ޕީއެސްއެމް ބަހުސަްގައި އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓު، އާޒިމް ވާހަކަ ދައްކަވަނީ

އާދަމް އާޒިމް

ފުށި ދިއްގަރުގެ 'އިސްރާފަށް' އެއްބާރުލުމެއް ނުދޭނަން؛ އެއީ ސަރުކާރާ ކޯޅުމެއް ނޫން: އާޒިމް

އާޒިމް ވިދާޅުވީ ފުށިދިއްގަރު ހިއްކުމަކީ ފަސް ބިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ކުރެވޭނެ ކަމެއް ކަމަށާއި ބޭރު ބަޔަކާހަވާލުކޮށްގެން އެކަން ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް

ފުށިދިއްގަރު ފަޅު ހިއްކަނީ މާ ބޮޑު އަގުގައި ކަމަށާއި އެފަދަ އިސްރާފަކަށް ފުރުސަތެއް ނުދެއްވާނޭ ކަމަށާއި އެއީ ސަރުކާރާ ކޯޅުމެއް ނޫން ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ މީޑީއާ، ޕީއެސްއެމްއިން މިރޭ ބޭއްވި މާލޭ މޭޔަރު ބަހުސްގައި އާޒިމް މިގޮތަށް ވިދާޅުވެފައި މިވަނީ، ސަރުކާރަށް ނިސްބަތްވާ ކޮންގްރެސް ޕާޓީގެ ކެންޑޑޭޓް އައިޝަތު އާޒިމާ ޝަކުރޫ އެ މަގާމަށް އިންތިހާބު ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ރޭ ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅު ކެންޑިޑޭޓަކު މޭޔަރު ކަމަށް ހޮވައިފި ނަމަ ސަރުކާރަށް އެއްބާރުލުން ނުދީ ކުރާނީ 'ޖެއްސު'މެވެ.

ތަފްސީލު - ރައީސްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އާޒިމް ފުށިދިއްގަރު ފަޅު ހިއްކުން ސިފަކުރެއްވީ ވަރަށް ބޮޑު އިސްރާފެއްގެ ގޮތުގަ އެވެ. އެއަށް ފަހު، އާޒިމް ތަކުރާރުކޮށް ވިދާޅުވީ، އެފަދަ އިސްރާފުތަކަށް އޭނާ އެއްބާރުލުން ނުދެއްްވާނޭ ކަމަށެވެ.

"ގާނޫނުގެ ވެރިކަން ހިންގައިދެއްވާ. އަޅުގަނޑުވެސް ހިންގާނީ ގާނޫނުގެ ވެރިކަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ރައްޔިތުނަށްދޭ ޔަގީންކަމަކީ، އަޅުގަނޑު އެއްބާރުލުން ނުދޭނީ އިސްރާފަށް. އިސްރާފަށް އެއްބާލުން ނުދޭނަން،"

"ފުށިދިއްގަރު ފަޅު ހިއްކުމަކީ، މިގަޑިގައި އިސްރާފެއް. ބޮޑު އިސްރާފެއް."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބިންހިއްކުމުގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއިރު މިދިޔަ 3 އަހަރު އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ވެސް ހުންނެވި އާޒިމް ވިދާޅުވީ:

  • ފުށިދިއްގަރު ހިއްކުމަކީ، އެމްޓީސީސީއަށް 5 ބިލިއަން ރުފިޔާއަށް ކުރެވޭނެ މަސައްކަތެއް

  • އެހެން ކަމުން ބޭރު ބަޔަކާ ހަވާލުކޮށްގެން އެއަށް ވުރެ ބޮޑު އަގެއްގައި އެކަން އެ ކުރަނީ ވަރަށް ބޮޑު އިސްރާފެއްގެ ގޮތުގައި

"އަޅުގަނޑު މި ބުނަނީ، އިސްރާފު ނުކުރާށޭ! އަޅުގަނޑުގެ މޭޔަރު ކަމެއްގައި އެންމެންނާ ގުޅިގެން މިކަންކަން [މާލެއަށް ހުރި މައްސަލަތައް]  ހައްލުކޮށްދޭނަން،" ދޮޅު މިނެޓުގެ ޖަވާބު ނިންމާލައްވަމުން އާޒިމް ވިދާޅުވި އެވެ.

'ސަރުކާރާ ކޯޅޭ މީހަކަށް ނުވާނަން'

އާޒިމް ވިދާޅުވީ އޭނާ މޭޔަރު ކަމަށް އިންތިހާބު ވެއްޖެ ނަަމަ މަގާމުގައި ހުންނަވައިގެން ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމަށެވެ.

"އާދެ، އަޅުގަނޑުމެން މި އަންނަނީ ސަރުކާރާ ކޯޅޭކަށް ނޫން. އަޅުގަނޑުމެން މި އަންނަނީ ސަރުކާރާއެއްކޮށް މަސައްކަތް ކުރަން. ހުރިހާ މުއައްސަސާއަކާ އެކު މަސައްކަތް ކުރަން. ގާނޫނުއަސާސީ ބުނީ ކޯޅޭށޭ ނޫން. ގާނޫނުއަސީގައި ބުނީ، މޭޔަރުވެސް ރައިސުލްޖުމްހޫރިއްޔާވެސް ގާނޫނާ އެއްގޮތަކަށް އަމަލު ކުރާށޭ،" އާޒިމް ވިދާޅުވި އެވެ.

"ރައިސުލްޖުމްހޫރިއްޔާ އެބަ ވިދާޅުވޭ، ތިމަންނަގެ މީހެއް ނަގައިގެން ނޫނީ ކަމެއް ނުކޮށްދޭނަމޭ. އެ ބޭފުޅާއަށް އޮޕްޝަނެއް ނޫނޭ އެއީ، ކަންތައްތައް ނުކޮށްދިނުމަކީ. އެ ބޭފުޅާ ޖެހޭނީ ކޮށްދެއްވާށޭ. އަޅުގަނޑުމެން [ރައީސްއަކު] ހޮވީ ކޮށްދެއްވާށޭ."

މިރޭ ޕީއެސްްއެމްއިން ކުރިއަށް ގެންދިޔަ މާލޭ މޭޔަރު ބަހުސްގެ ތެރެއިން (ފޮޓޯ/ ޕީއެސްއެމް)

ރައީސް އެ ގޮތަށް ވާހަކަ ދެއްކެވިކަމަށް ވިދާޅުވެ އާޒިމް މިރޭ ވާހަކަ ދެއްކެވި ނަމަވެސް، ސަރުކާރުގެ ކެންޑިޑޭޓް އިންތިހާބު ނުވެއްޖެ ނަމަ މާލެއަށް ކަމެއް ނުކޮށްދޭނެ ކަމަށް ރައީސް ވިދާޅެއް ނުވެ އެވެ. 

މޭޔަރު ކަމަށް ސަރުކާރު ކެންޑިޑޭޓް ހޮވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކަ އާޒިމް ސިފަ ކުރެއްވީ އެއީ 'ތްރެޓް'އެއް ނުވަތަ އިންޒާރެއްގެ ގޮތުގަ އެވެ.

ޕީއެސްއެމް މޭޔަރު ބަހުސް: އެ މާގަމަށް ވާދަ ކުރައްވާ ފަސް ބޭފުޅުންވެސް މި ބަހުސްގައު ބައިވެރިވެވަޑައިގެންނެވި

"އެގޮތަށް ތްރެޓްކޮށް، ރައްޔިތުންނަށް ތްރެޓް ކުރާ ވެރިޔަކު ހުރުމަކީ، އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން،" އެ ހޫނުގަނޑު ތެރޭގައި އޭނާ އިތުރަށް ވިދާޅުވި އެވެ.

ކޮމެންޓް (1)

އާޒިމް އަލީ

7 ޖެނުއަރީ 2024
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބިންހިއްކުމުގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއިރު މިދިޔަ 3 އަހަރު އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުރި އާޒިމް ކައިރީގައި އަހާބަލާ ސަރުކާރުން ހަވާލުކުރި މަޝްރޫއުތަކަށް ލާރި ލިބުނު ތޯ ކުންފުންޏަށް.. އެމްޓީސީސީގައި ރުފިޔާ ނެތިއްޔާ ކިހިނެއް އެމްޓީސީސީއަށް ދޭނީ.. ރަސްމާލެ ހިންގަން ދާ ހަރަދުތައް ކުރަނީ އެތަން ހިއްކާ ކުންފުނިން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް