ރައީސް މުހައްމަދު މުއިއްޒު، ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)
ދެކެން ބޭނުންވަނީ ދިވެހިންގެ މާޒީން ފެނުނު އެކުވެރިކަން: ރައީސް
ދިވެހިންގެ މާޒީއާ ގުޅިފައިވާ އެއްބައިވަންތަކަމުގެ ސިފަތަކަށް ފަރުވާކުޑަ ކުރެވޭ ތަން ފެންނަމުންދާ ކަމަށާއި ކުރިން ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހި ގުޅުން އަލުން ދެކެވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ސިފަތަކަށް އަލިއަޅުވާލައްވާފަ އެވެ.
އެގޮތުން، ދިވެހިންގެ ބަހާއި ލިޔުމުގައި ބޭނުންކުރާ އަކުރުތަކާއި ނަސްލު އަދި ސަގާފަތުގައި ވެސް އެއްގޮތްވަންތަކަމާއި އެއްބައިވަންތަކަމެއް އޮންނަކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ބޭރުގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ވެސް ފެންނަނީ އެއްގޮތް ސިފަތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ހުރިހާ ކަމަކަށް ބައްލަވައި، އަރަބީންގެ ތާރީހު ލިޔުންތެރިޔަކު ވިދާޅުވެފައި އޮވޭ، ދިވެހިރާއްޖެއަކީ މި ބިންމަތީގެ ސުވަރުގެޔޭ. މިއަދު ވެސް މަގްރިބުކަރައިގެ މީހުން ރާއްޖޭގެ ނަން އެ ގޮތަށް ކިޔައި އުޅޭ. އެ މީހުން ދިވެހިރާއްޖެއަށް ކިޔަނީ ޖަންނަތު. ނުވަތަ ސުވަރުގެ،" ރައީސް ވިދާޅުވި އެވެ.
ތަފްސީލް - މިފަދަ ހަގީގަތްތައް ދިވެހިންގެ ހަޔާތާ ގުޅިފައި އޮތް ނަމަވެސް، ރައީސް ވިދާޅުވި ގޮތުގައި، މިއަދު އެ ސިފަތަކާ ދުރުވާކަން ނުވަތަ އެ ކަންކަމަށް ފަރުވާކުޑަ ކުރާކަން އެމަނިކުފާނަށް ވަނީ ފާހަގަކުރެއްވިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު ދިވެހިންގެ:
-
އާއިލީ ގުޅުންތަކަށް ފަރުވާ ބޭނުންވޭ
-
ދޭދޭ ކުލުނުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރަން އެހީ ބޭނުންވޭ
-
އެކަކު އަނެކަކުގެ އަބުރާއި އިއްޒަތަށް ހުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭން ޖެހޭ
"އަޅުގަނޑުމެންގެ ހިތްތަކަށް ރަހުމާއި ކުލުނާއި އޯގާވެރިކަމުގެ މޫސުމެއް އަންނަން އެބަ ޖެހޭ. އަޅުގަނޑު ދެކެން ބޭނުންވަނީ އެ ދުވަސް. މާޒީން އަޅުގަނޑުމެން ދެކެފައިވި، އެކުވެރިކަމުގެ ދުވަސް. ގުޅުންތެރިކަމުގެ ދުވަސް. މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދާ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް އަޅުގަނޑުމެންނަށް ދޭ ފިލާވަޅަކީ އެއީ،" 2004ގައި ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އާކުރުމަށް ފާހަގަކުރާ މި ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
"އެ ދުވަހު އެކެއްގެ އަންނައުނުން އަނެކަކު ނިވާކޮށްދިނީމު. އެކެއްގެ ބަތްސުވަލުން އަނެކެއްގެ ހައިހޫނުކަން ފިލުވައިދިނީމު. އެކެއްގެ ރެޔާއި ދުވާލުގެ ހިލޭ މަސައްކަތުން އަނެކެއްގެ ގޯތި ގެދޮރު ކުނިކަހައި ސާފުކޮށް ދިނީމު."
ސުނާމީ ކާރިސާގައި ކެނޑިފައި އޮތް ކަރަންޓާއި، ހުއްޓިފައި އޮތް ތައުލީމީ ނިޒާމަށް އަލުން ފެށުމެއް ގެނެސްދިނީ، ރައީސް ވިދާޅުވީ، ހުރިހާ ދިވެހިން ގުޅިގެން، ދިވެހިވަންތަ އަދި އިސްލާމީ ގައުމީ ރޫހުގައި ހަރަކާތްތެރިވެގެން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އެއް ރޫހަކާއި އެއް އަޒުމެއްގައި ދެމިތިބުމަށް ރައްޔިތުންގެ ފަރާތުން ވަނީ އެދިވަޑައިގެންފަ އެވެ.
ކޮމެންޓް (2)
ސިކުނޑި
މާލޭ އަދުރޭ