މާލޭ ޖަލު

ގައިދީން ހުސްކޮށް މާލެ ޖަލު ބަންދުކޮށްފި

ކަރެކްޝަނުން ބުނީ ޖަލު ބަންދު ކުރިނަމަވެސް އާންމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް މިމަހުގެ 12އާ ހަމަޔަށް އެ އިމާރާތުގެ ކައުންޓަރުން ލިބެމުންދާނެ ކަމަށް

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާ އިންވެގެން ހުންނަ މާލޭ ޖަލުގައި ތިބި ގައިދީން ހުސްކޮށް އެތަން މިއަދު ބަންދުކޮށްފި އެވެ.

ވީ ކިިހިނެއް؟ - ވިލާ ކޮލެޖު ކުރިމަތީގައި ހުންނަ ދަރުމަވަންތަ ސްކޫލާ އިންވެގެން މާލޭ ޖަލު ހުރުމާ ގުޅިގެން ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ނޭދެވޭ އަސަރުތަކެއް ކުރާތީ އެ ޖަލު ހުސްކުރަން މިދިޔަ އަހަރު ވަނީ އަންގާފަ އެވެ. 

ބުނީ ކީކޭ؟ - ޖަލު ހުސްކޮށް އެތަން ބަންދުކޮށްފައިވާކަން އަންގައި ކަރެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ:

  • އެ ޖަލު ބަންދުކުރަން ނިންމީ އެ ޖަލާ އިންވެގެން ހުންނަ ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ނޭދެވޭ އަސަރުކުރަމުން އަންނާތީ

  • ޖަލު ބަންދުކުރި ނަމަވެސް އާންމުންނަށް ފޯރުކޮށްދެމުން އައި ހިދުމަތްތައް މިމަހުގެ 12އާ ހަމަޔަށް އެ އިމާރާތުގެ ކައުންޓަރުން ލިބެމުންދާނެ

ދެވަނަ ޓާމުގެ ކިޔެވުން ފެއްޓެންވާއިރަށް މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކަރެކްޝަންސްގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު އާސިފް މިދިޔަ މަހުގެ ތެެރޭގައި ވަނީ ވިދާޅުވެފަ އެވެ.

އޭނާ އޭރު ވިދާޅުވި ގޮތުން މާލޭ ޖަލުގައި ތިބި ގައިދީން ހުސްކޮށް ބަދަލުކުރަން ނިންމާފައި ވަނީ:

  • މާފުށީ ޖަލުގައި ހުރި ބައެއް ޔުނިޓުތަކަށް ބަދަލު ގެނެސް މާފުށީ ޖަލުން ޖާގަ ހަދައިގެން

  • އައްސޭރި ޖަލުން ޖާގަ ހަދައިގެން

ދަނާލު ފުރަގަހުގައި ހުންނަ ކަރެކްޝަންސްގެ އެނެކްސް ވަންގެ އިމާރާތަށް ބައެއް ބަދަލުތައް ގެނެސް ކޯޓަށާއި ސިއްހީ ފަރުވާއަށް މާލެ ގެންނަ ގައިދީން އެތަނުގައި ބޭތިއްބުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ އާސިފް އޭރު ވިދާޅުވި އެވެ.

އެނގުން މުހިންމު -  ކުރީގެ ސަރުކާރުގައި ވެސް މާލެ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮތީ ބުނެފަ އެވެ. އޭރުގެ ކޮމިޝަނަރު އޮފް ކަރެކްޝަންސް އަހުމަދު މުހައްމަދުފުޅު އެ އަހަރުގެ މާޗު މަހުގެ ތެރޭގައި ވިދާޅުވި ގޮތުން ޖަލު ހުސްކުރުމުގެ މަސައްކަތް 2022ވަނަ އަހަރުން ފެށިގެން ދިޔައީ ކުރަމުން ނެވެ. ނަމަވެސް ވެރިކަން ބަދަލުވުމާ ހަމަޔަށް އެކަން ވެފައެއް ނުވެ އެވެ.

ކޮމެންޓް (1)

އިބޫ ޗޯރު

6 ޖެނުއަރީ 2024
ކުރީގެ ސަރުކާރަށް އެކަން ނުވީ ކީއްވެ ؟ ނޫސްވެރިޔާއަށް އެކަން ބެލުނު ތޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް