އެނދުމަތިވެފައިވާ މީހުންގެ ހާލު ބެލުމަށް ކާށިދޫ ހެލްތު ސެންޓަރުގެ ފަރާތުން މީގެ ކުރިން ކުރި ޒިޔާރަތެއްގައި ޑޮކްޓަރަކު ބަލި މީހަކު ބައްލަވަނީ(ފައިލް ފޮޓޯ/ކާށިދޫ ހެލްތު ސެންޓަރު)
ކާށިދޫގައި ވާރުތަވާ ނާރުގެ ބައްޔެއް އާންމުވެ ދިރާސާއެއް ހަދަން ފަށަނީ
ކ. ކާށިދޫ އިން ވާރުތަވާ ނާރުގެ ބައްޔެއް ފާހަގަކުރެވިފައި ވާތީ އެ ބަލީގެ ދިރާސާތަކެއް ކުރުމަށް ހެލްތު މިނިސްޓްރީން މަޝްވަރާ ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވާގޮތުން ކާށިދޫއިން ފާހަނގަ ކުރެވިފައިވާ ނިއުރޮލޮޖިކަލް ސިއްހީ މައްސަލަައަކާ ގުޅޭގޮތުން ދިރާސާއެއް ކުރުމަށް މަޝްވަރާ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފަ އެވެ.
މި ބައްޔާ ގުޅޭގޮތުން "ދައުރު" އިން ސުވާލުކުރުމުން ކާށިދޫ ހެލްތު ސެންޓަރުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ޔޫސުފް ޝުޖާއު ވިދާޅުވީ އެ ބައްޔަކީ 'ސެލެބްރަލް އެޓެކްސިއާ' ނަމަކަށް ކިޔާ ބައްޔެއް ކަމަށެވެ.
އެނގުން މުހިންމު - ސެލެބްރަލް އެޓެކްސިއާ އަކީ
-
ނާރުގެ ބައްޔެއް
-
މި ބަލި ޖެހޭ މީހުން ތުރުތުރު އެޅުމާއި ހިނގައިބިގާވެ އުޅެން ދަތިވުމާއި، ވާހަކަދެއްކުމާއި ހަރަކާތް ކުރުމުގައި ވެސް ދަތިތައް ދިމާވޭ
-
މިއީ ޖެނެޓަކަލީ ވާރުތަވާ ބައްޔެއް ކަމުން މި ބަލި ފެތުރެނީ އާއިލާގެ މެމްބަރުންގެ
ބުނީ ކީކޭ؟ - ޝުޖާއު ވިދާޅުވި ގޮތުން އެއީ ވަރަށް ކުރިންސުރެ އެ ރަށުގެ ބައެއް އާއިލާތަކުގެ މެދުގައި އޮތް ބައްޔެކެވެ. އެކަމުގައި އޮތް ކަންބޮޑުވުމަކީ، ޖެނެޓިކަލީ ވާރުތަވާ އެ ބަލީގެ ސަބަަބުން، އެއް އާއިލާއިން އަނެއް އާއިލާއަށް ބަލި ވާރުތަވުމުގެ ފުރުސަތު އޮންނާތީ އެވެ.
"ޒަމާނުންސުރެ ރަށުގައި އޮތް ބައްޔެއް މިއީ. ރަށަށް ބޮޑު ބަލިމަޑުކަމެއް ފެތުރިގެންދާ ފަދަ ބައްޔެއް ނޫން އެކަހަލަ ނުރައްކަލެއް އޮތް ބައްޔެއް ވެސް ނޫން މިއީ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ:
-
ބަލި ޖެހޭ މީހުން މަދުކޮށް، ބަލި ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް އެބަކުރެވޭ
-
މިދިޔަ ޑިސެމްބަރު މަހު ވެސް ހެލްތު މިނިސްޓްރީގެ ޓީމެއް ރަށަށް ޒިޔާރާތްކޮށް އެ ކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފައިވޭ
-
މި ބަލީގެ ސަބަބުން ރަށަށް ނުރައްކަލެއް ނެތް، އެކަމަކު ޖެނެޓިކަލީ ބަލި ވާރުތަވުން ހުއްޓުވަން ކުރެވޭނެ ކަންކަމަކީ ކޮބައިތޯ އަޅުގަނޑުމެން މިހާރު ބަލަމުން މިދަނީ
-
ބައްޔަށް ދެވޭ ފަރުވާއަކީ ފިޒިއޮތަރަޕީ؛ އެހެންވެ، ކާށިދޫގައި ފިޒިއޮތަރަޕީގެ ހިދުމަތް ލިބޭނެ ގޮތެއް ހަމަޖެއްސުމަށް ސަރުކާރާ އެކު ވެސް ވަނީ މަޝްވަރާކޮށްފައި؛ އެކަން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ބެލެވެނީ
ފާހަގަކޮށްލެވޭ ކަމެއް - މި ބައްޔަކީ ކާށިދޫގައި ޒަމާންތަކެއް ކުރިންސުރެ ވެސް އޮތް ބައްޔެކެވެ. ޖެނެޓިކަލީ ވާރުތަވާ މި ބަލި އެރަށުގެ އަށްވަރަަކަށް އާއިލާގެ މެދުގައި އެބައޮތެވެ. މި ބަލީގައި މީގެ ކުރިން އެރަށުގެ ފަސް މީހަކު މަރުވެފައި ވެސްވެ އެވެ. އަދި މި ބަލި ޖެހިފައިވާ އެންމެ ދުވަސްވީ މީހަކަށް މިހާރު ހުރީ އުމުރުން 70 އަހަރުގެ މީހެކެވެ.
މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.