ސްޕްރީމް ކޯޓުގައި އޮތް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އިބްރާހިމް ނާސިރު ވާހަކަދައްކަވަނީ؛ފަހަތުގައި ދައުވާ ލިބޭ ފަރާތްތައް

ސުޕްރީމް ކޯޓު

ނަދީމު މަރުގެ ތުހުމަތުވާ މީހުންނަކީ ހިނދުކޮޅަކަށް ވެސް ދޫކޮށްލައިގެން ނުތިބެވޭނެ: ދައުލަތް

ދައުލަތުން އެދުނީ ދަށު ކޯޓުގެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރާ ހާލަތުގައި ތުހުމަތުކުރެވޭ މީހާ ބަންދުކުރެވޭނެ ގޮތުގެ އިޖުރާއަތުތަކެއް ކަނޑައަޅައިދީ، އެކަމާ މެދު ގޮތެއް ނިންމާ ދިނުމަށް

މާލޭގައި ކުރިން ހިންގި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވިޔަސް، އެ މީހުންނަކީ ކުޑަ ވަގުތުކޮޅަކަށް ވެސް މުޖުތަމައުއަށް ދޫކޮށްލައިގެން ނުތިބެވޭނެ ފަދަ ކުށްވެރިން ކަމަށް ދައުލަތުން މިއަދު ސްޕްރީމް ކޯޓުގައި ބުނެފި އެވެ.

މައްސަލައިގެ ފެށުން - ޖުލައި 2017ގައި ނަދީމް މަރާލީ ސައިކަލުތަކެއްގައި ދިޔަ ބައެއްގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ޓާމިނަލް ކެފޭ ތެރެއަށް ވަދެ، އޭނާގެ ބޮލަށް ވަޅިން ހަމަލާ ދީގެންނެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންނަކީ:

  • މުހައްމަދު މަފާޒު ހުސެއިން ސަލީމް، ގ. ޝާރާޒް

  • އަލީ ނިފާޒު، ވިދާތަރި/ލ. ގަން

  • ހުސެއިން ޝާމީން، ސަމަންތާ/ރ. އިންނަމާދޫ

  • މުހައްމަދު ކަރަމް ސުހައިލް، ހަވާސް/ގއ. ގެމަނަފުށި

  • ކުޑަކުއްޖެއް (އޭނާގެ މައްސަލަ ކުރިއަށްދަނީ ޖުވެނައިލް ކޯޓުގައި)

މަފާޒަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ ކުރިއިރު، ދެން ތިބި މީހުންގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުނުވުމުން 14 ނޮވެމްބަރު 2022ގައި މި އެންމެން ވަނީ މިނިވަންވެފަ އެވެ.

އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނިކޮށް، ކުށް ސާބިތުނުވެގެން ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނޭ މަފާޒް، މާލޭގައި ހިންގި މާރާމާރީއެއްގައި މަގުމަތީ ކަތިވަޅި ހިފައިގެން އުޅެނިކޮށް މިދިޔަ ޖޫން މަހުގެ ތެރޭގައި ހައްޔަރުކޮށްފައިވެ އެވެ. މަފާޒް ހިމެނޭހެން، މިހާރު މިނިވަންވެފައި ތިބި ހަތަރު މީހަކު ބަންދުކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ދައުލަތުން ހައި ކޯޓުގައި އެދިފައި ވަނީ، މަފާޒް ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށް، އޭގެ ތެރެއިން ދެ މައްސަލައެއްގައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި މިދިޔަ 13 ޖުލައިގައި ފުލުހުން އެދިފައިވަނިކޮށެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހުގެ 20ގައި އެ ކޯޓުން ނިންމާފައިވަނީ، އިސްތިއުނާފީ މަރުހަލާގައި ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރެދިން ނަމަވެސް، އެކަން ތަންފީޒުކުރާނެ ގޮތުގެ އިޖުރާއަތެއް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައި ނެތުމުން އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ދައުލަތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައި ވާއިރު، އިއްޔެ އާއި މިއަދު އޮތް އަޑުއެހުމަށް ފަހު، މައްސަލައިގެ އަޑުއުހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ. ދެން މި މައްސަލާގައި އޮންނާނީ ހުކުމް ކުރުމެވެ.

ތަފްސީލް - މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ އިސްތިއުނާފީ ނުކުތާތަކަށް ފަހު، ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބުދާރީވުމުގެ ބައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ދައުވާ ލިބޭ މީހުންނަކީ މީގެ ކުރިން ވެސް ބަންދުގައި ފަސް އަހަރު ހޭދަކޮށްފައިވާ ބަޔަކަށް ވާއިރު، އެ މީހުންނަކީ ދަށު ކޯޓުގެ މަރުހަލާގައި ކުށް ސާބިތުނުވާކަން ނިންމައި ދޫކޮށްލާފައި ތިބި ބައެއް ކަމަށް ވެސް ވުމުން، ކުށެއް ސާބިތު ނުވަނީސް، އިސްތިއުނާފް މަރުހަލާގައި އަލުން ބަންދުކުރުމަކީ އެ މީހުންގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެ ކަމެއްތޯ ބަލާއިރު، ބަންދުގައި ބެހެއްޓުމަށް ހުރަސް އެޅޭތޯ ފަނޑިޔާރު ހުސްނުއްސުއޫދު ދައުލަތާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލު އިބްރާހިމް ނާސިރު ވިދާޅުވީ، އިސްތިއުނާފް ކުރަނީ ކާމިޔާބުވުމުގެ ފުރުސަތު އޮންނަ މައްސަލަތައް ކަމަށާއި ކޮންމެ ކޮންމެ މައްސަލައެއްގައި އިސްތިއުނާފް ނުކުރާ ކަމަށެވެ. އަދި ބަންދަށް އެދުމާ ހަމައަށް ދަނީ ވެސް، އެ ގޮތްގޮތުން ބެލުމަށް ފަހު ކަމަށާއި، އެ ކަމަކީ ވެސް ދައުވާ ލިބޭ މީހުންގެ ހައްގުތަކަށް ހުރަސްނޭޅޭނެ ފަދައަކުން ކަންކަން ކުރުމުގެ ބޭނުމުގައި ބަލާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝަރީއަތުގެ މަރުހަލާގައި މައްސަލަ ލަސްވާތީ ދޫކޮށްލަން ނިންމަން ބަލާއިރު ހަމައެކަނި ހުރީ ތުހުމަތުކުރެވޭ މީހާގެ އެކަނި ހައްގުތަކެއް ނޫން. އަޅުގަނޑުމެން މި ދަންނަވަނީ ތުހުމަތުކުރެވޭ މީހާގެ އަދި އެބަހުއްޓޭ އާދަޔާ ހިލާފު ކަންތައްތަކެއް މުޖުތަމައުއަށް ދޫކޮށްލައިގެން ނުތިބެވޭނެ، ފަހަރެއްގައި ވެސް، ކުޑަކޮށް ވެސް ދޫކޮށް ނުލެވޭނެ ހާލަތެއް އައިސްދާނެ. އެފަދަަ ހާލަތެއްގައި ލަސްވެޔޭ ކިޔާގެން މީހާ ދޫކޮށްލަނިކޮށް ފަހަރެއްގައި ހިނގާ ކަމެއްގެ ސަބަބުން ކިހިނެއްހޭ އެކަން އަޅުގަނޑުމެން އިއާދަ ކުރާނީ؟،" ވަކީލު ވިދާޅުވި އެވެ.

ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ލަސްވެގެންދާ ލަސްވުމަކީ ބައެއް ފަހަރު ޕީޖީ އޮފީހުގެ ބާރުގެ ދަށުގައި އޮންނަ ކަންކަން ނޫންކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، މައްސަލައިގެ ޝަރީއަތްތައް ހިންގުން ލަސްވެގެން ހައްގުތަކަށް ބުރޫއަރާ ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ކޯޓުތަކުން އެ މައްސަލައެއް ކުރިއަށް ގެންދާ މިންވަރު އަވަސް ކުރުން ކަމަށެވެ.

މިދިޔަ އަހަރު ކުށް ސާބިތުނުވުމާ އެކު، އެ އެންމެން ދޫކޮށްލާފައި ތިބޭތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން އެ މީހުންނަކީ މުޖުތަމައުއަށް ދޫކޮށްލެވޭ ވަރަށް ވުރެ ނުރައްކާތެރި ބައެއް ކަމަށް ދައުލަތުން ސިފަކުރާ ކުރުން ނަފީވެގެން ނުދޭތޯ ހުސްނުއްސުއޫދު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ވަކީލު ވިދާޅުވީ، މުޖުތަމައުއަށް ނުރައްކާ ވާނެ ކަމަށް ބުނާ ބުނުމުން އެ ހާލަތުގައި ބަލިކަށިވާ ކަމަށެވެ. އެކަމަކު އެ މީހުން އެ މުއްދަތުގައި ބަންދުން ދޫވެފައި ތިބީ އިސްތިއުނާފާ ދެމެދު އަންނަ ނިޒާމީ ހުސްކަމުން ކަމަށެވެ. 

" އެ މުއްދަތުގައި [އިސްތިއުނާފަށް ހުށަހެޅުމުގެ ކުރިން] އެ މީހުން ބަންދުކޮށްދޭން އެދިގެން ކޯޓަށް ދިޔައަސް ބުނެވޭނެ އެމީހުން ބަންދުކުރެވޭނީ އިސްތިއުނާފްއާ އެކު ކަމަށް. އެހެންވީމަ ނިޒާމުގެ ތެރެއިން ވެސް އެބައާދޭ މަޖުބޫރީ ހުސްކަން ތަކެއް،" ވަކީލު ވިދާޅުވި އެވެ.

އެއަށް ފަހު، ހުސްނުއްސުއޫދު ވަނީ، ހައި ކޯޓުގައި އޮތް އިސްތިއުނާފީ މައްސަލަ އަވަސް ކުރުމާ އެކު، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން އަމުރުކުރެވިދާނެތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ވަކީލު ވިދާޅުވީ، އެ ގޮތަށް އެންގުމުގެ ބާރު ސްޕްރީމް ކޯޓަށް އެބައޮތް ކަމަށެވެ.

އިސްތިއުނާފީ މަރުހަލާގައި ބަންދުކުރާނެ ގޮތުގެ އިޖުރާއަތު ކަނޑައަޅައިދޭން އެދުނު

މައްސަލައިގެ އަޑުއެހުންތައް ނިންމާލުމުގެ ގޮތުން ދެ ފަރާތަށް ފަހު ބަސް ބުނުމުގެ ފުރުސަތު ދެއްވުމުން ދައުލަތުން އެދުނީ، ދަށު ކޯޓުން މައްސަލަ ސާބިތުނުވާ ހާލަތުގައި އަދި ދަށު ކޯޓުގެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރާ ހާލަތުގައި ތުހުމަތުކުރެވޭ މީހާ ބަންދުކުރެވޭނެ ގޮތުގެ އިޖުރާއަތުތަކެއް ކަނޑައަޅައިދީ، އެކަމާ މެދު ގޮތެއް ނިންމުމަށެވެ.

"ވަރަށް ބައިވަރު ހާދިސާތައް ހިނގާނެ. ހައްޔަރު ނުކުރެވި ވެސް ހިނގާދާނެ. އަތުނުވެވެސް ހިނގައިދާނެ. އެ ހުސްކަން ފޫބެއްދުމަށް ކޮންމެ ފަހަރަކު ހިފާ ހައްޔަރެއް ނުކުރެވޭނެ. އެކަށީގެންވާ ސަބަބަކާއެކު ހައްޔަރުކުރެވޭނީ، އެ ނޫން ގޮތަކަށް ކިހިނެއްތޯ ހައްޔަރުކުރެވޭނީ. އެހެންކަމުން މިކަންކަން ރަނގަޅު އުސޫލެއް ރަނގަޅު ހަމައެއްގެ ތެރެއިން ފަނޑިޔާރުން ސާފުކޮށްދީ ނިންމަވައިދެއްވުމަށް އެދެން،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުވާ ލިބޭ ފަރާތްތަކުން އެދުނީ، އިސްތިއުނާފީ މަރުހަލާގައި ކުށް ސާބިތުނުވާހާ ހިދަކު އެ މީހުން ދޫކޮށްނުލެވޭނެ ކަމަށް ނިންމައިދިނުމަށެވެ. 

އަދި އެ މީހުންގެ ތެރެއިން ހުސެއިން ޝާމީން އާއި މުހައްމަދު ކަރަމް ސުހައިލް އަކީ، މިހާރު ފެނަކަ ކޯޕަރޭޝަނުގެ ލޮޖިސްޓިކްސް ޑިޕާޓުމަންޓުގެ ސީނިއާ އޮފިސަރުގެ މަގާމު އަދާކުރަމުންދާ ބަޔަަކަށް ވުމުންނާއި ބަންދުން ދޫކޮށްލި ތާރީހުން ފެށިގެން މިހާތަނަށް މަފާޒް ފިޔަވައި ދެން ތިބި މީހުންނަކީ ކުށުގެ އެއްވެސް މައްސަލައެއް ނެތް ބަަޔަކަށް ވުމުން، މުޖުތަމައުއަށް ނުރައްކާ އޮތް މީހެއް ކަމަށް ވަޒަންކުރާ މިންގަނޑު ދަށްވާނެ ކަމަށް ވިދާޅުވި އެވެ.

އެނގުން މުހިންމު - ނަދީމުގެ މަރުގައި ހިމެނޭ މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ މަފާޒް އެކަންޏެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ މިވަގުތު ކޯޓުގައި މާރާމާރީގެ އެހެން މައްސަލަތަކެއްގަ އެވެ. 

ނަދީމް މަރާލި ކަމުގެ ދައުވާ ސާބިތު ނުވުމުން މަފާޒް ދޫކޮށްލި ފަހުން:

  • ފަސް މަސް ފަހުން، އިތުރު މާރާމާރީއެއް ހިންގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވޭ؛ އެ މައްސަލައާ ގުޅިގެން ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލި

  • އޭގެ ފަހުން، މިދިޔަ 3 ޖޫންގައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަފާޒް ވެސް ހިމެނޭ

ކޮމެންޓް (1)

ހާޖީ

7 ޑިސެމްބަރު 2023
ބަލާބަލަ އެހެރަ ބެލުމެއް ، ވަކީލުގެ ދުވަސް ތިދިޔައީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް