މީގެ ދެރޭ ކުރިން މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުންވި މަންޓާ އެއާގެ ބޯޓު: މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އެ ކުންފުނިން ބުނޭ.

މޫސުން

ބުދައިގެ ވިއްސާރައިގައި ފަޅެއްގައި އަޅާފައި އޮތް ސީޕްލޭނަކަށް ގެއްލުން ވެއްޖެ

މިކަން ހިނގާފައިވަނީ މީގެ ދެ ދުވަސް ކުރިން މޫސުން ގޯސްވުމުގެ ސަބަބުން މާލެ އެއާޕޯޓުގެ ޓާމިނަލް ބަންދުކުރުމުން، މާލެ ކައިރީ ފަޅެއްގައި އެ ބޯޓު އަޅާފައި އޮއްވާ

މިދިޔަ ބުދަ ދުވަހު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި، މާލެ އަތޮޅު ފަޅެއްގައި އަޅާފައި އޮތް މަންޓާ އެއާގެ ސީޕްލޭން ބޯޓަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ބޯޓަށް ގެއްލުންވެފައިވާ ވީޑިއޯއެއް މިއަދު ޝޯޝަލް މީޑިއާގައި ދައުރުވާން ފެށި ނަމަވެސް، މިކަން ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ތަފްސީލު - މަންޓާ އެއާގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެއީ ދަތުރުކުރަމުން ގޮސް ތަނެއްގައި ޖެހިގެން ލިބުނު ގެއްލުންތަކެއް ނޫން ކަމަށާއި، ގެއްލުން ވެފައި ވަނީ އެ ބޯޓު މާލެ ކައިރީ ފަޅެއްގައި އަޅާފައި އޮއްވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް ވެސް މި ހާދިސާގައި ގެއްލުން ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ދެ ރޭ ކުރިން މޫސުން ގޯސްވެގެން މާލޭ ސީޕްލޭން ޓާމިނަލް ބަންދުކޮށްފަ އޮތީ. އެހެންވެ ބޯޓު އެޅީ މާލެ އަތޮޅު ފަޅެއްގައި. ފަޅުގައި އަަޅާފައި އޮއްވާ ގެއްލުންތަކެއްވީ،" އޭނާ ވިދާޅުވި އެވެ.

"ބޯޓަށް ގެއްލުންވުން ފިޔަވާ އިތުރު ކަމެއް ނުވޭ."

ފާހަގަކޮށްލެވޭ ކަމެއް - މީގެ ތިން ދުވަސް ކުރިން ރާއްޖެއަށް ވާރޭ ވެހި، މޫސުން ވަނީ ގޯސްވެފަ އެވެ. މިއަދު ވެސް މާލެ ސަރަހައްދަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާ ކުރާ ގޮތް:

  • މާލެ ހިމޭނޭ ގޮތަށް ރ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިއަދު މެންދުރު 3:30އާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރިފައި

  • ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވޭ

  • ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް