ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން(ފައިލް ފޮޓޯ/އަވަސް)

ޖޭއެސްސީގެ މެމްބަރު ކަމަށް ޝުޖާއު ޝަރުތު ހަމަނުވާ ކަމަށް ނިންމީ ރަނގަޅަށް: ސިވިލް ކޯޓް

ސިވިލް ކޯޓުން ބުނީ ޝުޖާއުގެ ޝަރުތު ހަމަނުވާ ކަމަށް ބާ ކައުންސިލުން ކަނޑައަޅާފައިވަނީ ޖޭއެސްސީގެ މަހްފޫމާއީ މަގުސަދާ ހިލާފަށް ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނީ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލެއްވި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ބާ ކައުންސިލުން ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީގައި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުލް މާނިއު ހުސައިން ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ޝުޖާއުއާ އެކު ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. ދެން ކުރިމަތިލެއްވި ބޭފުޅުންނަކީ

  • ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދު

  • ބާ ކައުންސިލްގެ އެކްސޯ މެންބަރު އަލީ އަބްދުލް ލަތީފް

ޝަރުތު ހަމަނުވާ ކަމަށް ނިންމި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދު

ނަަމަވެސް، މިދިޔަ ނޮވެމްބަރު 30ގައި ބާ ކައުންސިލުން އިއުލާންކޮށްފައިވާ ގޮތުން އެ އިންތިހާބުގައި ވާދަ ކުރަން ޝަރުތު ހަމަވެފައި ވަނީ އަލީ ލަތީފް އެކަންޏެވެ. އެ އިންތިހާބު މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ނަތީޖާ މިރޭ 8 ޖަހާއިރު އިއުުލާން ކުރާނެ އެވެ.

ޝުޖާއު އާއި ޒުބައިރުގެ ނަން ޑިސްކޮލިފައި ވެފައިވަނީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ނަގާފައި ނުވާތީ އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ބާ ކައުންސިލުގެ އިންތިހާބާ ބެހޭ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

މި ނިންމުން ބާތިލުކޮށްދިނުމަށް އެދި ޝުޖާއުގެ ފަރާތުން ސިވިލް ކޯޓަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅި މައްސަލާގައި އެދިފައި ވަނީ:

  • އެ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާ ދިނުމަށް

  • އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ބާ ކައުންސިލަށް އެނގުމަށް 

އެނގުން މުހިންމު - ޖޭއެސްސީގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ވަކީލުންގެ ތެރެއިން އައްޔަން ކުރާ މެންބަރު ވާން ޖެހެނީ، ސުޕްރީމް ކޯޓުގެ ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކަށެވެ.

ބުނީ ކީކޭ؟ - ސިވިލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ ބާ ކައުންސިލްގެ ނިންމުން ބާތިލް ކަމަށް ކަނޑައަޅައި ދީ ބާ ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ އަމުރަކަށް ޝުޖާއުގެ ފަރާތުން އެ މައްސަލާގައި އެދިފައިވީ ނަމަވެސް އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ހުކުމުގައި ބުނީ:

  • ޝުޖާއުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައި ވަނީ ޖޭއެސްސީގެ މަހްފޫމާއި މަގުސަދާ ހިލާފަށް ކަމަށް ބެލެވޭނެ ގޮތެއް ނެތް ކަމަށް

  • ޝަރުތު ހަމަނުވާކަމަށް ނިންމުމުގައި ހިލާފުވި ގޮތެއް ނުވަތަ ނައްސެއް ޝުޖާއުގެ ފަރާތުން ބަޔާންކޮށްދީފައި ނުވޭ

  • ހޯދަން އެދޭ ފަރުވާއާ، އެ ފަރުވާ ދޭންޖެހޭ ސަބަބު ވެސް ޝުޖާއުގެ ފަރާތުން ސާފުކޮށްދީފައެއް ނުވޭ

ފާހަގަކޮށްލެވޭ ކަމެއް - ޝުޖާއު ހައިކޯޓުގެ ފަނޑިޔާރު ކަމުން އޮގަސްޓު 2020ގައި އިސްތިއުފާ ދެއްވީ އޭނާ އެމަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނިކޮށެވެެ. ޖޭއެސްސީން އެގޮތަށް ނިންމީ 2018ގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ހޯދުމަށް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކުރި މައްސަލައެއްގެ ތުހުމަށެވެ. އެގޮތުން:

  • ރިޔާސީ ކެމްޕެއިން ތެރޭ ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކުރައްވައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށް އޭރު ތުހުމަތު ކުރި 

  • އޭގެ އިތުރުން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ ވޯޓު ލިބިއްޖެ ނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރި

އެ މައްސަލައިގައި އޭނާ ވަކިކުރަން ނިންމި އިރު، ޖޭއެސްސީ އެ މައްސަލަ ބަލައި ނިމެންދެން ޝުޖާއު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް