ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކް ކޮށް، އިންޑިއާގެ ހެކަރުން ދީފައިވާ އިންޒާރުގެ މެސެޖު.
'އިންޑިއާގެ ޓީމަކު'ން ޖުވެނައިލް ކޯޓުގެ ސައިޓު ހެކްކޮށް އިންޒާރު ދީފި
އިންޑިއާގެ ހެކަރުން ހިމެނޭ ކަމަށް ބުނާ ޓީމަކުން ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކްކޮށް، ރާއްޖެއަށް އިންޒާރު ދީފި އެވެ.
ވީ ކިހިނެއް؟ - ޖުވެނައިލް ކޯޓުގެ ވެބްސައިޓަށް ވަންނަން މަސައްކަތް ކުރުމުން މިހާރު ފެންނަނީ، އެ ވެބްސައިޓު ހެކް ކުރި ޓީމުން ލިޔެފައިވާ އިންޒާރުގެ މެސެޖެކެވެ.
ތަފްސީލް - ވެބްސައިޓު ހެކް ކުރުމުގެ ޒިންމާ ނަގާފައިވަނީ، 'ޓީމް ނެޓްވޯކް9'ގެ ހެކަރުންނެވެ. އެ މީހުންގެ އިންޒާރުގެ މެސެޖުގައި:
-
ކޯޓުގެ ވެބްސައިޓް ހެކް ކުރީ މިފަހުން ރާއްޖެ ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާއަށް ބަދުބަސް ބުނެފައިވާ މައްސަލާގައި؛ އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފައިވާކަން ފާހަގަކުރި
-
ރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތެރިކަމުގެ މަތިން ހަނދާންކޮށްދީ، ދިވެހިން އެކަން ބަލައިނުގަނެ، އިންޑިއާގެ ސަގާފަތްތަކަށް މަލާމާތްކުރުން ބަލައެއް ނުގަނެވޭ ކަމަށް ބުނި
-
ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ސަބަބުން ރާއްޖެއަށް ހުތުރު ނަމެއް ލިބެމުންދާ ކަމަށް ބުނި
އިންޑިއާއާ މެދު ނަސްލީ ތަފާތު ކުރުން ގެންގުޅެ، ނަފްރަތު އުފެދޭ ވާހަކަ ފެތުރުން ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް ވާ ނަމަ، ރާއްޖޭގެ ސައިބާ ސްޕޭސްއަށް ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމަށް ހެކަރުން އިންޒާރު ދީފައިވެ އެވެ.
އެހެންކަމުން، ހެކަރުންގެ ޓީމުން އެދުނީ، މި މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކޮށް، ދެ ގައުމުގެ ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމަށެވެ. އަދި އެކަން އެގޮތަށް ނުވެއްޖެ ނަމަ، އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ބުންޏެވެ.
އެ މެސެޖު ނިންމާލާފައިވަނީ، އިންޑިއާގެ ރަށްތަކަށް އަންނަން ގޮވާލާ ސޯޝަލް މީޑިއާގައި ބޭނުންކުރަމުންދާ ހޭޝްޓެގްތަކާ އެކު އެވެ.
ފާހަގަކޮށްލެވޭ - މިއީ އިންޑިއާގެ ހެކަރުން ކަމަށް ބުނާ ބައެއްގެ ސައިބާ ހަމަލާއެއްގެ ޒިންމާ ނަގާ، އެފަދަ ހަމަލާއަކާ އެކު ރާއްޖެއަށް އިންޒާރެއް ދިން ފުރަތަމަ ފަހަރެވެ.
ނަމަވެސް، އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ އެކު، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓުކޮށް، ރާއްޖޭގެ ރިސޯޓުތަކުގެ ރޭޓިން ދަށްކޮށް، ދަށް ރިވިއުތައް ދޭން ފަށާފައި ވާއިރު، ރާއްޖޭގެ ބައެއް ރިސޯޓުތަކުގެ ވެބްސައިޓުތަކަށް މީގެ ކުރިން ސައިބާ ހަމަލާތައް ދީފައިވެ އެވެ.
ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓަށް ވެސް ސައިބާ ހަމަލާތަކެއް ދީ، އެ ވެބްސައިޓުތައް ވެސް ޑައުންކޮށްލި އެވެ.
ޖުވެނައިލް ކޯޓުގެ ބަސް - ޖުވެނައިލް ކޯޓުގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ، ވެބްސައިޓް ހެކް ކޮށްފައިވާ މައްސަލަ އެ ކޯޓުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުވެނައިލް ކޯޓުގެ އައިޓީ ޓީމާ ގުޅިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި:
-
މިއީ އެ ކޯޓުގެ ވެބްސައިޓް ހެކް ކުރި ދެ ވަނަ ފަހަރު
-
މީގެ ކުރިން ކޮވިޑްގެ ތެރޭގައި ވެސް ޖުވެނައިލް ކޯޓުގެ ސައިޓު ހެކް ކުރި
-
އެ ފަހަރު ވެސް ހަމަލާ އައީ ރާއްޖޭން ބޭރުން؛ ނަމަވެސް، އެކަމުގެ ފަހަތުގައި ވަނީ ކޮން ބައެއްކަން ދެނެގަނެވިފަ އެއް ނުވޭ
ކޯޓުގެ ވެބްސައިޓަށް ސައިބާ ހަމަލާތައް އަމާޒުވަމުން ދާތީ، އޮފިޝަލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ކޮމެންޓް (7)
ާއައްޔަ
މުންޖިޗޭ
ނައިފަރު އަބްދުލްކަރީމް
ހިމާރުލްގައުމު
މުންޖިޗޭ
ހަހަހާ
ބޓ އަދުރޭ