ނަދީމުގެ މަރުގެ މައްސަލާގައި ހައި ކޯޓުގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގެ ތެރެއިން
ނަދީމުގެ މަރު: ތުހުމަތުކުރެވޭ މީހުން ބަންދުކުރުމުގެ އަމުރެއް ނުދިން
މާލޭގައި ކުރިން ހިންގި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ބޮޮލަށް ހަމަލާދީ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް އިސްތިއުނާފް ކޮށްފައިވާތީ އާއި މިހާރު މިނިވަންވެފައިވާ އެ މީހުންނަކީ މުޖުތަމައުއަށް ނުރައްކާ އޮތް މީހުން ކަމަށް ބުނެ، އެ އެންމެން ބަންދުކޮށްދިނުމަށް ދައުލަތުން އެދުނު ގޮތަށް އަމުރު ނެރެ ދެވެން ނެތް ކަމަށް ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.
ހައި ކޯޓުން ބުނީ އަމުރު ނެރެދެވެން ނެތީ، އިސްތިއުނާފީ މަރުހަލާގައި ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރެދިން ނަމަވެސް، އެކަން ތަންފީޒުކުރާނެ ގޮތުގެ އިޖުރާއަތެއް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށް ފެންނަން ނެތުމުން ކަމަށެވެ.
ވީ ކިހިނެއް؟ - ޖުލައި 2017ގައި ނަދީމް މަރާލީ ސައިކަލުތަކެއްގައި ދިޔަ ބައެއްގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ޓާމިނަލް ކެފޭ ތެރެއަށް ވަދެ، އޭނާގެ ބޮލަށް ވަޅިން ހަމަލާ ދީގެންނެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންނަކީ:
-
މުހައްމަދު މަފާޒު ހުސެއިން ސަލީމް، ގ. ޝާރާޒް
-
އަލީ ނިފާޒު، ވިދާތަރި، ލ. ގަން
-
ހުސެއިން ޝާމީން، ސަމަންތާ، ރ. އިންނަމާދޫ
-
މުހައްމަދު ކަރަމް ސުހައިލް، ހަވާސް، ގއ. ގެމަނަފުށި
-
ކުޑަކުއްޖެއް (އޭނާގެ މައްސަލަ ކުރިއަށްދަނީ ޖުވެނައިލް ކޯޓުގައި)
މަފާޒަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ ކުރިއިރު، ދެން ތިބި މީހުންގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުނުވުމުން 14 ނޮވެމްބަރު 2022ގައި މި އެންމެން ވަނީ މިނިވަންވެފަ އެވެ.
އެ ނިންމުން ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ތަފްސީލް - މި މައްސަލަ އިސްތިއުނާފް ކޮށްފައިވާތީ، އެ އެންމެންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ޖެހޭ މީހުން ކަމަށް އަމުރުކޮށްދިނުމަށް ދައުލަތުން އެދިފައިވާ އެދުމާ މެދު އިއްޔެ ނިންމި ނިންމުމުގައި ބުނެފައިވަނީ:
-
މި މައްސަލާގައި ހިމެނޭ މަފާޒްއަކީ މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައަކާ ގުޅިގެން މިހާރު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ކަމަށް ދައުލަތުން ފާހަގަކުރާތީ އޭނާ ބަންދުކުރުމުގެ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް ނެތް ކަމަށް
-
މި މައްސަލާގައި ދެން ބަންދުކޮށްދިނުމަށް ދައުލަތުން އެދިފައިވާ ތިން މީހުން ބަންދުގައި ބައިތިއްބަން ޖެހޭ އެކަށީގެންވާ ސަބަބެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް
-
އިސްތިއުނާފީ މަރުހަލާގައި ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުުކުރުމާ މެދު ގޮތެއް ކަނޑައެޅުމާއި އެފަދަ މީހުން ބަންދުކުރަން ނިންމިޔަސް، އެކަން ތަންފީޒު ކުރާނެ ގޮތުގެ އިޖުރާއަތު ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންވެ ފެންނަން ނެތް ކަމަށް
-
އިތުރަށް ކިޔާލަން - މަރުގެ ތުހުމަތުވާ 2 މީހަކު ވަޒީފާގައި ތިބުމުން ފަނޑިޔާރުގެ ސުވާލު
އެނގުން މުހިންމު - ނަދީމުގެ މަރުގެ މައްސަލަ ދަށު ކޯޓުން ސާބިތުނުވުމުން މިހާރު މިނިވަންވެފައި ތިބި ހަތަރު މީހަކު ބަންދުކޮށްދިނުމަށް ދައުލަތުން ހައި ކޯޓުގައި އެދިފައި ވަނީ، މަފާޒް ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށް، އޭގެ ތެރެއިން ދެ މައްސަލައެއްގައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި މިދިޔަ 13 ޖުލައިގައި ފުލުހުން އެދިފައިވަނިކޮށެވެ.
ނަދީމް މަރާލި ކަމުގެ ދައުވާ ސާބިތު ނުވުމުން މަފާޒް ދޫކޮށްލި ފަހުން:
-
އޭގެ ފަސް މަސް ފަހުން ވަނީ، އިތުރު މާރާމާރީއެއް ހިންގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި؛ އެ މައްސަލައާ ގުޅިގެން ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލި
-
އޭގެ ފަހުން، މިދިޔަ 3 ޖޫންގައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަފާޒް ވެސް ހިމެނޭ
ފާހަގަކޮށްލެވޭ - މި މީހުން ބަންދުކުރުމާ މެެދު ގޮތެއް ނިންމުމަށް މީގެ ކުރިން ހައި ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި، މި މައްސަލަ ހައި ކޯޓުގައި ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސެއިން މަޒީދު ފާހަގަކުރެއްވި ގޮތުގައި، އެ މައްސަލާގައި ތުހުމަތުކުރެވޭ ހުސެއިން ޝާމީން އާއި މުހައްމަދު ކަރަމް ސުހައިލްއަށް ފެނަކަ ކޯޕަރޭޝަނުގެ ލޮޖިސްޓިކްސް ޑިޕާޓުމަންޓުގެ ސީނިއާ އޮފިސަރުގެ މަގާމު ދީފައިވާކަން އެނގޭ ލިއުންތަކެއް އެބަހުއްޓެވެ.
އެހެންކަމުން، ދައުލަތުން ބޭނުންވަނީ އެ މީހުން ވަޒީފާގައި ބައިތިއްބަންތޯ ނުވަތަ ޖަލުގައި ބައިތިއްބަންތޯ މަޒީދު އެ ދުވަހު ސުވާލު ކުރެއްވި އެވެ.
މި ސުވާލާ ގުޅިގެން ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ އެ މީހުން ވަޒީފާގައި ތިބި ކަމުގެ މައުލޫމާތު މީގެ ކުރިން ލިބިފައިނުވާ ކަމަށާއި އެކަން އެ ގޮތަށް ހިނގާފައިވާ ނަމަ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ޝާމީންގެ ވަކީލު އައިޝަތު ސީނީ އެ ދުވަހު ވިދާޅުވީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް ދައުލަތުން ބުނާ ސަަބަބު ވާން ޖެހޭނީ މިހާރުގެ ހާލަތަށް ފެތޭ ސަބަބެއް ކަމަށެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ނިންމާފައި ވާއިރު، އޭނާ އަކީ މުޖުތަމައުއަށް ނުރައްކާ އޮތް މީހެއް ކަމަށް ވަޒަންކުރާ މިންގަނޑު ދަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކީލު އިތުރަށް ވިދާޅުވީ ބަންދުން ދޫކޮށްލި ތާރީހުން ފެށިގެން މިހާތަނަށް ޝާމީންގެ ކުށުގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެފަދަ ކަމެއްގައި ތަނަކުން ހުއްޓުވާ ނުވަތަ ބަންދުކޮށްފައި ވެސް ނުވާ ކަމަށެވެ.