ކުދިން ބަލަހައްޓާ ދައުލަތުގެ މުވައްޒަފުން ތަމްރީނު ކުރަން ކޯސްތަކެއް ފަށަނީ

މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ އެ މުވައްޒަފުން ތަމްރީނު ކުރުމުގެ ތިން ލެވެލްއެއްގެ ކޯސްތަކެއް އަންނަ ފެބްރުއަރީގައި ފަށަން އެމްއެންޔޫއާ އެކު މަޝްވަރާކޮށްފައިވާ ކަމަށް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ތަންތަނުގައި ތިބޭ މުވައްޒަފުންނަކީ އެ ކަމަށް ބޭނުންވާ އެކަށީގެންވާ ތަމްރީނާއި ތައުލީމް ލިބިފައިވާ ބަޔަކަށް ހެދުމަށް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އެކަމާ ގުޅޭ ކޯސްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި އަމާންވެށި ފަދަ ތަންތަނުގައި ތިބޭ މުވައްޒަފުން އެ ތަނުގައި ތިބޭ ކުދިންނާ މެދު އިހުމާލުވެ، އަނިޔާކުރާ ކަމުގެ ތުހުމަތުތައް ވެސް ދޭތެރެ ދޭތެރެއިން ކުރެ އެވެ.

އެގޮތުން، 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ހިންގި ހަރަކާތްތަކެއްގައި، ބައެއް މުވައްޒަފުން އެ ކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކުގައި އެޗްއާރުސީއެމް އިން 2021 ވަނަ އަހަރު ވަނީ ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީގެ މައްޗަށާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ހިމެނޭ ގޮތުން 30 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދިފަ އެވެ. ނަމަވެސް، އެ މައްސަލަތައް ފަހުން ނުހިނގަ އެވެ.

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ފިޔަވަތީގައި ހުރި ކުއްޖަކު ހޮސްޕިޓަލަށް ގެންދަނީ.

ބުނީ ކީކޭ؟ - މިނިސްޓަރު އައިޝަތު ޝިހާމް މިދިޔަ ހަފްތާގައި 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަަހައްޓާ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީން ދިނުމާ ބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ އެ ކަމުގެ މުހިންމުކަން ފާހަަގަކުރެވިގެން، އެ ކަމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާ ވާހަކަދައްކައިގެން އެ ބޭފުޅުން އެބަ ވިދާޅުވޭ، ފައްޓަވާ ދެއްވާނަމޭ އަންނަ ފެބްރުއަރީ ތެރޭގައި [އެ ތަންތަނުގައި ތިބޭ މުވައްޒަފުންގެ ތަމްރީންތަކަށް ހާއްސަ] ތިން ލެވަލްއެއްގެ ކޯސްތަކެއް،" އޭނާ ވިދާޅުވި އެވެ.

އެ ކޯސްތަކުގެ ތެރޭގައި މިނިސްޓަރު ފާހަގަކުރެއްވީ:

  • ސެޓިފިކެޓް އިން ސޯޝަލް ވޯކް

  • ޑިޕޮލަމާ އިން ސޯޝަލް ވޯކް

  • ޑިގްރީ އިން ސޯޝަލް ވޯކް

އައިޝަތު ޝިހާމް ވިދާޅުވީ، އެއިން ކޮންމެ ލެވަލަކަށް ވެސް މިހާރު އެ ތަންތަނުގައި ތިބި މުވައްޒަފުން ބައިވެރިކޮށްގެން ތަމްރީން ކުރާނެ ކަމަށެވެ. އަދި އިތުރު ތަމްރީންތައް ވެސް ހަދަމުން ގެންދަން ޖެހޭ ގޮތަށް ނިޒާމު ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެނެވޭ ހިސާބުން އެ ކުއްޖާގެ ބެލެނިވެރިކަން ހަވާލުވަނީ ދައުލަތާ ކަމަށް ވާތީ، އެ ކުއްޖާގެ ތައުލީމާއި ސިއްހަތު ފަދަ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި އެކަންކަން ކަށަވަރު ކޮށްދިނުމަށް އެ ކުދިން އުޅޭ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަން ކުރެވޭނީ، އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި، ރަނގަޅު ނިޒާމެއްގެ ތެރެއިން އެ ކުދިން ބަލަހައްޓަން ތިބޭ މީހުންނަކީ ވެސް އެ ކަމުގެ ތަމްރީނާއި ތައުލީމް ލިބިފައިވާ ބަޔަކަށް ހެދިގެންކަން އޭނާ ފާހަަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް