ހަނިމާދޫ އެއާޕޯޓުގައި އަޅަމުން އަންނަ އާ ރަންވޭ

ހަނިމާދޫ އާ ރަންވޭގެ އެއްބައި ނިންމާ މަހެއް ތެރޭ ބޭނުންކުރަން ފަށަނީ

އަލަށް ތަރައްގީކުރާ ބައި ހުޅުވާނީ ރޭގަނޑު ވެސް ފްލައިޓުތައް ޖެއްސޭނެހެން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭ ހިމެނޭ 2،460 މީޓަރުގެ ރަންވޭގެ މަސައްކަތުގެ ތެރެއިން 1،200 މީޓަރުގެ ސަރަހައްދެއް ކުރިއަށް އޮތް މަހެއްހައި ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފި އެވެ.

ތަފްސީލް - އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭގެ 1،200 މީޓަރު ނިމުމުން، އެތަން ބޭނުން ކުރުމަށް ނަގަން ޖެހޭ ހުއްދަތައް ނެގުމަށް ފަހު އެ ސަރަހައްދު ބޭނުން ކުރަން ފަށާނެ ކަމަށެވެ.

އެ ސަރަހައްދު ހުޅުވާނީ ރޭގަނޑު ވެސް ފްލައިޓުތައް ޖެއްސޭނެހެން އެ ހިދުމަތްތަކާ ވެސް އެކު ކަމަށް އެ ކުންފުނިން ބުންޏެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ ހަނިމާދޫ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށެވެ. އެއާއެކު އެ ރަންވޭ 24 ގަޑިއިރު ބޭނުންކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫނާރާނެހެންނެވެ. އެގޮތުން ރަންވޭގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން ސެގްމެންޓަކަށް ބަހާލައިގެން، ރަންވޭ އެއްކޮށް ބަންދުނުކޮށެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއު

  • އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި މި މަޝްރޫއު ފެށީ މި އަހަރުގެ ޖެނުއަރީ މަހު

  • މި މަޝްރޫއުގެ ދަށުން 2،460 މީޓަރުގެ ރަންވޭއެއް ތަރައްގީ ކުރާ އިރު އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތްދެވޭ ވަރުގެ ޓާމިނަލެއް ވެސް ހަދާނެ

  • މަޝްރޫއު ނިމުމުން އެއާބަސް އޭ320 އާއި ބޮއިން737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދޭނެ

މި މަޝްރޫއުއާ އެކު އުތުރުގެ ރަށްތަކުގައި ފަތުރުވެރިކަން މިހާރަށް ވުރެ ބޮޑަށް ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް