ނަދީމުގެ މަރުގެ މައްސަލާގައި ހައި ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން.

ނަދީމުގެ މަރުގެ ތުހުމަތުވާ 2 މީހަކު ފެނަކައިގެ ވަޒީފާގައި ތިބުމުން ފަނޑިޔާރު ސުވާލު އުފައްދައިފި

އެ ދެ މީހުންނަށް ފެނަކައިގެ ވަޒީފާ ދީފައިވާތީ، މި މައްސަލާގައި ދައުލަތުގެ ސްޓޭންޑް އޮޅޭ ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ވިދާޅުވި

މާލޭގައި ކުރިން ހިންގި ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ބޮޮލަށް ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލުމަށް ފަހު އެ ދައުވާ ސާބިތުނުވުމުން ދޫކޮށްލި މީހުންނަކީ މުޖުތަމައުއަށް ނުރައްކާ އޮތް މީހުން ކަމަށް ބުނެ އެ މީހުން ބަންދުކޮށްދޭން ދައުލަތުން ކޯޓުގައި އެދިފައި ވާއިރު، އޭގެ ތެރެއިން ދެ މީހަކު ސަރުކާރު ކުންފުންޏެއްގެ ޒިންމާދާރު ވަޒީފާ އަދާކުރަމުންދާތީ، މި މައްސަލަ ބަލާ ހައި ކޯޓުގެ ބެންޗުން މިއަދު ސުވާލު އުފައްދައިފި އެވެ.

ވީ ކިހިނެއް؟ - ޖުލައި 2017ގައި ނަދީމް މަރާލީ، ސައިކަލުތަކެއްގައި އައި ބައެއްގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ޓާމިނަލް ކެފޭ ތެރެއަށް ވަދެ، އޭނާގެ ބޮލަށް ވަޅިން ހަމަލާ ދީގެންނެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންނަކީ:

  • މުހައްމަދު މަފާޒު ހުސެއިން ސަލީމް، ގ. ޝާރާޒް

  • އަލީ ނިފާޒު، ވިދާތަރި/ލ. ގަން

  • ހުސެއިން ޝާމީން، ސަމަންތާ/ރ. އިންނަމާދޫ

  • މުހައްމަދު ކަރަމް ސުހައިލް، ހަވާސް/ގއ. ގެމަނަފުށި

  • ކުޑަކުއްޖެއް (އޭނާގެ މައްސަލަ ކުރިއަށްދަނީ ޖުވެނައިލް ކޯޓުގައި)

މަފާޒަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ ކުރިއިރު، ދެން ތިބި މީހުންގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުނުވުމުން 14 ނޮވެމްބަރު 2022ގައި މި އެންމެން ވަނީ މިނިވަންވެފަ އެވެ.

އެ ނިންމުން ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

މި މައްސަލާގައި މިހާރު ހައި ކޯޓުގައި ކުރިއަށްދަނީ، އެ އެންމެންނަކީ ބަންދުގައި ބައިތިއްބަން ޖެހޭ މީހުން ކަމަށް އަމުރުކޮށްދިނުމަށް ދައުލަތުން އެދިފައިވާތީ އެކަމާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުންތަކެެކެވެ.

ތަފްސީލް - އެ އެންމެންނަކީ ބަންދުގައި ބައިތިއްބަން ޖެހޭ މީހުން ކަމަށް ދައުލަތުން ފާހަގަކުރަމުން ދާތީ، މި މައްސަލަ ހައި ކޯޓުގައި ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސެއިން މަޒީދު ވިދާޅުވީ، ހުސެއިން ޝާމީން އާއި މުހައްމަދު ކަރަމް ސުހައިލްއަށް ފެނަކަ ކޯޕަރޭޝަނުގެ ލޮޖިސްޓިކް ޑިޕާޓުމަންޓުގެ ސީނިއާ އޮފިސަރުގެ މަގާމު ދީފައިވާކަން އެނގޭ ލިއުންތަކެއް އެބަހުރި ކަމަށެވެ.

"މިއީ ދައުލަތުގެ %100 ހިއްސާވާ، ދައުލަތުގެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުން ހިންގާ ކުންފުންޏެއް. އެހެންވެ ދައުލަތުގެ ސްޓޭންޑް އޮޅޭ އެބަ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ދައުލަތުން ބޭނުންވަނީ އެ މީހުން ވަޒީފާގައި ބައިތިއްބަންތޯ ނުވަތަ ޖަލުގައި ބައިތިއްބަންތޯ މަޒީދު ސުވާލު އުފެއްދެވި އެވެ.

މި ސުވާލާ ގުޅިގެން ދައުލަތުގެ ވަކީލު އަހްމަދު ނައުޝާދު ވިދާޅުވީ، އެ މީހުން ވަޒީފާގައި ތިބި ކަމުގެ މައުލޫމާތު މީގެ ކުރިން ލިބިފައި ނުވާ ކަމަށާއި، އެކަން އެ ގޮތަށް ހިނގާފައިވާ ނަމަ، އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ތިކަން ތިމަގުން ހިނގާފައިވާ ނަމަ، އެއީ ދައުލަތުން ހިއްސާވާ ކުންފުންޏަކުން ނިންމި ކަމުގައިވީ ނަމަވެސް، ރަނގަޅަށް ނިންމާފައިވާ ނިންމުމެެއް ކަމަކަށް ދައުލަތުގެ ޕްރޮސިކިއުޓާ ޖެނަރަލްގެ ހައިސިއްޔަތުން އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ޝާމީންގެ ވަކީލު އައިޝަތު ސީނީ ވިދާޅުވީ، އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް ދައުލަތުން ބުނާ ސަަބަބު ވާން ޖެހޭނީ މިހާރުގެ ހާލަތަށް ފެތޭ ސަބަބެއް ކަމަށެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ނިންމާފައި ވާއިރު، އޭނާ އަކީ މުޖުތަމައުއަށް ނުރައްކާ އޮތް މީހެއް ކަމަށް ވަޒަންކުރާ މިންގަނޑު ދަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަލާއިރު ވެސް، މުޖުތަމައުއަށް ނުރައްކާ އޮތް މީހެއް ކަމަށް ބަލާއިރު، އެ ފަރާތުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލަން ޖެހޭ އެބަ. އެ ފަރާތުން ވަޒީފާ އަދާކުރާ ފަރާތެެއްތޯ ފަދަ ކަންކަމަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާތީ، އޭނާ މިހާރު ވަޒީފާގައި އުޅޭ ކަމުގެ މައްޗަށް ރިއާޔަތްކުރެވިގެން، އެ ފަރާތުގެ ބަންދާ މެދު ގޮތެއް ނިންމަން ޖެހޭނީ،" ވަކީލު ވިދާޅުވި އެވެ.

ވަކީލު އިތުރަށް ވިދާޅުވީ، ބަންދުން ދޫކޮށްލި ތާރީހުން ފެށިގެން މިހާތަނަށް ޝާމީންގެ އެއްވެސް ކުށުގެ މައްސަލައެއް ނެތް ކަމަށާއި، އެފަދަ ކަމެއްގައި ތަނަކުން ހުއްޓުވާ ނުވަތަ ބަންދުކޮށްފައި ވެސް ނުވާ ކަމަށެވެ.

މައްސަލައިގެ ހުލާސާ

ނަދީމުގެ މަރުގެ ތުހުމަތުކުރެވޭ ހަތަރު މީހަކު ބަންދުކޮށްދިނުމަށް ދައުލަތުން ހައި ކޯޓުގައި އެދިފައި ވަނީ، މަފާޒް ތިން ފަހަރެއްގެ މަތިން ހައްޔަރުކޮށް، އޭގެ ތެރެއިން ދެ މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕީޖީގައި މިދިޔަ 13 ޖުލައިގައި ފުލުހުން އެދިފައިވަނިކޮށެވެ. އޭނާގެ މައްޗަށް ކުރަނީ:

  • މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުން

  • ގާނޫނު ތަންފީޒުކުރާ މީހެއްގެ މަސައްކަތަށް ހުރަސް އެޅުން

  • ގައިގައި އަތްލުމުގެ ދެ ދައުވާ

  • މުދަލަށް ގެއްލުން ދިނުން

ނަދީމް މަރާލި ކަމުގެ ދައުވާ ސާބިތު ނުވުމުން މަފާޒް ދޫކޮށްލި ފަހުން:

  • އޭގެ ފަސް މަސްދުވަސް ފަހުން ވަނީ، އިތުރު މާރާމާރީއެއް ހިންގައި ފުލުހެއްގެ ގައިގައި ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި؛ އެ މައްސަލައާ ގުޅިގެން ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލި

  • އޭގެ ފަހުން، މިދިޔަ 3 ޖޫންގައި، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަފާޒް ވެސް ހިމެނޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް