މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަނީ (ފޮޓޯ/އެމްޖޭއޭ)

އެމްޖޭއޭ

މީޑިއާގެ ސިޔާސަތުތައް ކަނޑައަޅާ ކޮމެޓީގައި އެމްޖޭއޭ ބައިވެރިނުވާނެ

ބައްދަލުވުމުގައި އެމްޖޭއޭ އިން އެދުނު ކަންތައްތަކަށް، ބައްދަލުވުމަށް 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު ފާއިތުވެގެން ދިޔަ ނަމަވެސް ސަރުކާރުން އެދެވޭ އެއްވެސް ޖަވާބެއް ނުދޭކަމަށް އެމްޖޭއޭ އިން ބުނި

މިޑިއާގެ މިނިވަންކަން ކަށަވަރުކޮށް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމަށް އެކުލަވާލި ކޮމެޓީގައި ބައިވެރިނުވުމަށް ނޫސްވެރިން ތަމްސީލު ކުރާ ޖަމްއިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރަށް ފާޑުކިޔާ ލިޔުންތައް ޝާއިއުކުރަމުން ދިޔަ ތިން ވެބްސައިޓެއް ރާއްޖޭގައި ބްލޮކް ކޮށްލުމާ ގުޅިގެން އެމްޖޭއޭ އާއި މީޑިއާގެ އެކި ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން އިސްނަގައިގެން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ތަފްސީލް -އެމްޖޭއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން މިހާރު ގެންގުޅޭ ސެންސަޝިޕްގެ ސިޔާސަތުގެ ސަބަބުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި ރައްޔިތުންނަށް މައުލޫމާތު އެނގުމާއި ދިނުމުގެ ހައްގަށް ހުރަސްއެޅޭތީ އެ ސިޔާސަތާ ދެކޮޅު ހަދާފައިވާނެ ކަމަށެވެ.

ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެ އަސާސީ ހައްގުތައް އެއްވެސް މިންވަރަކަށް ހަނިކުރަން ވާނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވެގެން ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ކަމުގައި އެ ޖަމްއިއްޔާއިން ސަރުކާރަށް ދަންނަވާފައިވާނެ ކަމަށާއި  ޖަމްއިއްޔާގެ އެކްސްކޯއިން ނިންމައިގެން އެ ބައްދަލުވުމުގައި ސަރުކާރަށް ކަންތައްތަކެއް ހުށަހަޅާފައިވާނެ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

އެގޮތުން އެ ޖަމްއިއްޔާ އިން ސަރުކާރަށް ހުށަހަޅާފައިވާ ކަންތައްތަކަކީ

  • ސަރުކާރަށް ފާޑުކިޔައި ލިޔުންތަކެއް ޝާއިއުކުރަމުން ދަނިކޮށް ބަންދުކޮށްފައިވާ ދެ ވެބްސައިޓް ބްލޮކްކޮށްފައިވާ ކުރުން ނިމުމަކަށް ގެނައުން

  • ސަރުކާރުން ބްލޮކްކޮށްފައިވާ އަދި ބްލޮކްކުރަން އެދިފައިވާ ވެބްސައިޓްތަކަކީ ކޮބައިކަން ހާމަކުރުމާއި އެ ވެބްސައިޓްތައް ބްލޮކްކުރި ސަބަބުތައް ވެސް އާންމުންނަށް އެނގޭނޭހެން އާންމުކޮށް ހާމަކުރުން؛ އަދި ބްލޮކް ކުރުމަށް ފަހު އެކަން ނިމުމަކަށް ގެނެސްފައިވާ ސައިޓްތަކަކީ ކޮބައިކަން ވެސް ހާމަކުރުން

  • ގާނޫނަކުން އިންތަކާއި ހުދޫތަކެއް ކަނޑައެޅިގެން ނޫން ގޮތަކަށް ސަރުކާރުން ދެން އިތުރަށް އިންޓަނެޓް ސެންސަޝިޕްގެ ބާރު ބޭނުން ނުކުރާނޭކަމުގެ ޔަގީންކަން ދިނުން

އެ ޖަމްއިއްޔާ އިން ބުނީ އެ ބައްދަލުވުމުގައި ބައިވެރިވި، މިނިވަން ޒިންމާދާރު މީޑިއާ އިންޑަސްޓްރީއެއް ރާއްޖޭގައި ގާއިމްކުރުމަށް ވަކާލާތުކުރާ ހުރިހާ ސީނިއާ އެޑިޓަރުން އެކަންކަމަށް ތާއީދުކުރައްވާފައިވާ ކަމަށެވެ.

ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އެމްޖޭއޭ އިން އެދުނު ކަންތައްތަކަށް، 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު ފާއިތުވެގެން ދިޔަ ނަމަވެސް ސަރުކާރުން އެދެވޭ އެއްވެސް ޖަވާބެއް ނުދޭ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

އެއާއެކު، މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަގުސަދުގައި ކަމަށް ބުނެ ބައްދަލުވުން ނިންމާލަމުން ނެގި ހަތް މެންބަރުންގެ ކޮމިޓީގައި އެމްޖޭއޭ އިން ބައިވެރިނުވުމަށް އެކްސްކޯ އިން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮމެޓީގައި ބައިވެރިނުވާން ނިންމީ އެމްޖޭއޭ އިން ބުނި ގޮތުގައި؛

  • ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން އަދި ރައްޔިތުންނަށް މައުލޫމާތު އެނގުމާއި ދިނުމުގެ ހައްގު ކަށަވަރުކުރަން އިސްލާހީ ފިޔަވަޅު އަޅައި ސަރުކާރުގެ ގުޑްވިލް އޮތްކަން ދެއްކުމަށް ލިބުނު ފުރުސަތުގެ ބޭނުން ސަރުކާރުން ހިފާފައި ނުވާތީ

  •  މި ގޮތަށް ރޫހު ހުރުމުން އެ ކޮމިޓީގެ ކޮމްޕޮޒިޝަން މިހާރު އޮތް ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމާއި މިނިވަން ޒިންމާދާރު މީޑިއާއަކަށް ފަހިވާނޭ ގޮތަށް ނަތީޖާއެއް ނެރެވޭނޭ މައުނަވީ މަސައްކަތްތަކެއް އެ ކޮމިޓީގައި ތިބެގެން ކުރެވޭނޭ ކަމަށް ގަބޫލު ނުކުރެވުން

  •  ކަންކަން ބަލައި ދިރާސާކުރި އިރު އެ މަޝްވަރާ ބައްދަލުވުމުގައި ކޮމިޓީ އެކުލަވާލުމަށް ނަންތައް ހުށަހެޅުނު ގޮތާއި ވޯޓަށް އެހުނު ގޮތުގައި އިންސާފުވެރި ނޫން ގޮތްގޮތަށް ކަންކަން ގޮސްފައިވާ ކަމަށް ބަލާނޭ ގިނަ ސަބަބުތަކެއް ހުރުމުން

 ދެފުށް ފެންނަ ހާމަކަން ބޮޑު އުސޫލެއް ނެތި އަދި ގާނޫނެއް ހެދުމެއް ނެތި އިންޓަނެޓް ސެންސަޝިޕްގެ ބާރު ބޭނުން ނުކުރުމަށް ސަރުކާރަށް ގޮވާލާ ގޮވާލުން އެ ބަޔާނުގައި ވަނީ ތަކުރާރު ކޮށްފަ އެވެ.

 ބަޔާނުގައި އިތުރަށް ބުނީ، އެމްޖޭއޭ އިން އަބަދުވެސް މަސައްކަތް ކުރާނީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ރައްޔިތުންނަށް މައުލޫމާތު ލިބުމާއި ދިނުމުގެ ހައްގުގެ ދިފާއުގައި ކަމަށާއި  ގާނޫނު އަސާސީން މަގުދައްކައިދޭ ގޮތަށް މެނުވީ މި ހައްގުތައް ހަނިކުރުމަށް އެއްވެސް ސަރުކާރަކުން އަދި ދައުލަތުގެ އިދާރާއަކުން އެކަށައަޅާ ސިޔާސަތަކަށް އެ ޖަމްއިއްޔާގެ ތާއީދު ނޯންނާނެ ކަމަށެވެ.

ކޮންމެ ސަރުކާރަކުން ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އަދި ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ މިނިވަންކަމަށް ފަހިވާ ގޮތަށް ކުރެވޭ ކޮންމެ މަސައްކަތަކަށް އެމްޖޭއޭ އާއި ނޫސްވެރި އާއިލާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް (2)

މިޮދޔަ

28 ޑިސެމްބަރު 2023
މިދިޔަ ފަސް އަހަރު ނޫސްވެރިކަމުގެ ދާއިރާ ދަށަށް ދިޔައީ. މިނިވަންކަންވެސް ގެއްލުނީ
0 0

އެމްޑީޕީ

28 ޑިސެމްބަރު 2023
އެމްޑީޕީ ސަރުކާރެއް އޮންނައިރު ތިޔަ ޖަމިއްޔާއެއް ނުފެނޭ... ސަނާ ކިޔުމުގައި މިދިޔަ ފަސް އަހަރު ހޭދަކޮށްފައި ވަނީ. އެހެންޏާ ތިޔަ ޖަމިއްޔާގެ ތިބި ފަރާތްތަކަށް ފައިސާ ލިބިފައިވޭ ވިއްޔާ.. ރައީސް ސޯލިހު އައްޔަން ކުރި ކޮންމެ ކޯޑިނޭޓަރަކު މީޑިއާއެއް ހަދައިގެން ވިއްޔާ އުޅުނީ. ނޫސްވެރިން ވިއްޔާ ތިބީ އައްޔަން ކޮށްފައި.. ސިޔާސީ މަގާމުތަކަށް. މިހާރު ކޯޗެއް ކިޔާކަން ތިޔައީ އަމިއްލަ ފައިދާއަށް އުޅޭ ބައި ގަނޑެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް