މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަސްޓްލޭޑީ، ސާޖިދާ ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

މުސާރައެއް ނުނަގާނަން؛ ލިބޭ އެއްޗެއް ހަދިޔާ ކުރާނަން: ސާޖިދާ

ސާޖިދާއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން އޭނާއަށް މަހަކު ލިބިވަޑައިގަންނަވާނީ ގާތްގަނޑަކަށް 3،000ރ.؛ އެއީ މުސާރަ ނުދީ އެއްވެސް މަސައްކަތެއް ނުކުރެވޭ ގޮތަށް ގަވައިދު އޮންނާތީ ދޭ އެއްޗެއް ކަމަށް ސީއެސްސީން ބުނޭ
12 ޑިސެމްބަރު 2023
1

ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ހެލްތު މިނިސްޓްރީގައި އަދާކުރައްވަމުން އަންނަ ވަޒީފާއިން ހަތަރު އަހަރުގެ މުއްދަތަކަށް މުސާރަ ނުލިބޭ ގޮތަށް ނޯ-ޕޭ ލީވްއެއް ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި ކޮންޓްރެކްޓް އުސޫލުގެ ދަށުން މުސާރައެއް ލިބޭ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، އެ މުސާރަ ނުނަންގަވާނެ ކަމަށާއި، ބޭނުންވަނީ ލިބޭ އެއްޗެއް ހަދިޔާ ކުރައްވަން ކަމަށް އޭނާ ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގައި ހުންނެވި ސާޖިދާއަށް މުސާރަ ނުހިނގާ ގޮތަށް ހަތަރު އަހަރުގެ މުއްދަތަކަށް ނޯ-ޕޭ ލީވްއެއް ވަނީ ދީފަ އެވެ.

އެއާ އެކު، މި މަހުގެ 7 ވަނަ ދުވަހު، ހެލްތު މިނިސްޓްރީން ވަނީ ސާޖިދާއަށް ކޮންޓްރެކްޓެއް ދީފަ އެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ބުނެފައިވާ ގޮތުގައި، އެ ކޮންޓްރެކްޓުގައި ވަނީ:

  • ޓެކްނިކަލް ދާއިރާގެ ފަންނީ ލަފަ އާއި މުވައްޒަަފުން ތަމްރީނުކުރުމާއި ގަވައިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތުގައި ސާޖިދާގެ އެހީތެރިކަން ބޭނުންވާ ކަމަށް

  • މަހަކު 40 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް، ގަޑިއަކަށް 75ރ.ގެ މަގުން މުސާރައެއް ދިނުމަށް

އެހެންކަމުން، އެ ކޮންޓްރެޓުގެ ދަށުން ސާޖިދާއަށް މަހަކަށް ގިނަވެގެން ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެފައިވާ ގޮތުގައި، ފަސްޓް ލޭޑީ މުސާރަ ނަންގަވަން ބޭނުން ނުވާ ކަމަށް ހެލްތު މިނިސްޓްރީން އެ ކޮމިޝަނަށް އަންގާފައިވީ ނަމަވެސް، ގަވައިދުގެ ދަށުން މުސާރަ ނުދޭ ގޮތަށް މަސައްކަތެއް ނުކުރެވޭނެ އެވެ.

ބުނީ ކީކޭ؟ - ރޭ 'ސަންގު ޓީވީ'އަށް ދެއްވި އިންޓަވިއުއެއްގައި، ފަސްޓް ލޭޑީގެ ގޮތުގައި ހުންނަވައިގެން ސާޖިދާ ސިވިލް ސާވިސްގެ ވަޒީފާ އަދާކުރައްވަމުން ގެންދަވާތީ އަމާޒުވަމުންދާ ފާޑުކިޔުންތަކާ މެދު އޭނާ ވަނީ ވާހަކަ ދައްކަވާފަ އެވެ.

ސާޖިދާ ޔަގީންކަން ދެއްވީ، ފަސްޓް ލޭޑީއަށް ލިބޭ އެލަވަންސް ލިބޭހާ ދުވަހަކު ދައުލަތުން އިތުރު މުސާރައެއް ނުނަންގަވާނެ ކަމަށެވެ.

"މުސާރައެއް، މިސާލަކަށް އެ ބޭފުޅުން ދޭން މަޖުބޫރުވެގެން ދޭން ޖެހިއްޖެއްޔާ އަޅުގަނޑު ބޭނުންވަނީ އެ އެއްޗެއް ހަމަ ޑޮނޭޓް ކުރާށޭ، މިސާލަކަށް، މިނިސްޓްރީގެ ކޮންމެވެސް ތަނަކަށް،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - ރައީސްގެ މުސާރަ އާއި އިނާޔަތްކާ ބެހޭ ގާނޫނުގެ ދަށުން:

  • ރައީސްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް އެލަވަންސެއް ދޭން ޖެހޭ 

  • އެ އެލެވަންސްގެ އަދަދަކީ ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި 

  • ރައީސްގެ މުސާރަ އަކީ 100،000ރ.؛ އެހެންކަމުން، ސާޖިދާއަށް ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 33،333ރ. ލިބިވަޑައިގަންނަވާނެ

ފާހަގަކޮށްލެވޭ - ސާޖިދާ ފަސްޓް ލޭޑީގެ ގޮތުގައި ހުންނަވައިގެން ސިވިލް ސާވިސްގެ ވަޒީފާއެއް އަދާކުރެއްވުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެ ވަޒީފާ ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި ނޯ-ޕޭ ލީވްއެއް ދިނުމަށް ފަހު ކޮންޓްރެކްޓެއް ހެދީ ފަސްޓް ލޭޑީއަށް ހާއްސަ އުސޫލެއްގެ ދަށުން ކަމަށް ތުހުމަތުކޮށް، ސީއެސްސީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް އިއްޔެ ހާޒިރުކޮށްފައިވެ އެވެ.

އޭނާ ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވައިގެން ސިވިލް ސާވިސްގެ ވަޒީފާއެއް އަދާކުރައްވާތީ ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުރިކަން ސާޖިދާ ވެސް ގަބޫލުކުރައްވަ އެވެ.

"ވިޗް އިޒް އޯކޭ، އެ ކަންބޮޑުވުން އޭގެ ގޮތުގައި ގޯހެއް ނޫން. އެއީ ހަމަ ރަނގަޅު ވާހަކައެއް އެ ވިދާޅުވަނީ،" އޭނާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި، ހާލަތުގެ ގޮތުން އޭނާ އެދިވަޑައިގެންނެވީ:

  • މުސާރަ ނުނަންގަވާ ގޮތަށް، ހަމައެކަނި ފަންނީ ގޮތުން ހިދުމަތް ކުރައްވަން؛ މިސާލަކަށް ކާބޯތަކެއްޗާ ގުޅޭ މިންގަނޑުތައް އެކަށައެޅުން ފަދަ މަސައްކަތްތައް ހިލޭކޮށްދެއްވުމަށް

  • ދާއިރާއަށް އަލަށް ނުކުންނަ މީހުން ތަމްރީނުކޮށްދީ، އެހީތެރިކަން ފޯރުކޮށްދެއްވުމަށް

"އަޅުގަނޑު ބޭނުމެއް ނޫން ހިންގުމެއް، ނޫނީ އެހެން ކަމެއް، ނޫނީ ޑިޒިޝަން ނެގޭ ލެވެލްއެއްގެ އެއްވެސް ކަމެއް. އެ ހުރިހާ ކަމަކުން އެކަހެރިވިން، ހަމަ ވަގުތުން [ރައީސް މުއިއްޒު] އިލެކްޓްވީ ދުވަހުން ފެށިގެން ވެސް އަޅުގަނޑު ނޯންނާނެ އެއްޗެއްގައި ސޮއި ވެސް ކޮށްފައެއް،" ސާޖިދާ ވިދާޅުވި އެވެ.

"އަޅުގަނޑު އަމިއްލައަށް ގަބޫލުކުރީ އެ ހިސާބުން ފެށިގެން އަޅުގަނޑު ޖެހޭނޭ މެނޭޖީރިއަލް ނުވަތަ ޑިޒިޝަން ލެވަލްތަކުން އެކަހެރިވާން."

ސާޖިދާ ގަބޫލުކުރައްވާ ގޮތުގައި ދުވާލަކު ދެތިން ގަޑިއިރުން ހެލްތު މިނިސްޓްރީގައި އޭނާ ކުރަންޖެހޭ މަސައްކަތްތައް ނިންމާލެވޭނެ އެވެ. އެއަށްފަހު އެ ލިބޭ ވަގުތުތަކުގައި ފަސްޓް ލޭޑީގެ ހައިސިއްޔަތުން އިޖްތިމާއީ ވަރަށް ގިނަ މަސައްކަތްތައް ކުރެވޭނެ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ގަބޫލުކުރަން އަޅުގަނޑަށް ކުރެވޭނެއޭ ދެ މަސައްކަތް ވެސް. މީގައި އަޅުގަނޑު ހަމަ ވިސްނަން ޖެހޭނެ ހުރިހާ ބޭފުޅުންގެ ކަންބޮޑުވުމާ އެއްގޮތަށް މީތި ބެލެންސް ކޮށް، އެހެން މީހަކަށް އޭގެ އުނދަގުލެއް ނުވަތަ ޑިޒިޝަން ލެވެލްގެ މީހުންނަށް އުނދަގޫ ނުވާ ގޮތަކަށް ކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

އަޅި އަލީ

12 ޑިސެމްބަރު 2023
ހަމަ ނަމޫނާ ރަންގަނޑެއް! ފާޑުކިޔާ މީހުންނަށް ރައްދަކަށް ނުވާގޮތަށް ރައްދު ދެއްވައިފި! ވަރަށް ބޮޑަށް ޝުކުރިއްޔާ!
1 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް