އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް މި މަހު ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އުންމީދުކުރޭ
އަމީނީމަގު ނުނިމި އޮތް ބައިގާ ތާރުއެޅުމުގެ މަސައްކަތް މިއަދު ފަށަނީ
ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްގީ ކުރުމަށް މިދިޔަ ސަރުކާރުގައި ފެށި މަޝްރޫއުގެ ދަށުން އެ މަގުގެ ނުނިމި އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. މަގު
ވީ ކިހިނެއް؟ - އަމީނީމަގުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ޖުމްލަ 13 ސެގްމެންޓަކަށް މަގު ބަހާލައިގެން ހިންގާ އެ މަޝްރޫއުގެ ދަށުން އެ މަގުގެ 11 ސެގްމެންޓެއްގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ. އެއީ ހެންވޭރުން ފެށިގެން މާފަންނު އިއްޒުއްދީން މަގާ ގުޅޭ ކަންމައްޗަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިހާބަށް ފަހު، އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފެށީ، މިދިޔަ މަހުގެ 9ގައި މި ސަރުކާރުން ނެވެ. މިހާރު ނުނިމި އޮތީ 'ދިވެހިރާއްޖޭގެ އަޑު'ގެ ބިލްޑިންއާ ހިސާބުން ފެށިގެން އަމީނީމަގުގެ ހުޅަނގަށް ބާކީ އޮތް ބައެވެ.
ބުނީ ކީކޭ؟ - އެ ބައިގައި ތާރު އެޅުމަށް ތައްޔާރުވެފައިވާކަން ހާމަކުރެއްވީ މިނިސްޓަރު މުއްތަލިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް މިއަދު ފެށޭނެ ކަމަށެވެ.
މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވަނީ، އަމީނީމަގުގައި މިހާރު ހަދަމުން އަންނަ ބަޔަކީ ބޮޑެތި ބަސްތައް ދެކޮޅަށް ދުއްވާ ބަޔަކަށްވުމާ އެކު އެ މަގުގެ ބާކީ ބައި ހަދާނީ އިތުރަށް ފުޅާކޮށްގެން ކަމަށެވެ. އަދި ސްކޫލް ހުޅުވުމުގެ ކުރިން އެ ބައިތަކުގައި ތާރުއަޅައި، މަގު ބޭނުންކުރަން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭރު ވިދާޅުވެފައިވެ އެވެ.
އާ އަހަރުގެ ކިޔެވުން މާދަމާ ފެށޭނެ އެވެ.
އެނގުން މުހިއްމު - އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން:
-
މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށް
-
210 ދުވަހުގެ ތެރޭގައި ނިންމަން ކުރީގެ ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރި މަސައްކަތް ލަސްވެ، މިދިޔަ އަހަރުގެ ސެޕްޓެމްބަރަށް ވެސް ތާރީހެއް ދިން
-
އެ ތާރީހަށް ވެސް މަސައްކަތް ނުނިމި، ފަހުން ބުނީ އެ މަސައްކަތް އާ ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް