އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން: އެޕާޓީގެ މަޖިލިސް ޕްރައިމަރީ ބާއްވަނީ އަންނަ މަހު 26 އަދި 27ގައި (ދައުރު ފަައިލް ފޮޓޯ/ ހުސައިން ސުނޭން)

އެމްޑީޕީ

އެމްޑީޕީ މަޖިލިސް ޕްރައިމަރީ އަންނަ މަހު 26-27ގައި؛ ފުރަތަމަ ބަލަނީ ޝައުގުވެރިވާ މީހުން

މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ އާއި އަދާލާތު ޕާޓީއަށް ވެސް ބައެއް ދާއިރާތައް ދިނުމުގެ ފުރުސަތު އެބަ އޮތް

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ އަންނަ މަހު 26 އާއި 27ގައި ބާއްވާނެކަން އެ ޕާޓީން މިއަދު އިއުލާންކޮށްފި އެވެ. އެއާ އެކު ޕްރައިމަރީއަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަކީ ކޮބައިތޯ ބަލަން މިއަދު ވަނީ ހުޅުވާލައިފަ އެވެ.

ވީ ކިހިނެއް؟ - މިކަންކަން އިއުލާންކުރީ އެމްޑީޕީގެ ކުރީގެ އޮފީސް، ހ. ޝަރަޝާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ބުނީ ކީކޭ؟ - މިއަދު މި ހުޅުވާލަނީ، އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް. [އެއީ] މިއަދުން ފެށިގެން ޑިސެމްބަރު 25ގެ ހަވީރު4:00އާ ހަމައަށް،" ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވި އެވެ.

ތަފްސީލު - އިބްރާހިމް ވަހީދު ވިދާޅުވީ ޝައުގުވެރިވާ ފަރާތްތައް ބެލުމަށް ފަހު، ޝަރުތު ހަމަވާ މީހުންގެ މެދުގައި ޕްރައިމަރީ ބާއްވަން ޖެހޭ ތަންތަނުގައި ޕްރައިމަރީ ބާއްވާނެ ކަމަށެވެ. އެ ޕްރައިމަރީ އޮންނާނީ ދެ ދުވަހަށް ބަހާލައިގެން އަންނަ މަހު 26 އާއި 27 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ އެއް ދުވަހަށް ޕްރައިމަރީ ހިންގުމުގައި އިދާރީ ގޮތުން އެންމެ ފަސޭހަ ނުވެދާނެ ކަމަށް ބަލައި، ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމީ،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

ޕްރައިމަރީގެ ތާރީހު 26 އާއި 27އަށް ކަނޑައެޅި ނަމަވެސް އެ ތާރީހަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ރައީސް މުހަންމަދު މުއިއްޒުގެ ސަރުކާރަކީ 'ޑިމޮކްރަސީއާ ދުރު' ސަރުކާރަކަށް ވުމުން ވޯޓުލުން ކުރިއަށް ގެންދަން ސްކޫލުތަކުގެ ހޯލު އެ ޕާޓީއަށް ދޫނުކޮށްފާނެތީ ކަމަށެވެ.

"ސްކޫލްތައް ހޯދުމަށް މިހާރު ވަނީ އެދިފައި. އަދި އެކަހަލަ [ހުއްދަ ދޭނެކަމުގެ] އިޝާރާތެއް މި ސަރުކާރުން ލިބިފައެއް ނެތް،" ސްކޫލްތައް ލިބިއްޖެ ނަމަ ކަނޑައެޅި ތާރީހުގައި ބޭއްވޭނެ ކަމަށް ފާހަގަކޮށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބްރާހިމް ވަހީދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ޕްރައިމަރީގައި ވާދަކުރައްވާ މީހުންގެ ޝަރުތުތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ:

  • އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަޖިލިސް މެންބަރެއްގެ ހުންނަން ޖެހޭ ޝަރުތުތައް

  • ކުށުގެ ރިކޯޑެއް އޮތްތޯ ބަލާނެ

  • އޭގެ އިތުރުން މީގެ ކުރީގެ ޕްރައިމަރީތަކުގައި ވެސް ބަލާފައިވާ ގޮތަށް، ޕާޓީއަށް ހިދުމަތްކޮށްފައިވާ މިންވަރާއި ޕާޓީގައި އުޅެފައިވާ މުއްދަތު އަދި އަސާސީ ގަވައިދުގައި ބުނާ އަހްލާގީ މިންގަނޑަށް ފެތޭތޯ ބަލާނެ

ފުރަތަމަ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ބަލަނީ ކީއްވެގެންތޯ އާއި ކުރިމަތިލާން ހުޅުވާލާނީ އަދި ވަކިންތޯ 'ދައުރު'ން ސުވާލު ކުރުމުން އިބްރާހިމް ވަހީދު ވިދާޅުވީ:

  • ޕްރައިމަރީއަށް ކުރިމަތިލާން ދެން ހުޅުވައެއް ނުލާނެ؛ ޝައުގުވެރިވާ ފަރާތްތަކަށް އެކަނި ދެން ވާދަކުރެވޭނީ

  • ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީގައި ވާދަކުރުމަށް ޕާޓީން 'ދެން ކުރާނީ އިންވައިޓް'

  • އެ ނިންމުމަކީ މިދިޔަ މަހު އުކުޅަހުގައި ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި ނިންމި ނިންމުމެއް

"[ޕާޓީގެ] ކުރީގެ ޕްރައިމަރީތަކުގައި އަންނަ [ކުރިމަތިލާ] ހުރިހާ ފަރާތްތައް ޕްރައިމަރީއަށް ފޮނުވާލަނީ. މިފަހަރު މި ގަސްތުކުރަނީ އޭނާގެ ރެކޯޑާ އެއްޗެހި ސާފުކުރުމަށް ފަހު، ޕްރައިމަރީއަކަށް ދާން،" ވަހީދު ވިދާޅުވި އެވެ.

ގައުމީ މަޖިލީހުން އެގޮތަށް ނިންމި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ 'ޕާޓީ މިވަގުތު އިދިކޮޅުގައި އޮތުމުން، ބައެއް އިދާރާތައް ޕްރައިމަރީއަކަށް ނުގޮސް ވެސް ނިންމިދާނެ ކަމަށް ފެންނާތީ' ކަމަށެވެ.

ޝައުގުވެރިކަން ފާޅުކުރުމާއި ޕްރައިމަރީގައި ބައިވެރިވުމާ ހުރި ތަފާތަކީ ކޮބާ؟

'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީން މިފަހަރު މި ގެންގުޅޭ 'ޝައުގުވެރިވާ ފަރާތްތައް ބެލުން' މިއީ ޕްރައިމަރީގެ ސަބަބުން ދިމާވާ މައްސަލަތައް ވީހާވެސް ކުޑަކުރުމުގެ މަގުސަދުގައި އަޅާ ފިޔަވަޅެވެ.

ޕްރައިމަރީގައި ބައިވެރިވާން ހުޅުވާލައިފި ނަމަ ނަން ފޮނުވާ އެންމެންނަށް އޭގައި އެ ބައިވެރިވެވުނީ އެވެ. ޝަރުތު ހަމަވާ އެންމެންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ އެވެ. ނަމަވެސް ޝައުގުވެރިކަން ފާޅުކޮށް އެކަން ހުށައެޅުމުގެ މާނައަކީ ޕްރައިމަރީގައި އެ މީހަކަށް އަދި ބައިވެރިވެވުމެއް ނޫނެވެ. އޭގެ ބަދަލުގައި ޕްރައިމަރީއެއް ނުބާއްވާ އެންމެ ކެންޑިޑޭޓެއް ކަނޑައެޅޭނެ ދާއިރާތަކެއް، މަޝްވަރާތަކުގެ އަލީގައި ކަނޑައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޑީޕީން ދެކެ އެވެ.

ޕްރައިމަރީގައި ވޯޓު ލެވެނީ، މިއަދުގެ ނިޔަލަށް ޕާޓީއަށް ލިބިފައިވާ ފޯމުތަކާއި އިލެކްޝަންސް ކޮމިޝަންގެ އޮންނަ ޕާޓީގެ ދަފްތަރަށެވެ.

ޖޭޕީ އާއި އޭޕީއަށް ބައެއް ދާއިރާތައް ދިނުމުގެ ފުރުސަތު އެބަ އޮތް

މަޖިލިސް އިންތިހާބުގައި ގުޅިގެން ވާދަކުރަން އެމްޑީޕީން ވަނީ، އަދާލަތު ޕާޓީ (އޭޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު ވެސް މަޝްވަރާތަކެއް ފަށައިފަ އެވެ.

އެ މަޝްވަރާތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނަވި ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސަައްތާރު ވިދާޅުވީ:

  • "އަޅުގަނޑުމެން މިއަދު މި ހުޅުވާލަނީ، ހުރިހާ ދާއިރާއަކަށް. އެހެން ނަމަވެސް ތިޔަ ވިދާޅުވިހެން ވޭތުވެ ދިޔަ ދުވަސްތަކުގައި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީއާ އެކު ކުރިއަށްދާ މަޝްވަރާތައް އަދިވެސް ކުރިއަށް ދާނެ"

  • "ވަރަށް ޕޮޒިޓިވްކޮށް [މަޝްވަރާތައް] ދަނީ. ކުރިއަށް އޮތް ދުވަސްތަކުގައި އޭގެން ނަތީޖާއެއް ނުކުމެއްޖިއްޔާ، އެއާ މެދު ކޮންސިޑާކޮށްފައި ނިންމަން ޖެހޭ ނިންމުންތައް ނިންމާނެ"

 އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނަސް ވާހަކަ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އެހެންކަމުން އެ މަޝްވަރާތަކުގެ އަލީގައި ބައެއް ދާއިރާތަކަށް އެމްޑީޕީން ވާދަނުކޮށް، އެ ދެ ޕާޓީއަށް ދިނުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އޭގައި އެއްބަސްވެވޭ ގޮތަކުން، އަޅުގަނޑުމެން އިއުލާން ކުރާނަން ކޮން ގޮތަކުންކަން އަޅުގަނޑުމެންނަށް އެއްބަސްވެވިގެން އެ ދިޔައީ،" އަނަސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް