ރައީސް މުއިއްޒު ވޯޓްލައްވަނީ (ފޮޓޯ/ރައީސް އޮފީސް)

އެންމެ ވޯޓަކަށް ރައީސްގެ 14 ގަޑިއިރުގެ ދަތުރުފުޅެއް

ރައީސްގެ ދަތުރުފުޅު ރޭއްވެވީ ވޯޓްލާން ވަޑައިގެންނެވޭ ގޮތަށްކަން އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި
14 ޖެނުއަރީ 2024
1

ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފަސް ދުވަހުގެ ފުރަމާނަ ދަތުރުފުޅަށް ފަހު އެ މަނިކުފާނު އިއްޔެ މާލެ ވަޑައިގަތް ގޮތަށް އެއާޕޯޓުގައި ނޫސްވެރިންނަށް ދެއްވި ދަތުރުގެ ހުލާސާ ބަޔާނަށް ފަހު ވަގުތުން ވަގުތަށް ވަޑައިގެންނެވީ، އޭރު ހިނގަމުން ދިޔަ މާލޭގެ މޭޔަރު ހޮވުމާއި ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގައި ވޯޓްލެއްވުމަށެވެ. އެ މަނިކުފާނާ އެކު ދަތުރުގައި ބައިވެރިވި ބޭފުޅުންގެ ތެރޭގައި ތިއްބެވި ވޯޓްލެވޭ ބޭފުޅުން ވެސް ވަޑައިގެންނެވީ ވޯޓްފޮށިތަކާ ދިމާލަށެވެ.

"ރައީސް ދެކެވަޑައިގެންނެވީ ވޯޓުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް. އެ ހައްގު އެކްސަސައިޒް ކުރެއްވުމުގެ މުހިންމުކަން ރައީސް ދަތުރުފުޅަށް ފުރުއްވުމުގެ ކުރިން ވެސް ސްޓްރެސްކުރެއްވި،" އެ އިރުޝާދާ ގުޅިގެން ރައީސްގެ ދަތުރުފުޅު ރޭއްވެވީ ވޯޓްލާން ވަޑައިގެންނެވޭ ގޮތަށްކަން ފާހަގަކުރައްވައި އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. 

އެހެންވެ، ދިގު ދަތުރުފުޅުގެ ވަރުބަލިކަމާ އެކު ވެސް ރައީސް އާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގަތް ވަފުދުގެ ބޭފުޅުން ވޯޓުލުމަށް ވަޑައިގެންނެވީ އެވެ. ރައީސްގެ ވަފުދުގެ 20 ބޭފުޅަކަށް އިއްޔެގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިވަޑައިގެންނެވި އެވެ.

ރައީސް މުއިއްޒު ވޯޓްލައްވަނީ (ފޮޓޯ/ރައީސް އޮފީސް)

އޮފިޝަލް ވިދާޅުވި ގޮތުގައި، ތަންކޮޅެއް ހައްޓަށް ލުއިވާނޭ ގޮތަށް ސިންގަޕޯ އެއާލައިންސްގައި ސިންގަޕޫރުގައި ޓްރާންސިޓް ކުރައްވާފައި ރޭ ވެސް ރާއްޖެ ވަޑައިގެންނެވެން ރައީސްއަށް އޮތެވެ. ނަމަވެސް، ރައީސް އިހުތިޔާރު ކުރެއްވީ ވޯޓްލުމުގެ ހައްގު އިސްކުރެއްވުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ މުހިންމުކަން އިތުރަށް ރައީސްއަށް ބޮޑުވީ އެ މަނިކުފާނުގެ ޕާޓީ، ކޮންގްރެސް ޕާޓީން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ނުކުމެ ހުންނެވުމުންނެވެ. 

ރައީސްގެ އިރުޝާދުގެ ދަށުން ހުރިހާ ކެބިނެޓުން މިނިސްޓަރުންނާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އާޒިމާގެ ކެމްޕޭންގައި އެ ބޭފުޅަކަށް ކުރެއްވުނު ކަމެއް ކުރެއްވި އެވެ. ސީދާ ރައްޔިތުންނާ ހަމައަށް ޑޯޓުޑޯއަށް މިނިސްޓަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވަޑައިގެންނެވި އެވެ.

"ރައީސް ބޭނުންފުޅުވީ ވޯޓުލާ ވަގުތު ހަމަވުމުގެ ކުރިން މާލެ ވަޑައިގެން ހައްގު އަދާކުރައްވަން. ޑިމޮކްރަސީއެއްގައި އިންތިހާބުތަކުގެ މުހިންމުކަމާއި އެ ޕްރޮސެސްއަށް އިހުތިރާމް ކުރެެއްވުމަކީ ރައީސް ގަބޫލުކުރައްވާ އުސޫލު. އެކަން ދަމަހައްޓަވާ ނަމޫނާ ދައްކަވަން ރައީސް ބޭނުންފުޅުވި،" އޮފިޝަލް ވިދާޅުވި އެވެ.

އިއްޔެގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދިޔައީ ހެނދުނު 8 އިން ހަވީރު 5 އަށެވެ. 

އެހެންވެ، ރައީސް ހިޔާރުކުރެއްވީ ވޯޓުގެ ވަގުތުގެ ހަމަވުމުގެ ކުރިން ރާއްޖެ އާދެވޭނެ ފްލައިޓެއް ހިޔާރުކުރައްވާށެވެ. އެހެންވެ، ޗައިނާގެ ވެރިރަށް ބެއިޖިން އިން އެމިރޭޓްސްގެ ފްލައިޓެއްގައި ދުބާއީއަށް ނުވަ ގަޑިއިރުގެ ދަތުރެއް ކުރެއްވި އެވެ. އަދި ޓްރާންސިޓުގައި ގިނައިރު ނުކުރައްވައި ރާއްޖެއަށް އެންމެ އަވަހަށް އަންނަން އޮތް ފްލައިޓުގައި ފަސް ގަޑިއިރު ދަތުރު ކުރައްވައިގެން، ވޯޓު ފޮށިތައް ބަންދުކުރުމުގެ ކުރިން ރައީސް މާލެ ވަޑައިގަތެވެ.

ރައީސް އިއްޔެ މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ނޫސްވެރިންގެ ސުވާލުތަކަށް ފަހުން ޖަވާބު ދެއްވަން ނޫސްވެރިންގެ އެހެން ބައްދަލުވުމެއް ބާއްވާ ގޮތަށް ބަޔާނަކުން ރައީސް ފުއްދާލެއްވީ ވެސް އެހެން ވެގެން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. 

"ގާތްގަނޑަކަށް 14 ގަޑިއިރުގެ ދަތުރެއް އެ މަނިކުފާނު ކުރައްވާފައި އެ ވަޑައިގެންނެވީ ވޯޓުގެ ވަގުތަށް، ބައި-އިލެކްޝަންގެ މުހިންމުކަމުން،" އޮފިޝަލް ވިދާޅުވި އެވެ. 

ވޯޓުލުން ބަންދުކުރުމުގެ އެއް ގަޑިއިރު ކުރިން، ގާތްގަނޑަކަށް ހަވީރު 3:45 އެހާއިރު ރައީސް ވަނީ ވޯޓްލައްވައިފަ އެވެ. އެ މަނިކުފާނު ވޯޓްލެއްވީ ސޯޝަލް ސެންޓަރުގައި ބަހައްޓާފައި ހުރި ފޮއްޓަށެވެ. 

"4 ޖެހުމުގެ ކުރިން ވޯޓްލައްވަން ރައީސް ބޭނުންފުޅުވީ. އެ ގޮތަށް ޕްރޮޓޮކޯލްއިން މަސައްކަތް ކުރީ،" އޮފިޝަލް ވިދާޅުވި އެވެ. 

ރައީސްގެ ދެކަނބަލުން ޗައިނާ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ބޯޓުން ފައިބައިވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ދިގު ދަތުރުފުޅަކަށް ފަހު ވޯޓްލެއްވުމަށް ފަހު ރައީސް މީޑިއާތަކަށް ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ އަޑު އިއްވައި އެ މީހުުން ބޭނުންވާ ގޮތަށް ކަންކަން ގެންދިއުމަށް ވެރިން އައްޔަން ކުރަން ލިބޭ ފުރުސަތަކީ އިންތިހާބުތައް ކަމަށެވެ. އެހެންވެ، އެ ގާނޫނީ ޒިންމާ ދޫކޮށްނުލައްވައި އެ ހައްގުގެ ބޭނުން ކޮންމެ ރައްޔިތަކު ވެސް އަދާކުރެއްވުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

"މި ހައްގުގެ ބޭނުން ހިއްޕަވާށޭ. ކުޑަ ވަގުތުކޮޅެއް އޮތަސް ވޯޓުލައްވަން އަވަހަށް ނުކުންނަވާށޭ، ވޯޓު ލައްވާށޭ،" ރައީސް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމާ އެކު ހުސްވި މޭޔަރުކަމުގެ ގޮނޑި ވެރިކަން ކުރާ ޕާޓީއަށް ދިފާއު ނުކުރެވި، އިއްޔެގެ އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އާޒިމާއަށް ކުރިމަތިވީ ނާކާމިޔާބީ އެވެ. އެ ނަތީޖާ ކަށަވަރުވުމާ އެކު ރައީސް ވަނީ މޭޔަރުކަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ އާދަމް އާޒިމްއާ ގުޅުއްވައި މަރުހަބާ ވިދާޅުވެ އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

ކުރިއާ ހިލާފަށް އެ ހަބަރު ރައީސް އޮފީހުން ޝާއިއު ވެސް ކުރި އެވެ. 

ކޮމެންޓް (1)

ހަސަން

14 ޖެނުއަރީ 2024
ޑިމޮކަރަސީ ގެ ވަރަށް ރީތި ނަމޫނާއެއް ތިޔަ ދެއްކެވީ.....ގުޅުއްވާފަ މަރުހަބާ ދެންނެވުމާއި، ވޯޓަށް އެހާ އިސްކަން ދެއްވައި ވަޑައިންނެވިކަން
11 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް