އަހްމަދު މޫސާ މިއަދުގެ ހައި ކޯޓު އަޑުއެހުމުގައި

ސުޕްރީމް ކޯޓު

އަހްމަދު މޫސާ ފުރަން ދިން ހުއްދަ ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ އަހްމަދު މޫސާ އަކީ ފިލާފާނެ ކަމުގެ ބިރު އޮތް މީހެއް ކަމަށްވީއިރު، ފުރަން ހުއްދަ ދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ އަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނެގި ކަމަށް ބުނާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް ނިންމައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން އޭނާއަށް ދިން ހުއްދަ ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ދާން އޭނާ އެދިފައިވާތީ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 7ގަ އެވެ. ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެ އަމުރު އިސްތިއުނާފުކޮށް، އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހަމަ އެ ދުވަހު ޕީޖީން ހައި ކޯޓަށް ހުށަހެޅި އެވެ. އޭގެ ފަހުން:

  • ހައި ކޯޓުން މިދިޔަ މަހުގެ 16ގައި އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް އިމިގްރޭޝަންގެ މައްޗަށް ނެރުނު

  • މިދިޔަ މަހުގެ 26ގައި ހައި ކޯޓުން ނިންމާފައިވަނީ އަހްމަދު މޫސާ ފުރަން ހުއްދަދީ ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ރަނގަޅަށް ކަމަށް

  • އެ ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ވަކި މުއްދަތަކަށް އަހްމަދު މޫސާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް، އެ ހުކުމަށް ހައި ކޯޓުން ތާއީދުކުރި ހުކުމް ވެސް ބާތިލުކޮށްފަ އެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މީގެ ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދަމަހައްޓާފައި ވެސްވެ އެވެ.

ބުނީ ކީކޭ؟ - މި މައްސަލައިގެ ރިޔާސަތު ބެއްލެވި ފަނޑިޔާރު އާއިޝާ ޝުޖޫންގެ ރައުޔުގައި ވިދާޅުވީ:

  • އަހްމަދު މޫސާގެ ބަންދާ މެދު ހައި ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު ވެސް އޭނާ އަކީ ބަންދުން ފިލާފާނެ މީހެއް ކަމަށް ބުރަވެވޭ

  • އޭނާ ބަންދުން ދޫކުރާއިރު ނުފިލޭ ފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ނިންމުންތަކުގައި ވެސް އިރުޝާދު ދީފައި ވާއިރު، އެފަދަ އެއްވެސް ފިޔަވަޅެއް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ނެތުމުން ބަންދާ މެދު ގޮތް ނިންމާފައިވަނީ ރިއާޔަތް ކުރަން ޖެހޭ ކަންކަމަށް ރިއާޔަތް ނުކޮށް

  • މައިބަދައާ ގުޅިގެން އަހްމަދު މޫސާ ޑޮކްޓަރަށް ދައްކާފައި އޮތީ 2021 އާއި 2023އާ ދެމެދުގެ ދުވަސްތަކެއްގައިކަން އެނގެން އޮވޭ؛ އެކަމާ ގުޅިގެން ޑޮކްޓަރު ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ސްކޭން ހަދާފެއް ނުވޭ

  • އެހެންކަމުން، 28 ނޮވެމްބަރު 2023ގައި އޭނާ އެންމެ ފަހުން ޑޮކްޓަރަށް ދެއްކިއިރު ހުރި ހާލަތަކީ އޮޕަރޭޝަނެއް ކުރަން ވަގުތު ކުޑަތަންވެފައިވާ ހާލަތެއް ކަމަކަށް ނުފެނޭ

  • އޮޕަރޭޝަނެއް ކުރަން ޖެހޭ ކަަމަށް ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް އެއީ އޭނާ ފިލާފާނެ ކަމަށް އޮތް ބިރު ނެތިދާނެ ސަބަބެއް ނޫން

  • އަހްމަދު މޫސާގެ އާއިލާ އުޅެނީ ސްރީ ލަންކާގައި ކަމަށް އޭނާ ބުނާ ބުނުމެއްގެ މައްޗަށް ބުރެވެ، އެކަން ކަށަވަރުކުރުމަކާ ނުލާ އަދި ރާއްޖޭގައި އޭނާއަށް އެހީވެދޭނެ މީހަކު ނެތްކަން ކަށަވަރުކުރުމެއް ނެތި އަހްމަދު މޫސާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ސަބަބެއް ނެތް

  • ވަކި މުއްދަތަކަށް ޕާސްޕޯޓު ދޫކޮށްލުމަކީ ވެސް އޭނާ ފިލާފާނެ ކަމަށް އޮތް ބިރު ނެތިދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ

"އެހެނީ ޕާސްޕޯޓު ވަކި މުއްދަތެއް ނެތް ގޮތަށް ނުވަތަ ވަކި މުއްދަތަކަށް ދޫކުރި ނަމަވެސް، އެ މީހެއްގެ އަމަލުން އޭނާ އަކީ ފިލާފާނެ ކަމުގެ އިހުތިމާލު އޮތް މީހެއް ނަމަ، އެއް ގަޑިއިރަށް ނުވަތަ އެއް ދުވަހަށް ނުވަތަ އެއް ހަފްތާއަށް ނުވަތަ އެކުއެކީގައި އެ މީހެއްގެ ޕާސްޕޯޓު ދޫކޮށްފި ނަމަ، އެ މީހެއްގެ ފިލުުމުގެ އިހުތިމާލަށް ބަދަލު އަންނަ ގޮތެއް ބަޔާންކޮށް ނުދެވޭ ނަމަ، ބެލެވޭނީ އެ ހަގީގަތް ދެމި އޮންނާނެ ކަމަށް،" ޝުޖޫންގެ ރައުޔުގައިވެ އެވެ.

"އަދި ކުޑަ ހިދުކޮޅެއްގެ ތެރޭގައި ވެސް އެ މީހަކު ފިލާފާނެ ކަމުގެ އިއުތިރާޒް ކުރުމުގެ ފުރުސަތު ދެމި އޮންނާނެ.  މިކަން މި މައްސަލާގައި އިތުރަށް މުހިންމުވަނީ އަހްމަދު މޫސާ އަކީ އޭނާ ހޯދުމުގެ މަސައްކަތްތައް ކުރަމުން ދިޔައިރު، ވިސާއެއް ނެތި އަދި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި އޮވެމެ، ސްރީ ލަންކާގައި އުޅުނު މީހަކަށް ވެފައި، ވަކި މުއްދަތަކަށް ޕާސްޕޯޓު ދޫކުރި ނަމަވެސް، އެ ސަބަބަށްޓަކައި އޭނާ ފިލައިގެން ނެތް ކަމުގައި ނުވަތަ އެ ރިސްކު ކުޑަކުރެވިފައިވާކަން ބެލެން ނެތުން."

އެއަށް ފަހު، ޝުޖޫން ވަނީ، ފިލާފާނެ ކަމުގެ ބިރު އޮންނަ މީހުން ބޭސްފަރުވާއަށް ދޫކޮށްލުމުގައި ކޯޓުން ބަލަން ޖެހޭނެ ކަންކަމާއި ޝަރުތުތަކެއް ވެސް ކަނޑައަޅާފަ އެވެ. އަދި އެ ރައުޔަށް ތާއިދުކުރެއްވި ފަނޑިޔާރު ހުސުނުއްސުއޫދުގެ ރައުޔުގައި ވެސް ވަނީ، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލާ މީހުން ފިލައިގެން ދިއުން ހުއްޓުވަން އަމަލުކުރަން ޖެހޭނެ ގޮތްތަކެއް ކަނޑައަޅުއްވާފަ އެވެ. 

އެނގުން މުހިންމު - އަހްމަދު މޫސާ ފުރަން ދިން ހުއްދަ މިއަދު ސުޕްރީމް ކޯޓުން ބާތިލުކުރިއިރު، އޭނާ ފުރަން ދިން މުއްދަތު މިދިޔަ މަހުގެ 26އަށް ހަމަވެފައިވާތީ، އެ ހުއްދަ އިތުރުކޮށްދިނުމަށް އޭނާގެ ފަރާތުން މީގެ ކުރިން އޮތީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. އެ ހުށަހެޅުމާ މެދު ގޮތެއް ނިންމުން މަޑުޖައްސާލާފައި އޮތީ ސުޕްރީމް ކޯޓުގައި މައްސަލަ ކުރިއަށްދާތީ ދައުލަތުގެ ފަރާތުން އެދިގެންނެވެ.

އަހްމަދު މޫސާގެ މައްޗަށް ކުރަނީ 2014ގައި، އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެެޅުމަށް 280 މީހެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ.

މައްސަލަ ތަހުގީގު ކުރަން ފެށުމުން ލަންކާއަށް ގޮސް ފިލާފައިވާތީ، އޭނާ ހައްޔަރުކޮށްފައިވަނީ ރެޑް ނޯޓިސް ނެރެގެން 2021 ވަނަ އަހަރުގަ އެވެ. އެއަށް ފަހު ވެސް އޭނާ ބަންދުން ދޫކޮށްލުމުން ދެ ފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށް ގޮސް ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތީ، ފިލާފާނެ ކަމުގެ ބިރު އޮތުމުންނެވެ. 

ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއާ ގުޅިގެން އެ ކޯޓުން ޝަރީއަތް ނިމެންދެން ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ 16 ޖޫން 2021ގަ އެވެ. މި ވަގުތު ގޭބަންދެއްގައި ހުރި އަހްމަދު މޫސާގެ ޕާސްޕޯޓް ދޫކޮށްލީ، އެ އަމުރު މުރާޖައާކޮށްދިނުމަށް އެދި އޭނާގެ ފަރާތުން މިދިޔަ ނޮވެމްބަރު 29ގައި އެދުމުންނެވެ.

އެ އަމުރު މުރާޖައާކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކުރި ސަަބަބެއް ކަމަށް އޭރު ބުނެފައިވަނީ:

  • ސިއްހީ ލިޔެކިޔުންތަކަށް ބަލާއިރު، އަހްމަދު މޫސާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮވޭ

  • މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭތީ އާއި އަހްމަދު މޫސާގެ އާއިލާ ދިރިއުޅެނީ ވެސް ސްރީ ލަންކާގައި ކަމަށް އޭނާ ބުނެފައިވާތީ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް

  • އަހްމަދު މޫސާގެ މައްޗަށް އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އޭނާ ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުން ދީފައިވާ މިންވަރަށް ރިއާޔަތް ކޮށްފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް