ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން ތަކެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ރާއްޖޭގައި މިހާރު ތިބި ބިދޭސީން 6 މަސް ތެރޭ މެޑިކަލް ޗެކަޕް ހަދަން ޖެހޭ ގޮތަށް ހަދައިފި

ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައުމަށް ފަހު މިހާރު މެޑިކަލް ޗެކަޕް ހަދަން ދީފައިވާ 30 ދުވަހުގެ މުއްދަތު 15 ދުވަހަށް ކުރު ކުރަން ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައި

ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ ތެރެއިން އަހަރު ދުވަސްތެރޭ މެޑިކަލް ޗެކަޕެއް ހަދާފައިނުވާ އެންމެން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ މެޑިކަލް ޗެކަޕް ހަދައި ނިންމަން އަންގައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު 11 ޖެހިއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަޒީރުންގެ މަޖިލީހުގައި އިއްޔެ ނިންމި 9 ނިންމުމެއްގެ ތަފްސީލް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވަނީ ވިދާޅުވެދެއްވައިފަ އެވެ.

މީގެ ތެރޭގައި ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާގެ ކޭސްތައް އަލުން ރާއްޖޭގައި ފެންނަން ފެށުމާއި ގުޅިގެން އެ ބަލި ކޮންޓްރޯލު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ބައެއް ނިންމުންތައް އޭނާ ހިއްސާކުރެއްވި އެވެ.

ބުނީ ކީކޭ؟ - ނާޒިމް ވިދާޅުވީ ރާއްޖެއަކީ ގައިންގަޔަށް އަރާ ގިނަ ބަލިތައް ކޮންޓްރޯލް ކުރެވި ނައްތާލެވިފައިވާ ގައުމަކަށް ވިޔަސް، އެފަދަ ބަލިތައް އަލުން ރާއްޖޭގައި ފެތުރިގެންދަނީ އެފަދަ ބަލިތައް އުޅޭ ގައުމުތަކުން އަންނަ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ކަމަށެވެ.

އެކަން ހައްލުކުރުމަށް ނިޒާމުތައް ހައްލުކުރުމުގެ ގޮތުން އަޅަން ނިންމާފައި ފިޔަވަޅުތަކުގެ ގޮތުގައި އޭނާ ވިދާޅުވީ:

  • އަހަރު ދުވަސްތެރޭ މެޑިކަލް ޗެކަޕެއް ހަދާފައި ނުވާ، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ހަ މަސް ދުވަސްތެރޭ މެޑިކަލް ޗެކަޕް ހަދައި ނިންމުން

  • ގަވާއިދާ ހިލާފަށް ރާއްޖޭގައި މިވަގުތު އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ތެރޭގައި މެޑިކަލް ޗެކަޕް ހެދުން ލާޒިމު ކުރުން

  • ރާއްޖެއަަށް ދިގު މުއްދަތަކަށް އަންނަ ބިދޭސީން ރާއްޖެ އަންނަ އިރު އޮންއެރައިވަލް އަދި އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުން ލާޒިމު ކުރުން

  • ކައިވެނީގެ ވިސާއަށް އަލަށް ހުށަހަޅާ އިރު މެޑިކަލް ޗެކަޕް ހެދުން

  • ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައުމަށް ފަހު މިހާރު މެޑިކަލް ޗެކަޕް ހަދަން ދީފައިވާ 30 ދުވަހުގެ މުއްދަތު 15 ދުވަހަށް ކުޑަކުރުން؛ 15 ދުވަސްތެރޭ ރާއްޖެއަށް އަންނަ މަސައްކަތްތެރިއަކު މެޑިކަލް ޗެކަޕް ހަދައި އެޗުޕީއޭއަށް ލިއުންތައް ހުށަހަޅަން ޖެހޭ ގޮތް ހަދަން ވަނީ ނިންމާފައި

  • ބިޒްނަސް ވިސާގައި ތިބޭ ބިދޭސީން ވިސާގެ މުއްދަތު އިތުރުކުރާ ނަމަ، ވިސާ އާކުރުމުގެ ކުރިން މެޑިކަލް ޗެކަޕް ހަދަން ޖެހޭ ގޮތް ހެދުން

  • މިހާރު މަސައްކަތްތެރިން ރާއްޖެ އެތެރެވާއިރު ހުއްދަ ދިނުމަށް ވޯކް ޕާމިޓުގައި ހަދަންޖެހޭ ކަމަށް ހިމަނާފައިވާ ޓެސްޓުތަކުގެ ތެރެއަށް ހާލަތާ އެއްގޮތަށް ހެލްތު މިނިސްޓްރީއަށް ފެންނަ ޓެސްޓުތައް އިތުރުކުރުން

ނާޒިމް ވިދާޅުވީ ރާއްޖެ އެތެރެވާ އިރު ހަދާ ޕްރީއެރައިވަލް މެޑިކަލް ޗެކަޕް ހަދާނީ ހެލްތު މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް އެ މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި ކަމަށް ވެސް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމާފައިވާ ކަމަށެވެ.

އެނގުން މުހިންމު - ފައިލޭރިއާ ބަލި ރާއްޖޭން އަލުން ފުރަތަމަ ފެނުނީ މިފަހުން ބަގްލަދޭޝްއިން ރާއްޖެ އައި މަސައްކަތްތެރިންގެ ގައިން ނެވެ. ބަގްލަދޭޝްއަކީ މި ބަލި ނައްތާލެވިފައިވާ ތަނެއް ނޫނެވެ. އަދި އެ ގައުމުން އިތުރު ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ މިހާރު ސަރުކާރުން ދީފައިވާތީ، އެ ހުއްދަ މަޑުޖައްސާލުމުގެ ވިސްނުން ގެންގުޅެންތޯ 'ދައުރު' އިން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ އެކަމާ ގުޅިގެން ވަޒީރުންގެ އިއްޔެގެ މަޖިލީހުގައި މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެކަމަށް އިތުރު ބައްދަލުވުމެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ފައިލޭރިއާއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަން 2016ވަނަ އަހަރު ކަނޑައަޅާފައިވަނިކޮށް، މިފަހުން ރާއްޖެއިން އަލުން މި ބަލި ފުރަތަމަ ފެނިފައިވަނީ ހދ.ކުޅުދުއްފުށިން ނެވެ. އެރަށުން މި ބަލި ދެނެގަނެވުނީ، ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބިދޭސީންނަށް އަމާޒުކޮށްގެން މިމަހުގެ 1 އިން 2 އަށް ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕޭޭނެއްގެ ތެރެއިންނެވެ. އޭގެ ފަހުން ހުޅުމާލެއިންނާއި މާލެއިން ވެސް އިތުރު ކޭސްތަކެއް ފެނި މިހާރު ރާއްޖޭން މިބަލި ޖެހިފައިވާ 32 މީހަކު ވަނީ ފާހަގަކުރެވިފަ އެވެ.

އެނގުން މުހިންމު- އެޗްޕީއޭ އިން ބުނި ގޮތުގައި ޕޮޒިޓިވް ވެފައިވާ ނަތީޖާތަކަށް ބަލާއިރު، އޭގެތޭރޭގައި ހިމެނެނީ:

  • އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 މީހުން

  • އިންޑިއާގެ ބިހާރުގެ 18 މީހުން

  • އިންޑިއާގެ ޓެމިލްނާޑޫގެ އެކަކު

  • އިންޑިއާގެ ގޯޕާލްގަންޖުގެ އެކަކު

  • ބަންގްލަދޭޝްގެ ދެމީހުން

ކޮމެންޓް (1)

ގަމީހެއް

28 ޑިސެމްބަރު 2023
އިންޑިއާ 30 މީހުން. ބަންގްލަދޭޝް 2 މީހުން. އެކަމު ބަލި ފެނުނީ ބަންގްލަދޭޝްއިން އައި މީހުން ގައިންނޯ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް