ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސޫދު

ސުޕްރީމް ކޯޓު

ކޯޓުގައި މައްސަލަ ލަސްވެދާނެ ކަމަށް ބަލައި ބޮޑެތި ކުށްވެރިން ދޫކޮށްނުލެވޭނެ: ސުޕްރީމް ކޯޓު

ސުއޫދު ވިދާޅުވީ ވަކި ހާލަތްތަކެއްގައި ބަންދުގައި ބެހެއްޓުން ގާނުނުއަސާސީން ހުއްދަކޮށްފައިވަނީ މުޖުތަމައުގެ މަސްލަހަތު ގާއިމުކުރުމަށާއި އަދުލު އިންސާފު ގާއިމުކުރުމަށް މަގުފަހިކުރުމަށް ކަމަށް

ކޯޓުގައި ވަސީލަތްތައް ނެތިގެން މައްސަލައިގެ ޝަރީއަތް ލަސްވެދާނެ ކަމަށް ބަލައި ބޮޑެތި ކުށްވެރިން ދޫކޮށް ނުލެވޭނެ ކަމަށާއި، ވަކި ހާލަތްތަކެއްގައި އެފަދަ ކުށްވެރިން ބަންދުގައި ބައިތިއްބަން ގާނޫނުއަސާސީ ހުއްދަކޮށްފައިވަނީ މުޖުތަމައުގެ މަސްލަހަތަށާއި އަދުލު އިންސާފު ގާއިމުކުރުމަށް މަގުފަހިކުރުމަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިހެން ވިދާޅުވީ، 2017 ވަނަ އަހަރު، މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭރުގެ ޓާމިނަލް ކެފޭ ތެރެއަށް ވަދެ، ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ކުށް ސާބިތުނުވި މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމި ނިންމުމާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލާގައި މިއަދު އިއްވި ހުކުމުގަ އެވެ. 

މި މައްސަލާގައި ދައުވާ އުފުލާފައިވާ ހަަތަރު މީހުންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ:

  • އިސްތިއުނާފީ މަރުހަލާގައި ބަންދުކުރެވޭ މީހުންގެ މައްސަލަަތައް މައުލޫއީ ގޮތުން ހައި ކޯޓުން ނިންމާނެ ތާރީހެއް އަންދާޒާކޮށް އެނގެން ނެތުމުން އެ މީހުން އެކަށީގެން ނުވާ އަދި ބޭއިންސާފު ބަންދެއްގައި ތިބެން ޖެހޭނެ

  • ނަދީމުގެ މަރުގެ މައްސަލާގައި ހައި ކޯޓުގައި ކޮށްފައިވާ އިސްތިއުނާފް މައްސަލާގައި ގޮތެއް ނިންމުމަށް ގިނަ ދުވަސްތަކެއް ހޭދަވެގެން ގޮސްފާނެ ކަމަށް ބެލެވޭތީ، އެ މުއްދަތަށް ބަންދުގައި ބެހެއްޓުމަކީ އިންސާފުވެރި ގޮތެއް ނޫން

މިހެންވެ، ހައި ކޯޓުން އެ މީހުން ބަންދުކުރަން އަމުރު ނުދިނީ، އިސްތިއުނާފީ މަރުހަލާގައި މީހަކު ބަންދުކުރުމަށް އަމުރު ކުރިޔަސް އެކަން ކުރާނެ ގޮތުގެ އިޖުރާއަތްތަކެއް ނެތް ކަމަށް ބުނެ އެވެ.

ބުނީ ކީކޭ؟ - ހައި ކޯޓުގެ އަމުރުގެ އިސްތިއުނާފް މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ސުއޫދު މިއަދު ހުކުމް އިއްވުމުގެ ކުރިން، އެ ވާހަކަތަކަށް ރައްދު ދެއްވައި ވިދާޅުވީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކުށްވެރިން ނުވަތަ އެ މީހަކު ދޫކޮށްލައިފި ނަމަ މުޖުތަމައުގެ މަސްލަހަތު ގޯސްވެދާނެ ކަމަށް ފެންނަ ކުށްވެރިން ދޫކުރުމުގައި ހަމަައެކަނި ކޯޓުގެ ވަސީލަތްތައް މަދުވުމާއި ޝަރީއަތްތައް ދިގުލައިގެން ގޮސްފާނެ ކަމަށް ބަލައިގެން އެކަން ނުކުރެވޭނެ ކަމަށެވެ.

"ހައި ކޯޓުގައި ވަސީލަތްތައް ނެތިގެން މައްސަލަ އާދަޔާ ހިލާފަށް ލަސްވެދާނެ ކަމަށް ބަލައިގެން ބަންދުކުރުމުގައި މިހާތަނަށް ގާއިމުވެފައިވާ އުސޫލުތައް ދޫކޮށްލެވިދާނެ ކަމަށް ނުދެކެން. ސަބަަބަކީ ވަކި ހާލަތްތަކެއްގައި މުއްތަހަމް ބަންދުގައި ބެހެއްޓުން ގާނުނުއަސާސީގެ 49 ވަނަ މާއްދާއިން ހުއްދަކޮށްފައިވަނީ މުޖުތަމައުގެ މަސްލަހަތު ގާއިމުކުރުމަށާއި އަދުލު އިންސާފު ގާއިމުކުރުމަށް މަގުފަހި ކުރުމަށް ކަމަށްވާތީ،" ސުއޫދުގެ ރައުޔުގައިވެ އެވެ.

ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްޑާ ޒާހިރު ވެސް ތާއީދުކުރެއްވި އެ ރައުޔުގައި ސުއޫދު ވިދާޅުވީ:

  • ބަދަލުކުރަން ޖެހެނީ ޝަރީއަތް ހިންގުމާ ބެހޭ ގޮތުން ހަދާފައިވާ އުސޫލުތަކެއް ނޫން؛ އޭގެ ބަދަލުގައި ދައުލަތުން އިސްކަން ދޭންވީ ފަނޑިޔާރުންނަށް އަވަސްކަމާ އެކު ޝަރީއަތް ކުރުމަށް މަގުފަހިކޮށްދިނުމަށް

  • ދައުލަތުން ކެރިކުޅަދާނަވީ މިންވަރަކުން އެ ކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދޭން ޖެހޭ

  • ހަމައެކަނި ކޯޓުން މަސައްކަތްކޮށްގެން އަދުލު އިންސާފު ގާއިމެއް ނުކުރެވޭނެ؛ އަދުލު އިންސާފު ރައްޔިތުންނަށް ހޯދައިދެވޭނީ ދައުލަތުގެ އެންމެހާ ބާރުތަކުންނާއި މުއައްސަސާތަކުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާކޮށްގެން

  • މައްސަލައެއް ބެލުމުގެ ތެރޭގައި ވަކި ކަމަކާ ބެހޭ ގޮތުން އިޖުރާއަތެއް ހިންގުމަށް ގާނޫނާއި ގަވާއިދު ލާޒިމުކުރާ ހާލަތުގައި އެ ކަމެއް ކުރަން ޖެހޭނީ އެ ވަގުތަކު އެ މައްސަލައެއް ބަލަމުންދާ ފަނޑިޔާރު؛ އެހެންކަމުން، ވަކި މަރުހަލާއެއްގައި އެ މައްސަލަ އޮތުމަކީ އެ ކޯޓުން ނުކޮށް ދޫކޮށްލެވޭނެ ކަމެއް ކަމަކަށް ނުދެކެން

  • ޝަރީއަތުގެ ކޮންމެ މަރުހަލާއަކަށް ވަކި ގާނޫނެއް ހެދުމަކީ ކުރެވޭނެ ކަމެއް ކަމަށް ނުވާތީ މިފަދަ ބައެއް ކަންކަމަކީ ގާނޫނު މާނަކޮށް، އެ މަރުހަލާއަކަށް ނިސްބަތްކޮށް ހިންގަން ޖެހޭ ކަންކަން

  • ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި އިސްތިއުނާފީ ކޯޓުގައި އެދުމުގެ ފުރުސަތު ޕީޖީއަށް ލިބިގެންވާކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވޭ؛ އެއާ ގުޅިގެން ދެން ހިންގަން ޖެހޭ އިޖުރާއަތަކަކީ އެ މައްސަލަ އެ ވަގުތަކު ބަލަމުންދާ ކޯޓަކުން ހިންގަން ޖެހޭ އިޖުރާއަތުތަކެއް ކަމަށް ބަލަން ޖެހޭ 

  • އެކަން ތަންފީޒުކުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ

"ހަމައެކަނި ފަނޑިޔާރުން ހޭލާ ތިބެގެން އިންސާފު ގާއިމުކޮށްނުދެވޭނެ. އިންސާފު ގާއިމުކޮށްދެވޭނީ ދައުލަތުގެ އެންމެހާ ބާރުތަކުން އެއްވާނެއްގައި، އެއް މިސްރާބަށް މަސައްކަތް ކޮށްގެން،" އެ ރައުޔުގައިވެ އެވެ.

މި މައްސަލާގައި ދައުލަތުން ބަންދުކޮށްދޭން އެދުނު މީހުން ބަންދުކޮށްދޭން ޖެހޭ ސަބަބެއް ކަމަށް ދައުލަތުން ބުނަނީ، އެ މީހުންނަކީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ މީހުންނަށް ވުމުންނާއި އެއީ މުޖުތަމައުއަށް ހިނދުކޮޅަކަށް ވެސް ދޫކޮށްލައިގެން ނުތިބެވޭ ވަރުގެ ނުރައްކާތެރި ކުށްވެރިންނަށް ވުމުން ކަމަށެވެ.

އެ މީހުންނަށް ދަށު ކޯޓުން ކުށް ސާބިތުނުވުމަކީ އަދި އިސްތިއުނާފީ މުއްދަތުގައި ކުށެއް ކޮށްފައި ނުވުމަކީ އެ މީހުންގެ ނުރައްކާތެރިކަން ކުޑަވާ ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ. އޭގެ އިތުރުން، އެ މީހުންގެ މައްޗަށް އިސްތިއުނާފް އޮތްހާ ހިނދަކު އެއީ ކުށުގެ ތުހުމަތުކުރެވޭ މީހެއް ކަމުގައި ދެކެން ޖެހޭ ކަމަށް ދައުލަތުން ފާހަގަކުރެ އެވެ.

އެނގުން މުހިންމު - މިއަދު ސްޕްރީމް ކޯޓުން އިއްވި ހުކުމުގައި ވަނީ އެ މީހުން ބަންދުކުރާނެ އިޖުރާއަތެއް ނެތް ކަމަށް ބުނެ ބަންދުނުކުރަން ހައި ކޯޓުން ނިންމި ނިންމުން ބާތިލުކޮށްފަ އެވެ. އަދި އެ މީހުންނަކީ ބަންދުގައި ބައިތިއްބަން ޖެހޭ ބައެއްތޯ ކަނޑައެޅުމަށް އަލުން މައްސަލަ ބަލަން ހައި ކޯޓަށް އަންގާފައިވެ އެވެ. 

ގުޅުން ހުރި ކަމެއް - ކްރިމިނަލް ކޯޓަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ލަސްވަމުންދާ ކަމަށް ބުނެ، ބޮޑެތި މަރުތަކުގައި ތުހުމަތުކުރެވޭ މީހުން ވެސް މިފަހުން ވަނީ ގޭބަންދަށް ދޫކޮށްލާފަ އެވެ. އަދި އެ ގޮތަށް ދޫކޮށްލާ މީހުން އަލުން ބަންދުކޮށްދިނުމަށް އެދި ހައި ކޯޓަށް ދައުލަތުން ދިއުމުން އެ ކޯޓުން ވެސް ދައްކަނީ ކޯޓުގެ ވަސީލަތްތަކާއި ޖާގައިގެ ދަތި ކަމުގެ ސަބަބުން ޝަރީއަތްތައް ލަސްވާ ލަސްވުމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް