އެމްޑީޕީން އެންމެ ފަހުން އުކުޅަހުގައި ބޭއްވި ނުރަސްމީ ގައުމީ މަޖިލީހުގެ ބައްދަލުވުން(ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ މަޖިލިސް ޕްރައިމަރީ ބާއްވަނީ ޖެނުއަރީގައި؛ މޭޔަރު އިންތިހާބަށް ފަހު

ހޮނިހިރު ދުވަހެއްގައި އިންތިހާބު ބާއްވާ ނަމަ، ޕްރައިމަރީ އޮންނާނީ 20 ނުވަތަ 27 ޖެނުއަރީގައި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މާލޭ މޭޔަރުގެ ބައި-އިލެކްޝަނަށް ފަހު، އަންނަ މަހުގެ ތެރޭގައި ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރުމަށް ބައެއް ކެންޑިޑޭޓުން އިއުލާންކޮށް، ކެމްޕެއިން ފަށާފައި ވާއިރު، ވާދަވެރި ޕީޕީއެމް-ޕީއެންސީން މި މަހުގެ 23ގައި މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ބުނީ ކީކޭ؟ - "މިވަގުތު ހުރިހާ ފޯކަސްއެއް ހުރީ މޭޔަރު އިންތިހާބުގެ ބައި-އިލެކްޝަންއަށް. މަޖިލިސް ޕްރައިމަރީ އޮންނާނީ އެއަށް ފަހު ޖެނުއަރީ މަސް ތެރޭގައި،" އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ.

ތަފްސީލު - އޭނާ ވިދާޅުވި ގޮތުގައި، ޕްރައިމަރީ ބާއްވާނެ ސީދާ ތާރީހެއް އަދި ނުނިންމަ އެވެ. އެ ތާރީހު ގައުމީ މަޖިލިސްއިން ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާދި ޑީސީޕީ އިބްރާހިމް ވަހީދު(ވ).  (ދައުރު ފޮޓޯ)

މާލޭ މޭޔަރުގެ ބައި-އިލެކްޝަން އޮތީ އަންނަ މަހުގެ 13ގަ އެވެ. އެއަށް ފަހު، ހޮނިހިރު ދުވަހެއްގައި ބާއްވާ ނަމަ، ޕްރައިމަރީ އޮންނާނެ ކަމަށް ބެލެވޭ ތާރީހުތަކަކީ:

  • 20 ޖެނުއަރީ

  • 27 ޖެނުއަރީ

މީގެ ކުރިން އެމްޑީޕީން އެތެރޭގެ އިންތިހާބުތައް ބާއްވާފައި ވަނީ ހޮނިހިރު ދުވަހެއްގަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މަޖިލިސް އިންތިހާބު، އަންނަ މާޗު މަހުގެ ކުރީކޮޅު ފެށޭ ރޯދަ މަހަށް ފަހު ބޭއްވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ލަފާ ދީފި އެވެ. ނަމަވެސް، އިންތިހާބު ބާއްވާނެ ތާރީހެއް އިލެކްޝަސް ކޮމިޝަނުން އަދި ކަނޑައެއް ނާޅަ އެވެ.

ފަސްމަންޒަރު - އެމްޑީއޭ އާއި އެމްއެންޕީން ވެސް ބައިވެރިވާ ވެރިކަން ކުރާ ކޯލިޝަން ޕީޕިއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މި މަހުގެ 23ގައި ބާއްވާއިރު، އެ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިދިޔަ ހޯމަ ދުވަހަށް ވަނީ ހަމަވެފަ އެވެ. އެހެން ޕާޓީތަކުން އަދި ޕްރައިމަރީގެ ވާހަކަ ނުދައްކަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް