ފައިލޭރިއާ ބަލި ޖެހިފައިވާ މީހެއް

ހދ. ކުޅުދުއްފުށި

ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާގެ ކޭސްތަކެއް ކުޅުދުއްފުށިން ފެނިއްޖެ

ކުޅުދުއްފުށި ހޮސްޕިޓަލުން ބުނީ، ފައިލޭރިއާ ފެނިފައިވަނީ 16 ބިދޭސީއެއްގެ ގައިން ކަމަށް

ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާ (ފައިފަލަބަލި)ގެ ކޭސްތަކެއް ހދ. ކުޅުދުއްފުށިން ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - މި ކޭސްތައް ފެނިފައިވަނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބިދޭސީންނަށް އަމާޒުކޮށްގެން މިމަހުގެ 1 އިން 2 އަށް ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕޭޭނެއްގެ ތެރެއިންނެވެ.

ބުނީ ކީކޭ؟ - ކުޅުދުއްފުށީ ހޮސްޕިޓަލުން މިއަދު 'ދައުރު' އަށް ބުނީ މި ހެލްތު ކޭމްޕަށް ޒިޔާރަތްކުރި ބިދޭސީންގެ ތެރެއިން އެކިއެކި ބަލިތަކަށް ސްކްރީންކުރި ބިދޭސީންގެ ތެރެއިން 16 މީހަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއީ ފައިލޭރިއާ ބަލި އަދިވެސް އުޅޭ ގައުމުތަކުންނާއި، ސަރަހައްދުތަކުން ވަރަށް ފަހުން ރާއްޖެއަށް އައި މީހުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެ އެންމެންނަކީ ވެސް އެރަށުގައި މަސައްކަތް ކުރާ ބިދޭސީންނެވެ.

އެ ހޮސްޕިޓަލުން ބުނިގޮތުން:

  • ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންނާ އެކު ދިރިއުޅޭ މީހުންގެ ސްކްރީނިން ޓެސްޓުތައް ދަނީ ކުރަމުން

  • އެ ޓެސްޓުން ޕޮޒިޓިވް ވެފައިވާ މީހުންގެ ބަލި ހުރިކަން ޔަގީން ކުރުމަށްޓަކައި އިތުރު ކޮންފަމޭޓަރީ ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރިއަށް ދާނެ

"ސްކްރީނިން ޓެސްޓުން ޕޮޒިޓިވް ކަމަށް ދައްކާ 16 ބިދޭސީންގެ ކޮންފަމޭޓަރީ ޓެސްޓުތައް މިރޭ ހެއްދޭނެ. ނަތީޖާ ލިބުމުން އަޅުގަނޑުމެން ހިއްސާކުރާނަން އިތުރު މައުލޫމާތު،" ކުޅުދުއްފުށީ ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު މޫސާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ބިދޭސީންނަށް ހާއްސަކޮށްގެން ބޭއްވި ހެލްތު ސްކްރީނިން ކޭމްޕުގައި އެރަށުގައި މަސައްކަތްކުރާ ބައެއް ބިދޭސީން (ފޮޓޯ/ކުޅުދުއްފުށީ ހޮސްޕިޓަލް)

އެނގުން މުހިންމު - ފައިލޭރިއާއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ފައިލޭރިއާއަށް ދެވޭ ފަރުވާއަކީ އެއްފަހަރު ބޭނުންކުރާ ދެ ބެހޭކެވެ.

ފައިލޭރިއާ އާއްމުކޮށް ފެތުރެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިންނެވެ. މިއީ ޗިކަންގުންޔާ އަދި ޑެނގީ ފަތުރާ އީޑީސް މަދިރިއާ ތަފާތު މަދިރިއެކެެވެ.

ފައިލޭރިޔާ ފެތުރެނީ މި މަދިރި އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި، 'ވޫކެރީރިއާ ބެންކްރޮފްޓީ' ކިޔާ ފަންޏެއް ހަށިގަނޑުގެ ތެރެއަށް ވާސިލުވެެގެންނެވެ. މި ފަނި ދިރިއުޅެނީ އިންސާނާގެ ހަށިގަނޑުގައިވާ ލިމްފް ގޮށްތަކާއި ލިމްފް ދައުރުކުރާ ހޮޅިތަކުގެ ތެރޭގަ އެވެ. އެއަށް ފަހު ބޮލުގެ ތެރެއިން އަގަޔާއި، ތުންފަތަށް ވާސިލްވެ އެވެ.

މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑރ އަބުދުލް އަޒީޒު ހަމީދު ވިދާޅުވާ ގޮތުގައި، މި ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށް ފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާއަށް ކުރިމަތި ކުރުވުމަށް ގާތްގަނޑަކަށް 12-8  މަހާއި ދެމެދުގެ މުއްދަތެއް ނަގަ އެވެ. 

ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި:

  • ހުންއައުން؛ މި މަރުހަލާގައި ހުން އަންނަ އިރު ގޮށެއް ނުލާނެ

  • ހީކެރުވުން

  • ބޮލުގައި ރިހުން

  •  ހޮނޑުލެވުން 

  • ހިތް ނުތަނަވަސް ވުން ފަދަ އުނދަގޫތައް 

މި ބަލިން ރައްކާތެރިވުމަށް މަދިރި އުފެދި އާލަވާ ގޮތަށް ހުންނަ ތަންތަން ބަލައި، އެފަދަ ތަންތަން ނައްތާލުން މުހިންމެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެއިން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫންނެވެ. އެޔަށްފަހު 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައިނުވާކަމަށް ހެލްތު މިނިސްޓްރީން އޭރު ބުނެފައިވެ އެވެ.

ރާއްޖެއިން ފައިލޭރިއާ ނައްތާލެވިފައިވާކަން ޔަގީންކުރަން ޑަބްލިއުއެޗްއޯގެ ޓީމެއް 2011ވަނަ އަހަރު ރާއްޖެ އައެވެ. އެ ބަލި ނައްތާލެވިފައިވާ ގައުމުތަކުގެ ގޮތުގައި ރާއްޖެ ހިމަނާފައިވަނީ 2016ވަަނަ އަހަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް