އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން

ރާއްޖެ-އެމެރިކާ

އެންޓަނީ ބްލިންކެން ޒަމީރުއަށް ފޯނުން ގުޅުއްވައި ވާހަކަދައްކަވައިފި

އެމެރިކާ އާއި ރާއްޖޭގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުއަށް އިއްޔެ ފޯނުން ގުޅުއްވައި ވާހަކަދައްކަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ތަފްސީލް - އެކަމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން، ރާއްޖެ އާއި އެމެރިކާއާ ދޭތެރޭ ބަދަހިވަމުންދާ ގާތް ގުޅުމާ މެދު ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވެ އެވެ.

ދެ ގައުމުގެ ގުޅުން އަދިވެސް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ބަޔާނުގައިވެ އެވެ. ގުޅުން ބަދަހި ކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ދިފާއީ ކަންކަމުގައި އެކުގައި މަސައްކަތް ކުރުން 

  • އިގްތިސޯދީ ކުރިއެރުން

  • މޫސުމީ ބަދަލުތަކާއި އެ ބަދަލުތަކަށް ހޭނުން

  • ޑިމޮކްރަޓިކް އުސޫލުތައް ހިފެހެއްޓުން

  • ގާނޫނީ ހަމަތައް ހިފެހެއްޓުން

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ދެ ގައުމު ހިއްސާވާ ކަންކަމުގައި ރާއްޖެއާ އެކު މަސައްކަަތް ކުރުމަށް އެމެރިކާ އިން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ބްލިންކެން ދެއްވި އެވެ. އަދި ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.

ސަރުކާރުން އެމެރިކާއާ އެކު މަސައްކަތް ކުރަން ބޭނުންވާކަމުގެ ޔަގީންކަން ޒަމީރު ބްލިންކެންއަށް ދެއްވައި، ރާއްޖެއަށް އެމެރިކާ އިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފާހަގަކޮށްލެވޭ - އެމެރިކާ އިން ގެންދަނީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި އިޒްރޭލަށް މާލީ އެހީތެރިކަމާއި ހަތިޔާރު ފޯރުކޮށްދެމުންނެވެ. އަދި އިޒްރޭލާއި ހަމާސްއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް ނިމުމަކަށް ގެންނަން އދ. އިން ކޮށްފައިވާ ހުރިހާ މަސައްކަތެއް އެމެރިކާ އިން ވަނީ ހުއްޓުވާފަ އެވެ.

އިޒްރޭލުގެ އަމަލުތަކަށް ހިތްވަރު ދެމުންދާތީ އެމެރިކާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އެނގުން މުހިއްމު - ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އިޒްރޭލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލެއް ހުށަހަޅާފައިވެ އެވެ. 

ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ އެންމެ އިސް ވެރިޔަކީ ރައީސް ކަމަށް ވުމުން، އިޒްރޭލް ރައްޔިތުންނަށް ރާއްޖެ އައުން މަނާކުރުން ފަދަ ބަދަލެއް ހާރިޖީ ސިޔާސަތަށް ގެނެވޭނީ ސަރުކާރަށް ކަމަށް ވާތީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އެގޮތަށް ސަރުކާރަށް ލަފާދޭން ފާސްކޮށްފަ އެވެ.  

ނަމަވެސް، މިހާތަނަށް އިޒްރޭލް ޕާސްޕޯޓު މަނާކޮށްފައި ނުވާތީ އާންމުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި އެކަން ސަރުކާރުން ލަސްކުރަމުންދަނީ އެމެރިކާ އާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުމަށް އަސަރު ކޮށްފާނެތީ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.

ކޮމެންޓް (1)

ގަމީހެއް

6 ޖެނުއަރީ 2024
ވޯނިންގް އެއް ވައްޓާލީތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް