ވެސް ޔަގީންކޮށްދިނެވެ.

ތަފްސީލް - ޖޭޕީގެ ސްލޮޓެއްގައި ނައިބު ރައީސް ކަމަށް ވަޑައިގެންނެވި އަދި ގާސިމްގެ ވިޔަފާރީގައި ވެސް ކުރިން މަސައްކަތް ކުރެއްވި ފައިސަލް 'ދައުރު'އަށް ވިދާޅުވީ، ޕާޓީގެ މަސައްކަތްތަކުގައި ވެސް ހަރަކާތްތެރިވެވަޑައިގެން ނުއުޅުއްވޭ ކަމަށެވެ.

"މި ވަގުތަށް އެންމެ ރަނގަޅީ އަޅުގަނޑު ޕާޓީން ވަކިވުން ކަމަށް ފެންނާތީ ލީޑަރަށް އެކަން ދަންނަވާފައި ވަކިވީ،" ފައިސަލް ވިދާޅުވި އެވެ.

އަދި އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި ޕާޓީއަކުން ފެނިވަޑައިގަތުން އެކަށީގެންވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ވަކި ޕާޓީއަކަށް ދާން ނިންމާފައި ވަކިވަނީއެއް ނޫން. ސިޔާސީ ދާއިރާގައި އުޅޭ މީހަކަށް ވަންޏާ ކޮންމެވެސް ސިޔާސީ ޕާޓީއެއްގައި ކަމަށް ހުންނާނީ ގަބޫލު ކުރަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ ކަމެއް - މީގެ ކުރިން ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ފައިސަލް ވަނީ 2018 އިން 2023އަށް ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އެ މަނިކުފާނަކީ ދައުރެއް ފުރިހަމަކުރެއްވި ހަމައެކަނި ނައިބު ރައީސެވެ.

އެންމެ ފަހުން މިދިޔަ ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ވާދަކުރެއްވިއިރު ފައިސަލް ރަނިން މޭޓަކަށް ނަންގަވާނެ ކަމަށް އެންމެ ފުރަތަމަ ބެލެވުނަސް، ސޯލިހް އެ އިންތިހާބުގައި ވާދަކުރެއްވީ މިހާރުގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމްއާ އެކު އެވެ. އެކަމާ ގުޅިގެން ފައިސަލް ވަނީ އެ މަނިކުފާނުގެ ހިތްހަމަނުޖެހުން ވެސް ފާޅުކުރައްވާފަ އެވެ.

ނަމަވެސް، ފައިސަލް ވަނީ މިފަހުން ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓު އަދި އިންތިހާބީ މޭޔަރު އާދަމް އާޒިމްގެ ކެމްޕޭނުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

ކޮމެންޓް (1)

މުޖުތާޒު

21 ޖެނުއަރީ 2024
ޕާތީއަކުން ފެންނާނީ އެމްޑީޕީގެ ތެރެއިން ބަލަންތިބޭ މިގޮތަށްނުންތޯވާނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް