ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެްގެ ތެރެއިން މަޖިލިސް ތަޅުން. (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ސާޖިދާގެ ކޮންޓްރެކްޓް ބާތިލް ކުރަން ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފި

އެ މައްސަލަ ހުށަހެޅީ ސާޖިދާއަށް ނޯ-ޕޭ ލީވް އާއި ކޮންޓްރެކްޓް ދީފައިވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ
13 ޑިސެމްބަރު 2023

ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހެލްތު މިނިސްޓްރީގައި އަދާކުރައްވަމުން އަންނަ ވަޒީފާއިން ހަތަރު އަހަރުގެ މުއްދަތަކަށް މުސާރަ ނުލިބޭ ގޮތަށް ނޯ-ޕޭ ލީވްއެއް ދިނުމަށް ފަހު، ވޭޖް-އެމްޕްލޯއިމެންޓް އުސޫލުގެ ދަށުން ހަދާފައިވާ ކޮންޓްރެކްޓު ބާތިލް ކުރަން މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެނގުން މުހިއްމު - ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގައި ހުންނެވި ސާޖިދާއަށް:

  • މުސާރަ ނުހިނގާ ގޮތަށް ހަތަރު އަހަރުގެ މުއްދަތަކަށް ނޯ-ޕޭ ލީވްއެއް ދީފައިވޭ 

  • އެއާ އެކު، މި މަހުގެ 7 ވަނަ ދުވަހު، ހެލްތު މިނިސްޓްރީން ވަނީ ސާޖިދާއަށް ވޭޖް-އެމްޕްލޯއިމަންޓް ކޮންޓްރެކްޓެއް ދީފައިވޭ

މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު. (ފޮޓޯ/ މުއިއްޒު ޓީވީ)

އެކަން ކޮށްފައިވަނީ އޭނާއަށް 'ހާއްސަ އުސޫލެއް' ހަދައިގެން ކަމަށް ބުނެ، އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ބަލަން ފަށާފަ އެވެ. އެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުން ކޮމިޓީއަށް ވެސް ހާޒިރުކޮށްފައިވެ އެވެ.

ވީ ކިހިނެއް؟ - ވޭޖް-އެމްޕްލޯއިމަންޓް އުސޫލުން ހެލްތު މިނިސްޓްރީން ސާޖިދާއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރަންެ ގޮވާލާ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.

މައްސަލަ ހުށަހަޅުއްވާ ސަބަބުތަކުގެ ތެރޭގައި އޭނާ ވިދާޅުވީ:

  • ސާޖިދާއަށް ހަތަރު އަހަރުގެ ނޯ-ޕޭ ލީވް އެއް ދިނުމަށްފަހު ވޭޖް-އެމްޕްލޯއިމެންޓް ކޮންޓްރެކްޓް ހަދާފައިވަނީ ސިވިލް ސާވިސް ގަވައިދާ ހިލާފަށް 

  • އެކަމާ ގުޅިގެން ސިވިލް ސާވިސްގެ ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީވެސް ހަމަހަމަ ވެގެންވާ މީހެއް ކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ލިބިގަތުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަން ޔައުގޫބު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ސާޖިދާ ހަތަރު އަހަރަށް ނޯ-ޕޭ ލީވްގައި ހުންނަވާ ގޮތަށް ހަމަޖެއްސީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށެވެ. އަދި އެއީ ސިވިލް ސާވިސްގައި މަސައްކަތް ކުރަމުންދާ 28،000 މުވައްޒަފުންނަށް ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 21 މެމްބަރުންގެ ވޯޓުން މި މައްސަލައިގައި ބަހުސްކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

ފާހަގަކޮށްލެވޭ - ސީއެސްސީން ބުނެފައިވާ ގޮތުގައި ސާޖިދާއަށް ދީފައިވާ ކޮންޓްރެކްޓުގައި ވަނީ:

  • ޓެކްނިކަލް ދާއިރާގެ ފަންނީ ލަފަ އާއި މުވައްޒަަފުން ތަމްރީނުކުރުމާއި ގަވައިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތުގައި ސާޖިދާގެ އެހީތެރިކަން ބޭނުންވާ ކަމަށް

  • މަހަކު 40 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް، ގަޑިއަކަށް 75ރ.ގެ މަގުން މުސާރައެއް ދިނުމަށް

އެހެންކަމުން، އެ ކޮންޓްރެޓުގެ ދަށުން ސާޖިދާއަށް މަހަކަށް ގިނަވެގެން ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެފައިވާ ގޮތުގައި، ފަސްޓް ލޭޑީ މުސާރަ ނަންގަވަން ބޭނުން ނުވާ ކަމަށް ހެލްތު މިނިސްޓްރީން އެ ކޮމިޝަނަށް އަންގާފައިވީ ނަމަވެސް، ގަވައިދުގެ ދަށުން މުސާރަ ނުދޭ ގޮތަށް މަސައްކަތެއް ނުކުރެވޭނެ އެވެ.

އެހެން ނަމަވެސް، ފަސްޓް ލޭޑީއަށް ލިބޭ އެލަވަންސް ލިބޭހާ ދުވަހަކު ދައުލަތުން އިތުރު މުސާރައެއް ނުނަންގަވާނެ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، އޭނާއަށް ލިބޭ އެއްޗެއް ހަދިޔާ ކުރައްވާނެ ކަމަށެވެ.

އެނގުން މުހިއްމު - ރައީސްގެ މުސާރަ އާއި އިނާޔަތްކާ ބެހޭ ގާނޫނުގެ ދަށުން:

  • ރައީސްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް އެލަވަންސެއް ދޭން ޖެހޭ 

  • އެ އެލެވަންސްގެ އަދަދަކީ ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި 

  • ރައީސްގެ މުސާރަ އަކީ 100،000ރ.؛ އެހެންކަމުން، ސާޖިދާއަށް ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 33،333ރ. ލިބިވަޑައިގަންނަވާނެ

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް