ނަދީމުގެ މަރުގެ ތުހުމަތުވާ ހަތަރު މީހުން؛ ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި މިހާރު އޮތީ އިސްތިއުނާފް ކޮށްފައި މީގެ ތެރެއިން ބަންދުގައި މިވަގުތު ހުރީ މަފާޒް އެކަނި

ސުޕްރީމް ކޯޓު

ނަދީމުގެ މަރުގެ ތުހުމަތުވާ މީހުން ބަންދު ނުކުރަން ނިންމި ނިންމުން ބާތިލުކޮށްފި

ސުޕްރީމް ކޯޓުން ބުނީ އިސްތިއުނާފީ މަރުހަލާގައި ތުހުމަތުކުރެވޭ މީހާ ބަންދުކުރާނެ އިޖުރާއަތެއް ނެތް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް

ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ކުށް ސާބިތުނުވި މީހުން، އިސްތިއުނާފީ މަރުހަލާގައި ބަންދުކުރެވޭނެ އިޖުރާއަތެއް ނެތްކަމަށް ބުނެ، ބަންދު ނުކުރަން ނިންމި ނިންމުން ބާތިލުކޮށް، އެ މީހުންގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން މިއަދު ހައި ކޯޓަށް އަމުރުކޮށްފި އެވެ.  

ބުނީ ކީކޭ؟ - ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ، އެ މީހުންނަކީ މީހަކު މެރުމުގެ ކުށުގެ ތުހުމަތު އޮތް އަދި އޭގެ ތެރެއިން ބައެއް މީހުންނަކީ މިހާރު ވެސް ކުށުގެ ތެރޭގައި އުޅޭ ނުރައްކާތެރި ބަޔަކަށް ވާތީ، އެ މީހުންގެ ކިބައިން މުޖުތަމައުއަށް ނުރައްކަލެއް ނެތްކަން ނިންމުމުގައި ބަލަން ޖެހޭ ކަންކަން އެންމެ ފުރިހަމައަށް ހައި ކޯޓުން ބަލާފައި ނުވާ ކަމަށެވެ.

އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުއަށް، ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްޑާ ޒާހިރު ވެސް ވަނީ ތާއީދުކުރައްވާފަ އެވެ.

ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ:

  • ޖިނާއީ މައްސަލަތަކުގައި އިސްތިއުނާފީ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމާ މެދު ގޮތް ކަނޑައެޅުމުގެ އުސޫލެއް ނެތް ކަމަށް ބުނާ ބުނުމަކީ ރަނގަޅު ގޮތެއް ނޫން

  • ބަންދުގައި ބަހައްޓަން ގާނޫނުގައި ބަހައްޓަން ޖެހޭ ހާލަތު އޮވެ، އެކަން ތަންފީޒު ކުރުމުގެ އިޖުރާއަތެއް ނެތް ކަމަށް ބުނެ ބަންދު އަމުރު ނެރެނުދިނުމަކީ ގާނޫނުއަސާސީގައި އޮންނަ ކަމެއް ނޫން

  • އިސްތިއުނާފީ މަރުހަލާގައި ތުހުމަތުކުރެވޭ މީހުން ބަންދުކުރަން ޕީޖީ އޮފީހުން އެދޭ ހާލަތުގައި އަދި އެ ކަމަށް ހައި ކޯޓުން އަމުރުކުރާ ހާލަތުގައި އެކަން ތަންފީޒުކުރަން ހުރަސް އެޅޭނީ ކޮން ގާނޫނީ އިޖުރާއަތެއް ނެތިގެން ކަމަށް ހައި ކޯޓުގެ އަމުރުގައި ފާހަގަކޮށްފައެއް ނުވޭ

"[ބަންދު ނުކުރެވޭނެ ކަމަށް] ނިންމި ހައި ކޯޓުގެ އަމުރު ބާތިލުކުރުމާ އެކު، ދައުވާ ލިބޭ ހަތަރު މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކާވާ ހާލަތެއް އޮތްތޯ ކޮންމެ މީހެއްގެ ހާލަތު ވަޒަންކޮށް، ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކޮށްފީމެވެ،" މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައިވެ އެވެ.

ނަދީމުގެ މަރުގެ މައްސަލާގައި ހައި ކޯޓުގެ އަމުރު އިސްތިއުނާފް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗު، ވާތުން ކަނާއަތަށް، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ހުސްނުއްސުއޫދު، އަޒްމިރާލްދާ ޒާހިރު

ފަސްމަންޒަރު - ޖުލައި 2017ގައި ނަދީމް މަރާލީ ސައިކަލުތަކެއްގައި ދިޔަ ބައެއްގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ޓާމިނަލް ކެފޭ ތެރެއަށް ވަދެ، އޭނާގެ ބޮލަށް ވަޅިން ހަމަލާ ދީގެންނެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންނަކީ:

  • މުހައްމަދު މަފާޒު ހުސެއިން ސަލީމް، ގ. ޝާރާޒް

  • އަލީ ނިފާޒު، ވިދާތަރި/ލ. ގަން

  • ހުސެއިން ޝާމީން، ސަމަންތާ/ރ. އިންނަމާދޫ

  • މުހައްމަދު ކަރަމް ސުހައިލް، ހަވާސް/ގއ. ގެމަނަފުށި

  • ކުޑަކުއްޖެއް (އޭނާގެ މައްސަލަ ކުރިއަށްދަނީ ޖުވެނައިލް ކޯޓުގައި)

މަފާޒަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ ކުރިއިރު، ދެން ތިބި މީހުންގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުނުވުމުން 14 ނޮވެމްބަރު 2022ގައި މި އެންމެން ވަނީ މިނިވަންވެފަ އެވެ.

އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނިކޮށް، ކުށް ސާބިތުނުވެގެން ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނޭ މަފާޒް، މާލޭގައި ހިންގި މާރާމާރީއެއްގައި މަގުމަތީ ކަތިވަޅި ހިފައިގެން އުޅެނިކޮށް މިދިޔަ ޖޫން މަހުގެ ތެރޭގައި ހައްޔަރުކޮށްފައިވެ އެވެ. އަދި އޭގެ ކުރިން ވެސް އޭނާ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށް ދޫކޮށްލާފައިވެ އެވެ. މިހާރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މިހާރު މިނިވަންވެފައި ތިބި ހަތަރު މީހަކު ބަންދުކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ދައުލަތުން ހައި ކޯޓުގައި އެދިފައި ވަނީ، މަފާޒް ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށް، އޭގެ ތެރެއިން ދެ މައްސަލައެއްގައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި މިދިޔަ 13 ޖުލައިގައި ފުލުހުން އެދިފައިވަނިކޮށެވެ.

މި ވަގުތީ އަމުރާ މެދު މިދިޔަ މަހުގެ 20ގައި އެ ކޯޓުން ނިންމާފައިވަނީ، އިސްތިއުނާފީ މަރުހަލާގައި ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރެދިން ނަމަވެސް، އެކަން ތަންފީޒުކުރާނެ ގޮތުގެ އިޖުރާއަތެއް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައި ނެތުމުން އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ކޮމެންޓް (1)

ހާޖީ

7 ޑިސެމްބަރު 2023
ދުނިޔޭގެ އެހެން ގައުމުތަކުގަ ކުއްވެރިން ތިބޭނީ ވަކި ހެދުމެއް ލައްވާފަ އަދި ބޯ ހުންނާނީ ކުރުކޮށް ކޮށާފަ އެކަމަކު ބަލާބަލަ މިމީހުން ތިބި ސިފަ ، މީގެން ވެސް މިއިގެނީ މި މިހުންގެ ބާރުގަދަކަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް