ސޯލިހްގެ ރައީސް ކަމުގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ބޮޑުވަޒީރާ އެކު. (ފައިލް ފޮޓޯ/ރައީސް އޮފީސް)

އިންޑިއާއަށް އަމާޒުކުރި ބަދުބަސްތަކުން ގުޅުމަށް އަސަރުކުރަން ފުރުސަތު ދީގެން ނުވާނެ: ސޯލިހް

އިންޑިއާ އާއި މޯދީއަށް އަމާޒުކޮށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ކުރެއްވި ޕޯސްޓުތައް، ކުރީގެ ރައީސް ސޯލިހް ވެސް ވަނީ ކުށްވެރިކުރައްވާފައި

އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސް ބުނުން ކުށްވެރިކުރައްވައި އެފަދަ އަމަލުތަކުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަސަރު ކުރަން ފުރުސަތު ނުދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ބޮޑުވަޒީރު މޯދީ ލަކްޝަދީބަށް ވަޑައިގެން މިދިޔަ ބުރާސްފަތި ދުވަހު އެކްސްގައި އާންމުކުރެއްވި ފޮޓޯތަކާއި ވީޑިއޯއާ އެކު، ރާއްޖެއާ ދެކޮޅަށް އެ ގައުމުގެ ބައެއް އާންމުން ކެމްޕެއިނެއް ފެށި އެވެ. އެގޮތުން:

  • ޔޫތުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ މޯދީ އަށާއި އިންޑިއާއަށް ބަދުބަސް ބުނެ ޕޯސްޓު ކުރައްވާފައި؛ އެއާ އެކު، އެ ތިން ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން، ރާއްޖެއަށް ގެއްލުން ވާނެ ކަމަށް ބުނެ، އިންޑިއާގެ ބައެއް ފަރާތްތަކާއި ދިވެހިން އެ ބޭފުޅުން މަގާމުން ވަކިކުރަމަށް ދިޔައީ ގޮވާލަމުން

  • ފަހުން އެ ތިން ބޭފުޅުން ވެސް ވަނީ އެ ޕޯސްޓުތައް ޑިލީޓްކުރައްވާފައި

އެކަމާ ގުޅިގެން ސަރުކާރަށާއި އެ ބޭފުޅުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އިންޑިއާއާ އެކު ބޭއްވެވި ގުޅުމުގެ ސަބަބުން މިދިޔަ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކުރީގެ ރައީސް ސޯލިހް ވެސް އެކަން ކުށްވެރިކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - "ސޯޝަލް މީޑިއާގައި ދިވެހި ސަރުކާރުގެ އިސްވެރިން އިންޑިއާއާ ދެކޮޅަށް ނަފްރަތު އުފެދޭ ބަސްތައް ބޭނުންކުރުން ކުށްވެރިކުރަން. އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް. މިފަދަ ނާތަހުޒީބު ވާހަކަތަކުން އަޅުގަނޑުމެންގެ ދެ ގައުމުގެ ޒަމާންވީ އެކުވެރިކަމަށް ނޭދެވޭ އަސަރެއް ކުރާކަށް ފުރުސަތު ދީގެން ނުވާނެ،" ސޯލިހް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވެ އެވެ.

ގުޅުން ހުރި ކަމެއް - ސަރުކާރުގެ ވެރިންތަކެއް ކުރެއްވި ޕޯސްޓުތައް ރާއްޖޭގެ އެހެން ސިޔާސީ ބޭފުޅުން ވެސް ވަނީ ކުށްވެރިކުރައްވާފަ އެވެ. އެގޮތުން:

  • ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާ ފަދަ ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމުގައި މުހިއްމު ދައުރެއް އަދާކުރާ ގައުމެއްގެ ވެރިއަކަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ ކުށްވެރިކުރަން ސަރުކާރަށް ގޮވާލައްވާފައި

  • އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނު ވަނީ އެކުވެރި ގައުމުތަކަށާއި އެ ގައުމުތަކުގެ ވެރިންނަށް މަލާމާތް ރައްދުވާގޮތަށް ވާހަކަ ދައްކާ ސަރުކާރުގެ އިސް އޮފިޝަލުން މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައި

  • ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ވަނީ، އިސް މަގާމުތަކުގައި ތިބޭ ބޭފުޅުންގެ އަދަބު އަހުލާގު ވަކި ހަމައެއްގައި ހިފަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވެފައި

އެނގުން މުހިންމު - އިންޑިއާއަށް ބަދުބަސް ރައްދުކޮށް އެކްސްގައި ޕޯސްޓްކުރި ތިން ޑެޕިއުޓީ މިނިސްޓަރުން ވަޒީފާއިން ވަކިކުރުމަށް ގޮވާލައި ސަރުކާރަށް ޕްރެޝަރު ކުރަމުންދަނިކޮށް، މިއަދު އެ ތިން ބޭފުޅުން ވަނީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.

ސަސްޕެންޑް ކުރި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުންނަކީ:

  • މަލްޝާ ޝަރީފް

  • މަރިޔަމް ޝިއުނާ (ނަންނަ)

  • އަބްދުﷲ މަހްޒޫމް މާޖިދު

އިތުރު އާޓިކަލް

އިތުރު އާޓިކަލް