ޑިމޮކްރެޓްސްގެ ބައެއް މެންބަރުން މަޖިލީހުގެ ކުރީ ސީޓުގައި: އެ ޕާޓީން ގާނޫނުއަސާސީއަށް ހުށަހެޅީ އިސްލާހު ވަނީ ބޭރުކޮށްލާފައި (ފައިލް ފޮޓޯ/ މަޖިލިސް)

ނިޒާމީ ވޯޓާ ގުޅޭ ގޮތުން ޑިމޮކްރެޓްސްއިން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

އެ ބިލު ބޭރުކޮށްލާފައި ވަނީ 44 ވޯޓުން؛ އެއްކޮށްޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ

ނިޒާމީ ވޯޓާ ގުޅުވައި، ގާނޫނޫއަސާސީއަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި އިސްލާހު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބޭރުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ބަރުލަމާނީއަށް ބަދަލު ކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އޭނާ އެ އިސްލާހު ހުށަހެޅުއްވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، މިދިޔަ 2 އޮކްޓޯބަރުގަ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގެ ވޯޓު ގަޑީގައި އޮތީ އެ ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމުމެވެ.

ތަފްސީލު - ޑިމޮކްރެޓްސްއާ ދެކޮޅު، އެމްޑީޕީގެ ފުރިހަމަ އަގުލަބިއްޔަތެއް އޮތް މަޖިލީހުން އެ ބިލު ބޭރުކޮށްލީ 44 ވޯޓާ އެކު އެވެ.

މަޖިލީހުގައި އެ ވަގުތު ޖުމްލަ 59 މެންބަރުން ތިއްބެވި އިރު، ބިލާ އެއްކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އިމްތިޔާޒު ހުށެޅުއްވި އިސްލާހަކީ:

  • ނިޒާމް ބަދަލުކުރުމަށް، ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައިވާ ގޮތަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު، އިތުރު ވޯޓެއް ނުނަގައި އެކަން ކުރެވޭ ގޮތަށް ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަށް ހުށަހެޅުއްވި އިސްލާހެއް

އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، ޓްރާސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ފާހަގަކޮށްލެވޭ ކަމެއް - އިމްތިޔާޒުގެ އިސްލާހުގައި ބަޔާންކޮށްފައިވާ 70 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، މަޖިލީހަށް ލިބިގެންވާ ބާރުތަކެވެެ. އެ ބާރުތަކުގެ ތެރޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުންވެސް ހިމެނެ އެވެ. ޑިމޮކްރެޓްސްއިން އޭރު ބޭނުންވީ، އެ މާއްދާގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯތެއް ނެގުމަށްފަހު، ނިޒާމް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށެވެ.

އިމްތިޔާޒު އިސްލާހު ހުށަހެޅުއްވީ، 262 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އިތުރު އަކުރެއް އިތުރުކުރުމަށެވެ. އެ މާއްދާގެ (ށ)ގައިވާ ގޮތުން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސް އެ ބިލެއް ތަސްދީގު ކުރެއްވުމުންނެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ތިން ކަމަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސަށް ތަސްދީގު ކުރެއްވޭނީ ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.

އެ ތިން ކަމަކީ:

  • 1-

    ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަން ބަޔާންކުރާ ދެވަނަ ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް

  • 2-

    ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) - (ރައްޔިތުންގެ މަޖިލީހުގެ އުމުރު)

  • 3-

    ގާނޫނުއަސާސީގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު) އާއި 108 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް)

އިތުރު އާޓިކަލް

އިތުރު އާޓިކަލް