ކްރިމިނަލް ކޯޓު އިމާރާތް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ހައި ކޯޓުން ދައުލަތަށް ނުރުހުން: ކޯޓުގެ އިމާރާތް އަޅަން ދާންވީ ފަނޑިޔާރުންތޯ
ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، އެ ތަނުން ބައެއް ވެއްޓި، ޖާގައިގެ ދަތިކަމާ ހެދި ޝަރީއަތްތައް މަޑުޖެހި، މައްސަލަަތައް ކުރިއަށް ގެންދިއުމަށް ދަތިވެފައި އޮތަސް، ކުށުގައި ބަންދުކުރެވޭ ކުށްވެރިން ދޫކޮށްނުލެވޭނެ ކަމަށް ދައުލަތުން ބުނާތީ، ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.
މައްސަލައިގެ ފެށުން - ހ. ސޯސަންވިލާ، ތިންވަނަ ފަންގިފިލާ އެޕާޓުމަންޓުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް، މިދިޔަ 22 ޑިސެމްބަރުގައި އަހްމަދު އަމްނު ނަމަަކަށް ކިޔާ މީހެއްގެ މައްޗަށް ތުހުމަތުކޮށް ހައްޔަރުކުރި އެވެ.
އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ:
-
މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ؛ 3.721 ގްރާމް މަސްތުވާތަކެތި ފެނިފައިވޭ
-
ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ؛ 1006.1 ގްރާމް ކެނަބިސް ފެނިފައިވޭ
-
އޭނާގެ އަތުން ފެނުނު 400،000ރ.އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އަކީ ކިހިނެއް ހޯދާފައިވާ ފައިސާއެއްކަން ބުނެދެވިފައި ނުވާތީ އެ ފައިސާ ދައުލަތަށް ނެގުމަށް
ވީ ކިހިނެއް؟ - އެ މައްސަލާގައި އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައިވާތީ އާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ މީހެއް ކަމަށް ބަލައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި އޮތުމަށް ފަހު، އޭނާ މިހާރު ހުރީ ދޫކޮށްލާފަ އެވެ.
ދޫކޮށްލި ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވަނީ، އެ މައްސަލައިގައި ގިނަ އަދަދެއްގެ ހެކިން ތިބުމާ އެކު، ކޯޓުގެ ޖާގައިގެ ދަތިކަމަށް ބަލާއިރު، މައްސަލަ ނިންމަން ގިނަ ދުވަސްތަކެއް ހޭދަވެދާނެތީ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭތީ އެވެ.
މި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.
އަޅުގަނޑުމެންތޯ ކޯޓު އަޅަން ދާންވީ؟ ޝަރީއަތުގެ މާލަމް ބިނާކުރަން ދާންވީ ފަނޑިޔާރުންތޯ؟
ތަފްސީލް - އޭނާ ދޫކޮށްލުމަށް ކޮށްފައިވާ އަމުރު ބާތިލުކޮށްދިނުމަށް އެދި ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު އަހްމަދު ނައުޝާދު ވިދާޅުވީ، މައްސަލައިގައި ގިނަ ދުވަސްތަކެއް ވެދާނެ ކަމަށް ގާޒީއަށް ގަބޫލުކުރެވުމަކީ، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ މީހަކު ބަންދުން ދޫކޮށްލުމަށް އަމުރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް ނޫން ކަމަށެވެ.
"ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންގޮސް، މައްސަަލައިގައި ގޮތެއް ނިންމުމަކީ އިންސާފު ގާއިމުކުރުމުގައި މުހިންމު ކަމެއް. ވަކިން ހާއްސަކޮށް ދައުވާ ލިބޭ ފަރާތަކީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހެއް ނަމަ، އެ މީހެއްގެ މައްސަލަ އަވަހަށް ނިންމުމަށް ދޭން ޖެހޭ އަހުމިއްޔަތު ބޮޑު،" ނައުޝާދު ވިދާޅުވި އެވެ.
ދައުލަތުން ދައްކަމުންދިޔަ އެ ވާހަކަތައް ހުއްޓުވުމަށް ފަހު، އެ ވާހަކަތައް ދައްކަނީ ކްރިމިނަލް ކޯޓު މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށްފައިތޯ، ހައި ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރު ނިޔާޒު ސުވާލުކުރެއްވި އެވެ.
ހައި ކޯޓުން ދައުލަތަށް ނުރުހުން: ކޯޓުގެ އިމާރާތް އަޅަން ދާންވީ ފަނޑިޔާރުންތޯ
— Dhauru (@Dhaurunews) August 21, 2023
◀️ ޝަރީއަތް އަވަސް ކުރަން އެދި ދައުލަތުން ހުށަހަޅަން ޖެހޭނީ، ޝަރީއަތް ކުރާނެ ތަނެއް ދައްކާފައި ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި
އިތުރަށް ކިޔާލަން: https://t.co/5y6YehJxFk pic.twitter.com/MRcpzxtCzg
ޖަވާބުގައި ދައުލަތުގެ ވަކީލު ނައުޝާދު ވިދާޅުވީ، މުޖުތަމައުއަށް ނުރައްކާވާ ކަމަށް ނިންމައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ މައްސަލައެއްގައި ކޯޓުގެ ހާލަތު ހުރި ގޮތަށް އެކަނި ރިއާޔަތްކޮށް އޭނާ ބަންދުން ދޫކޮށްނުލެވޭނެ ކަމަށެވެ.
"އެކަން އެ ގޮތަށް ކުރެވޭ ކަމަށް ވާ ނަމަ، ޝަރީއަތް ނިމެންދެން ބަންދުކުރެވޭ އެންމެން ވެސް މި ދަންނަވާ ސަބަބަށްޓަކައި [ކޯޓު އިމާރާތް ހުރި ހާލަތަށް ބަލައި] ދޫކުރުމުގެ އިހުތިޔާރު އޮންނާނެ. އެކަން އެ ގޮތަށް ކުރެވިދާނެ ކަމަކަށް ދައުލަތުން ނުދެކެން،" އޭނާ ވިދާޅުވި އެވެ.
'އަވަސް ކުރަން ބުނަން ޖެހޭނީ، ޝަރީއަތް ކުރާނެ ތަނެއް ދައްކާފައި'
ދައުލަތަށް އެކަން އެ ގޮތަށް ކުރެވިދާނެ ކަމަށް ނުފެނުނަސް، ގާނޫނުގައި ބުނާ ގޮތަށް އަވަހަށް ޝަރީއަތް ކުރުމަށް، ޝަރީއަތް ކުރާނެ ތަނެއް ހުރިތޯ ބަލަން ޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެފަދަ ތަނެއް އެބަހުރިތޯ ފަނޑިޔާރު ނިޔާޒު ސުވާލު ކުރެއްވި އެވެ.
"ޖިނާއީ ހުރިހާ މައްސަލަތަކެއް ހުށަހެޅޭ ކޯޓުގެ ވާހަކަ މި ދައްކަނީ. ކޯޓުގެ އެއް ބައި ވެއްޓިފައި. ދެން އެ ތަނުގައި ކިހިނެއްތޯ މަސައްކަތް ކުރަނީ. އަޅުގަނޑަކަށް ހިއެއް ނުވޭ ދައުލަތުގެ އެއްވެސް އިދާރާއަކަށް އޮޅިފައި އޮތް ކަމެއް ހެންނެއް މިއީ،" ފަނޑިޔާރު ވިދާޅުވި އެވެ.
"ޝަރީއަތް ހިންގާނެ ތަނެއް ދައްކަންވަން ޖެހޭނެ ނޫންތޯ؟ ދައްކާފައި ނޫންތޯ އަވަހަށް ޝަރީއަތް ހިންގާށޭ ބުނަން ޖެހޭނީ؟"
ރައްދުގައި ދައުލަތުން ބުނީ، ކޯޓުގެ ހާލަތާ ގުޅޭ ގޮތުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)އަށް ޖަވާބުދާރީވެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، ޕީޖީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުން ކަމަށެވެ.
ޕީޖީއަކީ ދައުލަތް ތަމްސީލުކުރާ ފަރާތެއް ކަމަށް ވާއިރު، އެ ކަމަށް ޕީޖީއަށް ޖަވާބުދާރީ ނުވެވޭ ނަމަ، ދެން ޖަވާބުދާރީ ވާނީ ކޮން ފަރާތަކުންތޯ ވެސް ފަނޑިޔާރު ސުވާލުކުރެއްވި އެވެ. އަދި ފަނޑިޔާރުންގެ މައްސޫލިއްޔަތަކީ ޝަރީއަތް ހިންގުންކަން ވެސް އޭނާ ހަނދާންކޮށްދެއްވި އެވެ.
ކޯޓުގެ ހާލަތާ ގުޅޭ ގޮތުން ޖަވާބު ނުދެވޭ ނަމަ، އެ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ވާހަކަދެއްކުމަށް ފަނޑިޔާރު ދައުލަތަށް އެންގެވި އެވެ.
އެއަށް ފަހު ފަނޑިޔާރު ވިދާޅުވީ، ގާނޫނު ހަދާފައި އޮތީ އަވަހަށް ޝަރީއަތް ހިންގަން ނޫން ކަމަށާއި، ޝަރީއަތް އަވަހަށް ހިންގުމަށް މަގުފަހިކޮށްދޭ ކަންކަން ކުރުމަކީ ވެސް ދައުލަތުގެ މައްޗަށް ގާނޫނު ލާޒިމްކޮށްފައި އޮންނަ ކަމެއް ކަމަށެވެ.
"އެހެންވީމަ، ދައުލަތަށް ނޭނގި އޮތް ކަމެއް ކަމަަކަށް ގަބޫލެއް ނުކުރެވޭ ކްރިމިނަލް ކޯޓު ވެއްޓިފައި އޮތް ކަމާއި ކްރިމިނަލް ކޯޓުގައި ޝަރީއަތް ނުކުރެވޭ ކަމާއި އެ ތަނަށް އެތައް ބައިވަރު މައްސަލަތަކެއް ހުށަހެޅިފައި އޮތް ކަމާއި ޑިއުޓީ ބަހައިގެން ޝަރީއަތް ކުރަން ޖެހޭ ކަމާއި މައްސަލަތައް ކުރިއަށް ނުގެންދެވި އޮތީ ތަނުގެ ދަތިކަމުގެ ސަބަބުންކަން. އެކަންކަން ހައްލު ކުރެވެން ޖެހޭނީ. ހައްލުކޮށްފައި ތި އުސޫލުން ވާހަކަދެއްކޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ނިޔާޒް ވިދާޅުވި އެވެ.
އެހެންކަމުން، ގާނޫނުގައި އަވަހަށް ޝަރީއަތް ކުރަން އޮންނަ ކަމަށް ބުނެ، ޝަރީއަތް ކުރެވޭނެ ގޮތް ކޯޓުތަކަށް ފަހިކޮށްނުދީ، ހައި ކޯޓުގައި ވަކާލާތު ކުރިޔަސް އެ ކަމަށް ދޭނެ ފަރުވާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންތޯ ކޯޓު އަޅަން ދާންވީ؟ ޝަރީއަތުގެ މާލަމް ބިނާކުރަން ދާންވީ ފަނޑިޔާރުންތޯ؟،" ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.
ގުޅުންހުރި ކަމެއް - ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، ހަލާކުުވެފައި ވުމުން، ޖާގައިގެ ދަތިކަން އޮތުމުން، އެ ކޯޓުގައި ހިނގަމުންދާ ޝަރީއަތްތައް އަވަަހަށް ކުރިއަށް ގެންދަން ދަތިވެފައި އޮތްކަން އެ ކޯޓުގައި އޮންނަ ޝަރީއަތްތަކުގައި ވެސް ގާޒީން ފާހަގަކުރައްވަ އެވެ. އެކަމުގެ ސަބަބުން މައްސަލަަތައް ދުރާލައި ތާވަލުކުރަން ދަތިވާކަން ވެސް ގާޒީން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، ކްރިމިނަލް ކޯޓުގައި މިހާރު މައްސަލަތައް ކުރިއަށް ގެންދަނީ، ކޮންމެ މަހަކު ގާޒީއަކަށް ސްލޮޓު ބަހައިގެން ކަމަށް ގާޒީން ފާހަގަކުރައްވަ އެވެ.
މިފަހުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ އަވަސްކޮށްދިނުމަށް އެ މައްސަލާގައި ދައުވާ ލިބޭ ސަން ކުންފުނިތަކުގެ ފަރާތުން އެދުމުން ވެސް، ގާޒީ އަލީ ނަދީމް ވިދާޅުވެފައިވަނީ، ޖާގައިގެ ދަތިކަން އޮތުމުން އެ މައްސަލަ އަވަހަށް ނިންމަން ދަތިވާ ކަމަށެވެ.
އެނގުން މުހިންމު - ކްރިމިނަލް ކޯޓު އިމާރާތް ބާވެ، އެ ތަނުގައި މަސައްކަތްކުރުން ރައްކާތެރި ނޫން ކަމަށް ފެންނާތީ، އެ ކޯޓު އާ އިމާރާތަކަށް ބަދަލުކުރުމުގެ ކަންކަން އެ ކޯޓުން ދަނީ ކުރަމުންނެވެ.
އެ މަސައްކަތަށް އަހަރުތަކެއް ވެފައި ވާއިރު، އެކަމާ ގުޅިގެން މިއަދު 'ދައުރު'ން ސުވާލުކުރުމުން އެ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެކަން އޮތް ހިސާބެއް ބެލުމަށް ފަހު ޖަވާބު ދެއްވާނެ ކަމަށެވެ.