ނައިބު ރައީސް ފައިސަލް ނަސީމް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލައްވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އުންމީދުކުރި ގޮތަށް އިތުރު ދައުރެއް ނުލިބުނަސް ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނާނަން: ފައިސަލް
މި ހިނގާ ފަސް އަހަރު އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ އަމާނާތްތެރިކަމާއި ވަފާތެރިކަމާ އެކު ކަމަށާއި، އުންމީދުކުރެއްވި ގޮތަށް ނައިބު ރައީސް ކަމުގެ ދެ ވަނަ ދައުރެއް ލިބިވަޑައިނުގެންނެވި ނަމަވެސް އެ މަނިކުފާނު އަބަދުވެސް ހުންނަވާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް، ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ވިދާޅުުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ، މި ސަރުކާރުގެ ކޯލިޝަންގެ ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ނައިބު ރައީސްގެ ސްލޮޓަށް ފައިސަލް ހުށަހެޅުއްވުމުންނެވެ.
ރައީސް ސޯލިހް ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާފައި ވާއިރު، އެ މަނިކުފާނުގެ ރަނިން މޭޓެއްގެ ގޮތުގައި މި އަހަރުގެ އިންތިހާބުގައި ވެސް ފައިސަލް ހޮއްވަވާނެ ކަމަށް ބެލެވުނެވެ. އަދި ފައިސަލް ވެސް އެ ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.
ނަމަވެސް، އެންމެ ފަހު ވަގުތު ރައީސް ސޯލިހް އެ މަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖެއްސެވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ.
އެކަމާ ގުޅޭ ގޮތުން ނައިބު ރައީސް ފައިސަލް މިހާތަނަށް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް، މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޖަމާލުއްދީނު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، ފައިސަލް ވަނީ އެ ކަމަށް އިޝާރާތްކުރައްވާފަ އެވެ.
މި ހިނގާ ފަސް އަހަރު އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ އަމާނާތްތެރިކަމާއި ވަފާތެރިކަމާ އެކު ކަމަށާއި، އުންމީދުކުރެއްވި ގޮތަށް ނައިބު ރައީސް ކަމުގެ ދެ ވަނަ ދައުރެއް ލިބިވަޑައިނުގެންނެވި ނަމަވެސް އެ މަނިކުފާނު އަބަދުވެސް ހުންނަވާނީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް، ނައިބު… pic.twitter.com/9Kb5CCDfCz
— Dhauru (@Dhaurunews) September 30, 2023
ބުނީ ކީކޭ؟ - "އަަޅުގަނޑު ބެލީ އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް ކަންތައްތައް ކުރަން. އަޅުގަނޑަށް އޭރު ވެސް ގަބޫލު ކުރެވުނީ އެއް ފަސް އަހަރަށް ހޮވޭ މީހަކީ އަނެއް ފަސް އަހަރަށް ހޮވެން ކޮންމެހެން މަޖުބޫރެއް ވެސް ނުވާކަން. ކޮންމެހެން ހޮވާކަން ވެސް ނުޖެހޭކަން. ރައްޔިތުންގެ ނިންމުމެއް އެއީ،" ނައިބު ރައީސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ މިިދިޔަ ފަސް އަހަރަށް ނައިބު ރައީސް ކަމަށް ހޮވެވަޑައިގަތުމުގެ ކުރިން ވެސް ރައްޔިތުންގެ ކުރިމަތީގައި ވައުދުވެވަޑައިގެންނެވީ ވަފާތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. އެހެންކަމުން، އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ އިތުރު ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި ނޫން ކަމަށާއި، ބެއްލެވީ މި ފަސް އަހަރުގެ ތެރޭގައި އެންމެ ރަނގަޅަކަށް ކަަންތައްތައް ކުރެއްވުމަށް ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކޮންމެވެސް ރަނގަޅު ކަންތައްތަކެއް ވެސް ކުރެވުނު ކަމަށް. އަޅުގަނޑު އުންމީދު ކުރާ ގޮތް އެއީ،" ފައިސަލް ވިދާޅުވި އެވެ.
ނަމަވެސް، ނައިބު ރައީސް ވިދާޅުވީ އެއްވެސް މީހަކަށް އެންމެ އެންމެ އެދެވޭ ގޮތަށް ހުރިހާ ކަމެއް ނުކުރެވޭނެ ކަމަށާއި، އިތުރު ފަސް އަހަރު ލިބިވަޑައިގެންފި ނަމަ، ގޯސްކޮށް ކަމެއް ކުރެއްވިފައިވާ ނަމަ، އެފަދަ ކަންތައްތައް ރަނގަޅު ކުރެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް އުންމީދު ކުރިން، ޝައުގުވެރިކަން ހުރި އިނގޭތޯ [އިތުރު ދައުރަކަށް]. އެއީ އަޅުގަނޑު ގަބޫލުކުރެވޭ ގޮތުގައި، ގައުމުގައި ކުރަން ހުރި ބައިވަރު މަސައްކަތްތައް ހުރި ކަމަށާއި، އަޅުގަނޑަށް ކުރެވިދާނެ މަސައްކަތްތަކެއް ހުރި ކަމަށް،" ފައިސަލް ވިދާޅުވި އެވެ.
"އެ ޝައުގުވެރިކަން އަޅުގަނޑުގެ ހިތުގެ ތެރޭގައި ބޮޑުކަމުން އެ ފުރުސަތު އަޅުގަނޑު ކިތަންމެހާ ވެސް ބޭނުންވި. އެހެން ނަމަވެސް، އެއީ އެހެން އޮންނަ ކަމެއް ނޫން."
އާ ގާނޫނުއަސާސީގެ ދަށުން ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސް ފައިސަލް ވިދާޅުވީ މަގާމެއްގައި ނެތް ނަމަވެސް، އަބަދުވެސް ހުންނަވާނީ ރައްޔިތުންނާ އެކު ކަމަށެވެ.
"ދިވެހި ގައުމަށް ހެޔޮ އެދޭ، އަބަދުވެސް މޮޅު ގޮތް ވުން، ރަނގަޅު ގޮތް ވުމަކީ އަޅުގަނޑު އަބަދުވެސް އެދޭ ގޮތް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ކޮންމެ މަގާމެއްްގައި ހުއްޓަސް، ވަޒީފާއެއް އަދާކުރަން ހުއްޓަސް، ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް ކޮންމެ ކަމެއް އަޅުގަނޑު ކުރާނަން. އަޅުގަނޑު ވަރަށް ލޯބިވޭ ދިވެހި ގައުމު ދެކެ."
ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަމިއްލަ ހައިސިއްޔަތުން ވެސް ގައުމާއި ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނަވާނެ ކަމަށެވެ. އެގޮތުން، އަންނަ ދައުުރުގައި ހުންނަވާ ރައީސަކު ނުވަތަ އާންމުން ވިޔަސް އެ މަނިކުފާނުގެ އެހީތެރިކަށް އެދިއްޖެ ނަމަ، އެ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ފައިސަލް ދެއްވި އެވެ.
"އެއްވެސް ހާލެއްގައި ވަކި މީހަކަށް އަޅުގަނޑު ކޮށްދޭ ކަމެއް ނޫން. އެހެންވީމާ، އެ ގޮތުގައި އެންމެ ފަހު ދުވަހާ ހަމައަށް އަޅުގަނޑުު ހުންނާނީ އެހެން. ދިިވެހި ގައުމު އަޅުގަނޑު އެންމެ މުހިންމީ. އަޅުގަނޑު ދެމި ހުންނާނީ ދިވެހި ރައްޔިތުންނާ އެއްކޮށް. އަޅުގަނޑު ހެޔޮ އެދެނީ ދިވެހި ގައުމަށް. އެކަން އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ދުވަހަކު ވެސް އެ ވިސްނުމަކަށް، ދުވަހަކު ވެސް ބަދަލެއް ނާންނާނެ. ހަމަ ކުޑަކުޑަ ބަދަލެއް ވެސް ނާންނާނެ."
ކޮމެންޓް (1)
މުންޖިޗޭ