މާލޭ ޖަލު

ޖަލުތައް

މާލޭ ޖަލު ހުސްކޮށް ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރަން އަންގައިފި

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި އިއްވެގެން ހުންނަ މާލޭ ޖަލު ހުސްކުރަން އަންގައިފި އެވެ.

ވީ ކިިހިނެއް؟ ވިލާ ކޮލެޖު ކުރިމަތީގައި އޮންނަ ހުސް ބިމުގައި އިމާރާތްކުރަމުން އަންނަ ދަރުމަވަންތަ ސްކޫލްގައި ދީރާސީ އާ އަހަރާ އެކު ކިޔަވައިދޭން ފަށަން ވަނީ ނިންމައިފަ އެވެ. ދިރާސީ އާ އަހަރު ފެށޭނީ އޮގަސްޓްގަ އެވެ.

އެ ސްކޫލު ހުޅުވައި ކިޔަވައިދޭން ފެށުމުގެ ކުރީން، ޖަލު ހުސްކުރުމަށް މިހާރު އޮތީ އަންގާފަ އެވެ. 

ތަފްސީލް - ކޮމިޝަނަރު އޮފް ކަރެކްޝަންސް އަހްމަދު މުހައްމަދުފުޅު މިއަދު 'ދައުރު' އަށް ވިދާޅުވީ އެ އެންގުމާ ގުޅިގެން ޖަލު ހުސްކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަ ކަމަށާއި، ޖަލު ހުސްކުރުމަށް ވަކި މުއްދަތެއް ދީފައި ނުވާ ކަމަށެވެ. ވިދާޅުވީ:

  • ޖަލު ހުސްކުރުމަށް ގައިދީން ބަދަލުކުރެވޭނެ ޖަލުގެ އޮޕްޝަންތައް ދަނީ ބަލަމުން

  • މިހާރު ވިސްނާފައި އޮތީ ހުޅުމާލެ ޖަލުގެ އިތުރުން، މާފުށީ ޖަލަށްވެސް ކެޕޭސިޓީ އޮތް މިންވަރަކުން ގައިދީން ބަދަލުކުރަން

  • ޖަލު ހުސްކުރުމުގެ މަސައްކަތް ދާގޮތުގެ ތަފްސީލީ މައުލޫމާތު ފަހުން ހާމަކުރާނޭ ކަމަށް ވިދާޅުވި

ދަރުމަވަންތަ ސްކޫލުގެ އާއިމާރާތް (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)

އެނގުން މުހިންމު - ދަރުމަވަންތަ ސްކޫލުގެ އިމާރާތް މާ ބޮޑަށް ބާވެ، އެ ތަނުގައި ކިޔަވައިދިނުން ރައްކާތެރިނުވުމުން، 2016 ވަނަ އަހަރުން ފެށިގެން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ކިޔަވަމުން އަންނަނީ ވަގުތީ އިމާރާތެއްގަ އެވެ.

މާލޭ ޖަލާ އިންވެގެން އިމާރާތްކުރާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް 2020 ވަނަ އަހަރު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ އަހަރު ދުވަސްތެރޭ ނިންމާ ގޮތަށެވެ. އެކަމަކު އެކި އެކި ސަބަބުތަކާއިއެކު މަސައްކަތް ދިގުލައިގެން ގޮސް އެ ސްކޫލް ނުނިމެ އެވެ.

އެގޮތުން އިމާރާތުގެ ޑިޒައިނަށް ބަދަލު ގެނައުމާ އެކު، މުއްދަތު އިތުރުކޮށް، މިދިޔަ އަހަރުގެ ޖުލައި މަހަށް ނިންމަން ވެސް އެންގި އެވެ.  މިހާރު އިމާރާތް ވަރަށް ބޮޑަށް ނިމިފައިހުރި ނަމަވެސް އެ ސްކޫލު ހުޅުވޭނެ ސީދާ ތާރީހެއް އަދި މިނިސްޓްރީން ހާމައެއް ނުކުރި ނަމަވެސް ދިރާސީއާ އަހަރާ އެކު އާ އިމާރާތަށް ބަދަލު ކުރަން އުޅޭކަން ބެލެނިވެރިންނަށް މިނިސްޓްރީއިން މީގެ ކުރިން އަންގާފައިވެ އެވެ.

ދެ ބްލޮކަކަށް އަޅާ އެ ސްކޫލުގައި:

  • 45 ކްލާސް ރޫމު ހުރޭ

  • އެއް ސެޝަނެއްގައި 1،350 ދަރިވަރުންނަށް ކިޔެވޭނެ

  • މިހާރު އެ ސްކޫލުގައި 635 ދަރިވަރުން ކިޔަވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް