ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދު: ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލި އެ ދެބޭފުޅުންގެ ނަން ވަނީ ޑިސްކޮލިފައިކޮށްފައި

ޖޭއެސްސީގެ މެންބަރުކަމަށް ޝުޖާއު އާއި ޒުބަރު ޝަރުތު ހަމަ ނުވާ ކަމަށް ނިންމައިފި

އެ ދެ ބޭފުޅުން ޑިސްކޮލިފައި ކުރުމުން ބުރާސްފަތި ދުވަހު އޮންނަ އެ އިންތިހާބުގައި ވާދަ ކުރަނީ، އެންމެ މެންބަރެއް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނީ ދާއިރާގެ މެންބަރު ކަމަށް ކުރިމަތިލެއްވި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދު، އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ބާ ކައުންސިލުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީގައި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރުންގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުލް މާނިއު ހުސައިން މިދިޔަ މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެހެންވެ، އެ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ބާ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެ މަގާމަށް މެންބަރަކު އިންތިހާބުކުރުމުގެ ޒިންމާ އޮންނަނީ ބާކައުންސިލަށެވެ.

ތަފްސީލު - އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިދިޔަ ހަފްތާގެ އަންގާރަ ދުވަހަށް ހަމަވިރު، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ކުރިމަތިލެއްވީ ތިން ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޝުޖާއު

  • ޒުބައިރު

  • ބާ ކައުންސިލްގެ އެކްސޯ މެންބަރު އަލީ އަބްދުލް ލަތީފް

ބާ ކައުންސިލުން މިހާރު އިއުލާންކޮށްފައިވާ ގޮތުން އެ އިންތިހާބުގައި ވާދަ ކުރަނީ އަލީ ލަތީފް އެކަންޏެވެ. އެކަން މިހާރު ވަނީ ގެޒެޓް ވެސް ކޮށްފަ އެވެ.

ޝުޖާއު އާއި ޒުބައިރުގެ ނަން ޑިސްކޮލިފައި ވަނީ، އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ބާ ކައުންސިލުގެ އިންތިހާބާ ބެހޭ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

"އެ ދެ ބޭފުޅުން ޝަރުތު ހަމަނުވާ ކަމަށް ނިންމާފައި ވަނީ، ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ނަގާފައި ނުވުމުން. އެހެންވެ އެ ދެ ބޭފުޅުން ވަނީ ޑިސްކޮލިފައިކޮށްފައި،" މިކަމުގެ މައުލޫމާތު އެނގޭ އިތުބާރު ހުރި މަސްދަރަކުން މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ.

ޖޭއެސްސީގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ވަކީލުންގެ ތެރެއިން އައްޔަން ކުރާ މެންބަރު ވާން ޖެހެނީ، ސުޕްރީމް ކޯޓުގެ ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، 2018ގެ ރިޔާސީ ކެމްޕެއިންނަށް ގއ. ވިލިނގިއްޔަށް ވަޑައިގެންނެވިއިރު ޝުޖާއު އުސްމާން މަރުބާ ދެންނެވުމަށް ރަށު ޖެޓީގައި (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ފާހަގަކޮށްލެވޭ ކަމެއް - ޝުޖާއު ހައިކޯޓުގެ ފަނޑިޔާރު ކަމުން އޮގަސްޓު 2020ގައި އިސްތިއުފާ ދެއްވީ އޭނާ އެމަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނިކޮށެވެެ. ޖޭއެސްސީން އެގޮތަށް ނިންމީ 2018ގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ހޯދުމަށް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލައެއްގެ ތުހުމަށެވެ. އެގޮތުން:

  • ރިޔާސީ ކެމްޕެއިން ތެރޭ ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއް ކުރައްވައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށް އޭރު ތުހުމަތު ކުރި 

  • އޭގެ އިތުރުން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ ވޯޓު ލިބިއްޖެ ނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރި

އެ މައްސަލައިގައި އޭނާ ވަކިކުރަން ނިންމި އިރު، ޖޭއެސްސީ އެ މައްސަލަ ބަލައި ނިމެންދެން ޝުޖާއު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.

ޒުބައިރު ސިވިލް ކޯޓުން އިސްތިއުފާ ދެއްވީ، ޖުލައި 2022ގަ އެވެ. ގާތްގަނޑަކަށް 14 އަހަރު ފަނޑިޔާރުކަން ކުރެއްވި ޒުބައިރު ވަނީ، ބައެއް ރަށްރަށުގެ ކޯޓުތަކުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވައިފަ އެވެ.

ކޮމެންޓް (1)

ކޮޅުވެއްޓި

5 ޑިސެމްބަރު 2023
ތިޔަ ސުޖާއަކީ ގާޒީ ކަމަށް އެއްގޮތަކަށްވެސް ޝަރުތުހަމަވާ ބޭކަލެއްނޫން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް