ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންގެ ތެރެއިން (ދައުރު ފޯޓޮ/ހުސައިން ސުނޭން)

ރަސްމީ ނަތީޖާ: 17،000 މީހުން ވޯޓުލާން ނުކުތް އިރު 400 ވޯޓު ބާތިލް

މި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އާޒިމް ކާމިޔާބުކޮށްފައި ވަނީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރާ ވާދަކޮށް 2،700 އެއްހާ ވޯޓުގެ ތަފާތުން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މާލޭ މޭޔަރު އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އިއުލާންކޮށްފި އެވެ.

ފާހަގަކޮށްލެވޭ - އެ އިންތިހާބުގައި 17،000އެއްހާ މީހުން ވޯޓުލާން ނުކުތް އިރު، އޭގެ ތެރެއިން 400އެއްހާ ވޯޓަކީ ބާތިލު ވޯޓެވެ.

ވީ ކިހިނެއް؟ - މޭޔަރު އިންތިހާބާއި މާލޭގެ ތިން ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އީސީން މިއަދު އިއުލާންކޮށްފައި ވަނީ ދަރުބާރުގޭގައި އެކަމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ތަފްސީލު - ރަސްމީ ނަތީޖާ ދައްކާ ގޮތުން:

  • އިންތިހާބުގައި ވޯޓުލާފައި ވަނީ 17،008 މީހުން

  • އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 54،680 މީހުންގެ %31.84 

  • ސައްހަ ވޯޓު 17،008؛ ބާތިލު ވޯޓުގެ އަދަދަކީ 402 މީހުން

ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ފަހު އީސީން ވަނީ ހުސްވެފައިވާ މާލޭ މޭޔަރު ކަމަށް އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް އިންތިހާބުވެފައިވާކަން ވެސް އިއުލާން ކުރައްވާފަ އެވެ. އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރާ ވާދަކޮށް 2،700 އެއްހާ ވޯޓުގެ ތަފާތަކުންނެވެ.

މޭޔަރު އިންތިހާބުގެ ރަސްމީ ނަތީޖާ:

  • އާދަމް އާޒިމް، އެމްޑީޕީ 7،721 ވޯޓު (%44.81) 

  • އާޒިމާ ޝަކޫރު، ޕީއެންސީ: 5،031 ވޯޓު (%29.58) 

  • މުހައްމަދު ސައިފް ފާތިހު، ޑިމޮކްރެޓްސް 2،343 (%13.78) 

  • ހުސައިން ވަހީދު، އަމިއްލަ: 1،188 ވޯޓު (11.80) 

  • ޝުއައިބު އަލީ، އަމިއްލަ: 125 ވޯޓު (0.73%)

ހޮނިހިރު ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާގެ ތެރެއިން ދެ ދާއިރާގެ މެންބަރުކަން ލިބުނީ، ޕީއެންސީ އަށެވެ. އަނެއް ދާއިރާ ލިބުނީ އެމްޑީޕީއަށެވެ. އެއީ:

  • ހެންވޭރު ދެކުނު ދާއިރާ: އާމިނަތު ރިޝްފާ (ޕީއެންސީ)

  • މާފަންނު ދެކުނު ދާއިރާ: ހަސަން ނިޒާމް (ޕީއެންސީ)

  • މެދު ހެންވޭރު ދާއިރާ: އަހުމަދު ރިޝްވާން (އެމްޑީޕީ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް