އަހްމަދު މޫސާ މިއަދުގެ ހައި ކޯޓު އަޑުއެހުމުގައި

ހައި ކޯޓު

އަހްމަދު މޫސާ ފުރަން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފި

އޭނާ ފުރަން ދަށު ކޯޓުން ހުއްދަ ދީފައި އޮތީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް؛ ހައި ކޯޓުން ބުނީ އޭނާ ފުރަން ހުއްދަދީފައިވަނީ ފިލާފާނެ ކަމާމެދު ސަމާލުވެ، ފިޔަވަޅު އަޅައިގެން ކަމަށް

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނެގި ކަމަށް ބުނާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ފުރަން ހުއްދަ ދީފައި އޮތީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. 

އެނގުން މުހިންމު - އިސްތިއުނާފީ މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމައި، ފުރަން ހުއްދަދިނީ ރަނގަޅަށް ކަމަށް ކަނޑައެޅި އިރު، އޭނާއަށް ފުރަން ކްރިމިނަލް ކޯޓުން ދީފައިވާ މުއްދަތު މިއަދަށް ވަނީ ހަމަވެފަ އެވެ. އެ މުއްދަތު އިތުރުކުރަން އޭނާގެ ފަރާތުން އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވޭތޯ ނުވަތަ ނޫވޭތޯ އަދި ސާފެއް ނުވެ އެވެ.

ވީ ކިހިނެއް؟ - މައިބަދައިގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ދާން އޭނާ އެދިފައިވާތީ އޭނާގެ ޕާސްޕޯޓް މިއަދުގެ ނިޔަލަށް ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މި މަހުގެ 7ގަ އެވެ. އެއާ އެކު، ޕީޖީން ވަނީ، އެ އަމުރު އިސްތިއުނާފް ކުރުމާ އެކު، އޭނާ ފުރުން މަނާކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހަމަ އެ ދުވަހު ހައި ކޯޓަށް ހުށަހަޅާފަ އެވެ. 

ހައި ކޯޓުން މި މަހުގެ 16ގައި ވަނީ، އެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް އޭނާ ފުރައިގެން ހިނގައްޖެ ނަމަ އެ އިސްތިއުނާފްގެ މަގުސަދު ގެއްލިގެން ހިނގައިދާނެތީ، އޭނާ ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް އިމިގްރޭޝަންގެ މައްޗަށް ނެރެފަ އެވެ.

ތަފްސީލް - އޭނާ ފުރަން ހުއްދަދިނުމުން އިސްތިއުނާފް ކޮށްފައިވާ މައްސަލާގައި، ކްރިިމިނަލް ކޯޓުގެ އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފައިވަނީ ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔުގަ އެވެ. އެ ރައުޔުއަށް ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ތާއީދުކުރެއްވުމުން، ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ނިންމާފައިވަނީ އަހްމަދު މޫސާއަށް ފުރަން ދިން ހުއްދަ ދެމެހެއްޓުމަށެވެ.

ފަރުހީޒާގެ ރައުޔުގައި ވަނީ:

  • ފިލާފާނެކަމުގެ އިހްތިމާލެއް އޮތް ކަމަށް ބެލެވިފައިވާ މީހަކާ މެދު ޝަރީއަތުން ފިޔަވަޅު އެޅުމުގައި އަބަދުމެ އެކަމަށް ސަމާލުވާންޖެހޭ؛ މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެކަމަށް ފާރަވެރިވެފައިވާ ކަމަށް ބެލެވޭ

  • ސަބަބަކީ އަހްމަދު މޫސާ އެދުނު ފަދައިން ޕާސްޕޯޓް ހިފެހެއްޓި ހިފެހެއްޓުން ބާތިލުކުރުމުގެ ބަދަލުގައި ހުޝިޔާރު ފިޔަވަޅެއްގެ ގޮތުގައި ޕާސްޕޯޓު ދޫކޮށްފައިވަނީ ވަގުތީ ގޮތުން ކަނޑައެޅި މުއްދަތަކަށް. އެ މުއްދަތަށް ފަހު ފާސްޕޯޓް ހިފެހެއްޓުން އިއާދަވާ ގޮތަށް

  • ފިލާފާނެކަމުގެ ބިރު އޮންނަ މީހަކު ކޯޓުގެ އިހްތިސާސް ނުހިނގާ ސަރަހައްދަކަށް ދެވޭ ގޮތަށް ހުއްދަ ދިނުމުގައި ފަރުވާތެރިވާންޖެހޭ؛ އެކަންކަމަށް ކްރިމިނަލް ކޯޓުން ބަލާފައިވޭ

  • ބައްޔަށް ފަރުވާ ހޯދާފައިވާ މުއްދަތާއި ބަލީގެ ބާވަތާއި ސީރިއަސްކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ރިއާޔަތްކޮށްފައިވޭ

  • އަދި މައްސަލައިގައި ހޭދަވެފައިވާ މުއްދަތަށް ބަލައި ވޭތުވެދިޔަ ތަނުގައި އަހްމަދު މޫސާގެ ފަރާތުން ކޯޓަށާއި ޝަރީއަތަށް އެއްބާރުލުންދީފައިވާ މިންވަރަށް ރިއާޔަތްކޮށްފައިވޭ

  • ފަރުވާގެ މުއްދަތުގައި އެހީތެރިކަން ފޯރުކޮށްދޭން ތިބި މީހުން ތިބީ ރާއްޖެއިން ބޭރުގައި ކަމަށް ބުނެ ފާހަގަކުރި ކުރުމަށް ރިއާޔަތް ކޮށްފައިވޭ 

  • ފަރުވާ ރާއްޖެއިން ލިބޭތީ ހަމައެކަނި އެ ސަބަބަށްޓަކައި ދަށު ކޯޓުގެ ނިންމުން ބާތިލުކުރެވިދާނެ ކަމަކަށް ނުދެކެން

މި ރައުޔުއާ ތަފާތުވި ހުސެއިން މަޒީދުގެ ރައުޔުގައި ބުނީ، އެ ހުއްދަ ބާތިލުކުރަން ޖެހޭ ކަމަށެވެ. އެގޮތަށް ދެކޭ ސަބަބުތަކުގެ ގޮތުގައި ފަނޑިޔާރު ފާހަގަކުރެއްވީ، އޭނާ ފުރަން ހުއްދަ ދިނުމުގައި ބަލަންޖެހޭ ކަންކަމަށް ފުރިހަމައަށް ބަލާފައި ނެތް ކަމަށް ދެކެވަޑައިގަތުމެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • އަހްމަދު މޫސާއަކީ ފިލާފާނެ ކަމުގެ ބިރު އޮތް މީހެއް ކަމަށްވާއިރު، ދަށު ކޯޓުން ޕާސްޕޯޓު ދޫކޮށްލަން އަމުރުކުރިއިރު އޭނާއަށް ނުފިލޭނެ ގޮތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ

  • ވަކި މުއްދަތަކަށް ޕާސްޕޯޓު ދޫކުރުމަކީ ޕާސްޕޯޓު މީގެ ކުރިން ހިފެހެއްޓި މަގުސަދު ހާސިލުވާ ކަމެއް ކަމަކަށް ނުފެނޭ

  • ސާޖަރީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ފުރަން ޕާސްޕޯޓް ދޫކޮށްފައިވާއިރު، އެއީ ރާއްޖެއިން ނުލިބޭ ފަރުވާއެއްތޯ އާއި ކުއްލި ފަރުވާ ލިބެންޖެހޭ ހާލަތެއްތޯ ދަށު ކޯޓުން ކަށަވަރުކޮށްފައެއް ނުވޭ

އެނގުން މުހިންމު - އަހްމަދު މޫސާގެ މައްޗަށް ކުރަނީ 2014ގައި، އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެެޅުމަށް 280 މީހެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ.

މައްސަލަ ތަހުގީގު ކުރަން ފެށުމުން ލަންކާއަށް ގޮސް ފިލާފައިވާތީ، އޭނާ ހައްޔަރުކޮށްފައިވަނީ ރެޑް ނޯޓިސް ނެރެގެން 2021 ވަނަ އަހަރުގަ އެވެ. އެއަށް ފަހު ވެސް އޭނާ ބަންދުން ދޫކޮށްލުމުން ދެ ފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށް ގޮސް ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، އޭނާގެ ޕާސްޕޯޓް މިހާތަނަށް ހިފަހައްޓާފައި އޮތީ، ފިލާފާނެ ކަމުގެ ބިރު އޮތުމުންނެވެ. 

ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއާ ގުޅިގެން އެ ކޯޓުން ޝަރީއަތް ނިމެންދެން ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ 16 ޖޫން 2021ގަ އެވެ. 

މި ވަގުތު ގޭބަންދެއްގައި ހުރި އަހްމަދު މޫސާގެ ޕާސްޕޯޓް ދޫކޮށްލީ، އެ އަމުރު މުރާޖައާކޮށްދިނުމަށް އެދި އޭނާގެ ފަރާތުން މިދިޔަ މަހުގެ 29ގައި އެދުމުންނެވެ.

އެ އަމުރު މުރާޖައާކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކުރި ސަަބަބެއް ކަމަށް އޭރު ބުނެފައިވަނީ:

  • ސިއްހީ ލިޔެކިޔުންތަކަށް ބަލާއިރު، އަހްމަދު މޫސާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮވޭ

  • މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭތީ އާއި އަހްމަދު މޫސާގެ އާއިލާ ދިރިއުޅެނީ ވެސް ސްރީ ލަންކާގައި ކަމަށް އޭނާ ބުނެފައިވާތީ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް

  • އަހްމަދު މޫސާގެ މައްޗަށް އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އޭނާ ކޯޓަށާއި ޝަރީއަތަށް މިހާތަނަށް އެއްބާރުލުން ދީފައިވާ މިންވަރަށް ރިއާޔަތް ކޮށްފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް