އަމީނީމަގުގައި ތާރުއަޅައި އެެއްކޮށް މިހާރު ވަނީ ނިންމާލާފައި (ފޮޓޯ/އިންފްރާސްޓްރަކްޗާ މިނިސްޓްރީ)
އަމީނީމަގުގެ ބޮޑު ބައެއް މާދަމާ ހުޅުވާލަނީ
ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މިދިޔަ ސަރުކާރުގައި ފެށި އަމީނީމަގުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތާރުއަޅާ މަސައްކަތް ނިމިފައި އޮތް ބައި މާދަމާ ހެނދުނު ހުޅުވާލަން ނިންމައިފި އެވެ.
ތަފްސީލް - ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިރޭ އެކްސްގައި ބުނިގޮތުގައި:
-
އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާއައިސާރަނި ހިނގުމާއި އަމީނީމަގު ގުޅޭ ޖަންކްޝަން މާދަމާ ހެނދުނު 6ގައި ޓްރެފިކަށް ހުޅުވާލާނެ
-
އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 މުޅިން ހުޅުވާލާނެ
މާދަމާ (10.1.2024) ހެނދުނު 6:00 ގައި އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާ އަމީނީ މަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް ހުޅުވާލެވޭނެ
— Ministry of Construction and Infrastructure (@MoCImv) January 9, 2024
ހޮނިހިރު ދުވަހު (13/1/24) ހެނދުނު 6:00 ގައި އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 މުޅިން ހުޅުވާލެވޭނެ https://t.co/mziUa5DPt6
ފަސްމަންޒަރު - އަމީނީމަގުގެ މަސައްކަތް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިދިޔަ އަހަރުގެ މާޗު މަހު ހަވާލުކޮށް، ޖުމްލަ 13 ސެގްމެންޓަކަށް މަގު ބަހާލައިގެން ހިންގާ އެ މަޝްރޫއުގެ ދަށުން އެ މަގުގެ 11 ސެގްމެންޓެއްގެ މަސައްކަތް މިދިޔަ ސަރުކާރުން އޮތީ ނިންމާފަ އެވެ. އޭގެ ފަހުން:
-
މިދިޔަ ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިހާބަށް ފަހު، އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓާލާފައި
-
އެ މަސައްކަތް އަލުން ފެށީ، މިދިޔަ މަހުގެ 9ގައި މި ސަރުކާރުން
-
ނުނިމި ބާކީ ހުރި ހުރިހާ ބައެއްގައި ތާރު އަޅައި މިދިޔަ އާދީއްތަ ދުވަހު ވަނީ ނިންމާލާފައި؛ އެއީ ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ބިލްޑިންއާ ހިސާބުން ފެށިގެން އަމީނީމަގުގެ ހުޅަނގުން ބާކީ ހުރި ބައިތައް
އަމީނީމަގު ތަރައްގީކުރަން ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ. ކުރީގެ ޕްލޭނިން މިނިސްޓްރީން، 210 ދުވަހުގެ ތެރޭގައި ނިންމަން އާރުޑީސީއާ ހަވާލުކުރި މަސައްކަތް ލަސްވެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރަށް ވެސް ތާރީހެއް ދިނެވެ. އެ ތާރީހަށް ވެސް މަސައްކަތް ނުނިމި، ފަހުން ބުނީ އެ މަސައްކަތް އާ ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.