މާލޭގެ ފާމަސީއެއް. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެޗްޕީއޭ

އިންފުލުއެންޒާ ފެތުރުން އިތުރުވެއްޖެ؛ އެޗްޕީއޭއިން އެދުނީ ވެކްސިން ޖަހަން

ރާއްޖޭގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ އިއްޔެ ވިދާޅުވި ގޮތުގައި މި ރޯގާގައި އެކަކު މަރުވެ، ތިން މީހަކު އޮތީ ވެންޓިލޭޓަރުގައި

ރާއްޖޭގައި އިންފްލުއެންޒާގެ އެކި ވައްތަރުތައް ފެތުރުން އިތުރުވެ، ވެކްސިން ޖެހުމަށް އެޗްޕީއޭއިން މިރޭ އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންފްލުއެންޒާ ފެތުރެން ފެށިކަން އާންމުންނަށް އެނގުނީ، ރާއްޖޭގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • މީގެ ދެތިން ހަފްތާ ތެރޭ އިންފުލުއެންޒާ އޭ އަދި އެޗް1އެން1 ރާއްޖޭގައި ދަނީ ފެތުރެމުން

  • ތިން ޒުވާނުންނަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުން

  • މިދިޔަ މަހެއްހާ ދުވަސް ތެރޭ އެކަކު ވަނީ މަރުވެފައި

  • މި ރޯގާގެ އައުޓްބްރޭކެއް އަންނާނެ ކަމަށް ނުބެލެވޭ

މިކަން އާންމުންގެ ސަމާލުކަމަށް އައުމާއެކު އެޗްޕީއޭއިން މިރޭ އެކްސްގައި ވަނީ ބައެއް ތަފާސްހިސާބުތަކާ އެކު ޕޯސްޓެއް ކޮށްފަ އެވެ.

ބުނީ ކީކޭ؟ - "2023 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވޭ. ސަރަހައްދީ ގައުމުތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށް ވެފައި ސްކޫލް ބަންދާއި ދިމާކޮށް ދަތުރު ފަތުރު ކުރުން އިތުރުވާމާއި ގުޅިގެން މިދުވަސްވަރު އިންފްލުއެންޒާ ރާއްޖޭގައި ވެސް ފެތުރޭ މިންވަރު އިތުރުވޭ،" އެ ޕޯސްޓުގައިވެ އެވެ.

ތަފްސީލު - އެޗްޕީއޭއިން އާންމު ކުރި އިންފްލުއެންޒާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި:

  • މިދިޔަ ސެޕްޓެމްބަރު: 41 މީހަކު ޕޮޒިޓިވްވެފައިވޭ

  • މިދިޔަ އޮކްޓޯބަރު: 46 މީހަކު ޕޮޒިޓިވްވެފައިވޭ

  • މިދިޔަ ނޮވެމްބަރު: 24 މީހަކު ޕޮޒިޓިވްވެފައިވޭ

  • މިދިޔަ ޑިސެމްބަރު: 24 މީހަކު ޕޮޒިޓިވްވެފައިވޭ

  • މި މަހުގެ މިހާތަނަށް: 19 މީހަކު ޕޮޒިޓިވްވެފައިވޭ

އިންފްލުއެންޒާ އަކީ އާއްމުކޮށް ފެތުރޭ، ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއްކަން ފާހަގަކޮށް، އެޗްޕީއޭއިން ބުނީ، ބައެއް ދުވަސްވަރުތަކާ ދިމާކޮށް ބަލި ފެތުރޭ މިންވަރު އިތުރުވާ ކަމަށެވެ. އަދި އިންފްލުއެންޒާގެ ވައްތަރުތަކުގެ ތެރޭގައި އެޗް3އެން2 އާއި އެޗް1އެން1 އަދި އިންފްލުއެންޒާ ބީ އާންމުކޮށް ފެންނަ ކަމަށެވެ.

"އިންފްލުއެންޒާ އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ވެކްސިން ޖެހުން. ހާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ،" އެޗްޕީއޭއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް