މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ނުލިބިގެން އިންތިގާލީ އޮފީހަށް ބައެއް އާންމުން ވަދެ

އިންތިގާލީ އިންސާފުގެ އޮފީހުން ނުނިންމާ މައްސަލަތަކަށް ހަދާނެ ގޮތަކާ މެދު މަޝްވަރާ ކުރަނީ

ރައީސް އޮފީހުން ބުނީ، އެ އޮފީހުގެ މުއްދަތު އިތުރުކޮށްފައި ނުވަނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ގާނޫނަށް އިސްލާހު ގެނައުމަކާނުލައި އެ މުއްދަތު އިތުރު ނުކުރެވޭނެތީ ކަމަށް

ދައުލަތުގެ ފަރާތުން އެކިއެކި ބޭއިންސާފުތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ މިދިޔަ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު ހަމަވިއިރު، އެ ތަނުން ބަލަން ފަށައި ނުނިމި ހުރި މައްސަލަތަކާ މެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން 17 ޑިސެމްބަރު 2020ގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހަށް ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު 17 ޑިސެމްބަރު 2022ގައި ވަނީ ހަމަވެފަ އެވެ. އެކަމަކު އެ އޮފީހުން ތަހުގީގު ކުރަމުން ދިޔަ މައްސަލަތައް، އެ މުއްދަތުގެ ތެރޭގައި ތަހުގީގުކޮށް ނިމިފައެއް ނުވެ އެވެ. އެހެންވެ، އެ މައްސަލަތައް ބަލަން އިތުރު ވަގުތު ބޭނުންވާތީ ކަމަށް ބުނެ، މިދިޔަ ސަރުކާރުގެ ދައުރު ނިމެންދެން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ އޮފީހުގެ މުއްދަތު އިތުރުކޮށްދެއްވި އެވެ. ސަރުކާރު ބަދަލުވުމާ އެކު މިދިޔަ 17 ނޮވެމްބަރުގައި އެ އޮފީސް ވަނީ އުވިފަ އެވެ.

އެ އޮފީސް އުވުމާ ގުޅިގެން، އެއޮފީހުގެ ހުރިހާ ލިޔެކިޔުންތަކާއި ހަރުމުދާ ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް އެ ދުވަހު އެ އޮފީހުން ބުނެފައިވެ އެވެ. ނަމަވެސް، އެ ތަން އުވުނުއިރު އެ ތަނަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއްގެ ތަހުގީގު ރިޕޯޓެއް އާންމުކޮށްފައެއް ނުވެ އެވެ. އަދި ގިނަ މަސައްކަތްތައް ހުރީ ނުނިމި އެވެ.

މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ނުލިބިގެން އިންތިގާލީ އޮފީހަށް ބައެއް އާންމުން ވަދެ

ބުނީ ކީކޭ؟ - ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު މިއަދު ވިދާޅުވީ، އެ އޮފީހުގެ މަސައްކަތަކީ ގާނޫނުން ވަކި މުއްދަތެއް ކަނޑައެޅިފައިވާ މަސައްކަތެއް ކަމަށެވެ.

މަޖިލިސް މެދުވެރިކޮށް އެ ގާނޫނަށް އިސްލާހު ގެނައުމަކާ ނުލައި އެ މުއްދަތު އިތުރު ކުރުމުގެ އިހްތިޔާރު ރައީސަށް އެ ގާނޫނުން ލިބިދީފިނުވުމާ އެކު، އެ އޮފީހުން ކުރަން ފަށައި ނުނިމި ހުރި މައްސަލަތަކާ މެދު ކުރިއަށް ދާނެ ގޮތެއް ނިންމުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ ދަނީ މަޝްވަރާކުރަމުން ކަމަށް ހަލީލު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ނުހިންގާ އޮތުމަށް ފަހު، ދައުރު ނިމެން ދެ ހަފްތާއަށް ވެފައި ވަނިކޮށް، މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދާއި އުސޫލަތާކައި ހިލާފަށް އަވަސް އަރުވާލައިގެން މައްސަލަތައް ނިންމަން އުޅުމާއި ކުރީގެ ނިންމުންތައް ބަދަލުކުރާ ކަމުގެ ތުހުމަތާ އެކު، އެ އޮފީހުގެ އެމްބަޑްސްޕާސަން ޖިހާދާ އަނީސް ވަނީ މިދިޔަ ނޮވްމެބަރު ތެރޭ އިސްތިއުފާ ދެއްވާފަ އެވެ.

އެއަށް ފަހު، ލިޔެކިއުންތައް ބަދަލުކުރުމާ ގުޅޭގޮތުން ހުށަހެޅި މައްސަލައެއްގެ ތަހުގީގަށް އޭސީސީން ވެސް ވަނީ އެ އޮފީހަށް ވަދެ، ބަލައި ފާސްކޮށް ބައެއް ލިޔެކިއުންތައް ގެންގޮސްފަ އެވެ. 

ފާހަގަކޮށްލެވޭ ކަމެއް - އެ އޮފީހުގެ ދައުރު ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށް މިދިޔަ 16 ނޮވެމްބަރުގައި، އެ އޮފީހަށް މައްސަލަތައް ހުށަހެޅި ބައެއް މީހުން ވަނީ އެ މައްސަލަތަކުގެ ރިޕޯޓު ހަވާލުކޮށްދިނުމަށް އެދި އެ އޮފީހަށް އެއްވެފަ އެވެ. އެ މީހުން އެ ދުވަހު ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި:

  • ވެރިކަން ނިމި، އެ އޮފީސް ވެސް އުވޭއިރު އަދިވެސް ރިޕޯޓު ލިބިފައި ނުވުން

  • ބައެއް މީހުންގެ މައްސަލަތައް ނިމި، ރިޕޯޓު ބަލާ އައުމަށް އެ އޮފީހުން އެންގި؛ އެ މީހުންނަށް ވެސް ރިޕޯޓު ނުލިބޭ

  • ހުށަހެޅި މައްސަލައިގެ 'އަސްލު ބަދަލުކޮށްގެން' ރިޕޯޓު ނިންމާފައިިވުން

ފަސްމަންޒަރު - އިންތިގާލީ އިންސާފުގެ އޮފީހަކީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާ ގުޅުން ހުރި މައްސަލަތައް ބަލަން އެކުލަވާލި ކޮމިޝަނެކެވެ. އެގޮތުން 3000އަށް ވުރެ ގިނަ މައްސަލަ އެ އޮފީހަށް ހުށަހެޅި ބަލަމުންދިޔަ އެވެ. އެ ތަނުން ބެލި ފާހަގަކޮށްލެވޭ މައްސަލަތަކަކީ: 

  • ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962ގައި ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާ ތަހުގީގުކުރޭ

  • ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ މައްޗަށް ނުހައްގުން ކުރި ހުކުމުގެ މައްސަލަ

  • ޖަލުތަކުގައި އަނިޔާ ލިބުނު މީހުންގެ މައްސަލަތައް

ކޮމެންޓް (3)

މުއުތަސިމު

12 ޖެނުއަރީ 2024
އިބުރާހިމް މުހައްމަދު ސޯލިހާ މައްސަލަތައް ހަވާލުކުރުން އެންމެ ރަގަޅުވާނީ! އެހައިބޮޑަށް ތަޢުލީމު ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް މައްސަލަތައް ހައްލުކުރާނެގޮތް އިގިވަޑައިގަންނަވާނެ!
0 1

ޖުހާ

11 ޖެނުއަރީ 2024
ނޫސްވެރިކަމަކީ ހަޤީޤަތް ނުބަލާ ހިތު ހުރި ގޮތަކަށް ހަބަރު ފެތުރުމެއް ނޫން. އޮފީހަށް 3000 މައްސަލަ ހުށަހެޅި ކަމަށް މައުލޫމާތު ލިބުނީ ކޮން ތާކުންތޯ
2 0

ގޭސް

11 ޖެނުއަރީ 2024
މޑޕ އިން އަނބުރާ ގޭސްގަޑަކާއި ވައްތަރީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް