ރިޔާސީ ބަހުސްގައި ސޯލިހު އާއި ރައީސް މުއިއްޒު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ރިޔާސީ ކެމްޕޭނަށް މުއިއްޒު 1.9 މިލިއަން، ސޯލިހު 6.8 މިލިއަން ހަރަދުކުރި

މިހާރުގެ ރައީސް މުއިއްޒުގެ ކެމްޕޭނުގައި ވޯޓަކަށް ހަރަދުކޮށްފައިވަނީ 14.7ރ.؛ އޭރުގެ ރައީސް ސޯލިހުގެ ކެމްޕޭނުގައި ވޯޓަކަށް ހަރަދުކޮށްފައިވަނީ 62.6ރ.
13 ޑިސެމްބަރު 2023

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 6.8 މިލިއަން ރުފިޔާ އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު 1.9 މިލިއަން ރުފިޔާ ހަރަދު ކުރައްވާފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި ކެންޑިޑޭޓުންގެ ރަސްމީ މާލީ ބަޔާންތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކެންޑިޑޭޓުން ފައިސާ ހޯދި ގޮތާއި ހަރަދު ކުރި ގޮތް ތަފްސީލުކޮށްދީ ހުށަހަޅާފައިވާ މާލީ ބަޔާންތައް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ރައީސް ސޯލިހުގެ މާލީ ބަޔާނުގައިވާ ގޮތުން:

  • ކެމްޕޭނަށް ޖުމްލަ ހަރަދުކޮށްފައިވަނީ: 6.8 މިލިއަން ރުފިޔާ

  • އެހީގެ ގޮތުގައި ލިބުނު ފައިސާގެ ޖުމްލަ: 6.9 މިލިއަން ރުފިޔާ

  • ތަކެތީގެ ގޮތުގައި ލިބުނު އެހީގެ އަގު: 10.5 މިލިއަން

ޕީޕީއެމް-ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި މިހާރުގެ ރައީސް މުއިއްޒުގެ މާލީ ބަޔާނުގައިވާ ގޮތުން:

  • ކެމްޕޭނަށް ޖުމްލަ ހަރަދުކޮށްފައިވަނީ: 1.9 މިލިއަން ރުފިޔާ

  • އިންތިހާބަށް ލިބުނު ފައިސާގެ ޖުމްލަ: 2.1 މިލިއަން ރުފިޔާ

  • އިންތިހާބަށް ލިބުނު ތަކެތީގެ އަގު: 19.2 މިލިއަން ރުފިޔާ

ދެވަނަ ބުރުގެ ނަތީޖާއަށް ބަލާ ނަމަ: 

  • އޭރުގެ ރައީސް ސޯލިހުގެ ކެމްޕޭނުގައި ވޯޓަކަށް ހަރަދުކޮށްފައިވަނީ 62.6ރ.

  • މިހާރުގެ ރައީސް މުއިއްޒުގެ ކެމްޕޭނުގައި ވޯޓަކަށް ހަރަދުކޮށްފައިވަނީ 14.7ރ.

ގުޅުން ހުރި ކަމެއް - ސޯލިހު އާއި ރައީސް މުއިއްޒު މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ ރަނގަޅަށް ކަމަށް އީސީން ވަނީ ނިންމާފަ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން، ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތަށް މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށް އީސީން ނިންމާފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރެއްވި ގާސިމް އިބްރާހިމް އެކަންޏެވެ.

ބާކީ ތިއްބެވި ފަސް ކެންޑިޑޭޓުން ގަވައިދާ ހިލާފަށް މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށް ނިންމައި އީސީން އެއިން ކޮންމެ ކެންޑިޑޭޓަކު 20،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އެއީ:

  • 1-

    އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު

  • 2-

    އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލް

  • 3-

    އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން

  • 4-

    ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބް

  • 5-

    މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ނާޒިމް

މިއިން ކޮންމެ ބޭފުޅަކު 20،000ރ. އިން ޖޫރިމަނާކޮށްފައި ވާއިރު، އެއިން ކޮންމެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓު ވަނީ 6،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް