މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މަޖިލިސް ޖަލްސާއެްގައި ވާހަކަ ދައްކަވަނީ ފޮޓޯ | މަޖިލިސް

އިމްތިޔާޒުގެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު: ޓްރާންސްޕޭރެންސީ

އެ ބިލު ބަލައިނުގަތުމަށް އެ ޖަމިއްޔާއިން ގޮވާލި

ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، އިއްޔެ ހުށަހެޅުއްވި ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ޓްރާންސްޕޭރެންސީ މޯލްވިސްއިން މިއަދު ބުނެފި އެވެ. އެ ޖަމިއްޔާ އިން މަޖިލިސް މެންބަރުންނަށް ގޮވާލީ އެ ބިލު ބަލައިނުގަތުމަށެވެ.

ވީ ކިހިނެއް؟ - ނިޒާމް ބަދަލުކުރުމަށް ޓަކައި ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައިވާ ގޮތަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު، އިތުރު ވޯޓެއް ނުނަގައި، އެކަން ކުރެވޭ ގޮތަށް ގާނޫނުއަސާސީގެ262 ވަނަ މާއްދާއަށް އިމްތިޔާޒު އިސްލާހު ހުށަހެޅުއްވީ އިއްޔެ އެވެ. އެ އިސްލާހާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ޓްރާންސްޕޭރެންސީން ވަނީ ބަޔާނެއް މިއަދު ނެރެފަ އެވެ.

ބުނީ ކީކޭ؟ - "ރައްޔިތުންނަށް ދީފައިވާ ބާރު ހަނިވާ ގޮތަށް ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަށް ގެންނަ އެއްވެސް ބަދަލަކީ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

ތަފްސީލު - އެ ޖަމިއްޔާގެ ބަޔާނުގައި ބުނީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން  ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އިމްތިޔާޒުގެ އިސްލާހު އެ ޖަމިއްޔާއިން ސިފަކޮށްފައިވަނީ، ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތައް ހަނިވާ ގޮތަށް ހުށަހަޅާފައިވާ އިސްލާހެއްގެ ގޮތުގަ އެވެ. އެގޮތުން އެ ބަޔާނުގައި ބުނީ:

  • ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ ދެ  ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހެއް ރައީސް ތަސްދީގު ކުރަން ވަނީ، އެ އިސްލާހު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަަކަށް ގޮސް، އަގުލަބިއްޔަތު ލިބިގެން

  •  އެ މާއްދާތަކުގައި ހިމެނެނީ، ގާނޫނު އަސާސީގެ 79 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރާ ރައްޔިތުންގެ މަޖިލީހުގެ އުމުރު އާއި ގާނޫނުއަސާސީގެ 107 ވަނަ މާއްދާގައި ބަޔާން ކުރާ ރައީސްގެ ދައުރު އަދި 108 ވަނަ މާއްދާގައި ބަޔާން ކުރާ ރައީސް އިންތިހާބުކުރާ ގޮތް 

"[ގާނޫނުއަސާސީގެ 262 ވަނަ] މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި، ކަމަކާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ކަމެއްގައި، ގާނޫނުއަސާސީގައި އެކަމަކާ ގުޅިގެން އިސްލާހެއް ގެންނަ ނަމަ، މިއީ ގާނޫނުއަސާސީގެ 262  ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ މާއްދާތަކާ ގުޅޭ ކަމެއް ކަމުގައި ވީނަމަވެސް، އެ އިސްލާހު ތަސްދީގުކުރުމުގެ ކުރިން އިތުރު ފެންނަ  ނުފެންނަ ވޯޓެއްނަގާކަށް ނުޖެހޭނެ،" އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

"[އިމްތިޔާޒު ހުށަހެޅުއްވި] ބިލުގެ ސަބަބުން، ގާނޫނުއަސާސީއަށް ގެންނަ ބައެއް އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުގެ ކުރިން، ރައްޔިތުންނަށް އެކަމާ މެދު ރުހުން ދިނުމަށް އޮންނަ ބާރު ގެއްލިގެންދާނެ އެވެ."

އެ ޖަަމިއްޔާއިން ފާހަގަކުރި ގޮތުގައި އިމްތިޔާޒު އިސްލާހު ހުށަހެޅުއްވި މައްދާ މިހާރު އޮތީ، އެއިރަކު އިންތިހާބުވެފައި ތިބޭ ބަޔަކަށް ފެންނަ ގޮތަކަށް، ރައްޔިތުންނާ ގުޅުން ހުރި މުހިންމު މާއްދާތަކަށް ރައްޔިތުންގެ ރުހުމާ ނުލައި ބަދަލު ގެނައުމުގެ ފުރުސަތު ނުދިނުމެވެ. އެހެން ކަމުން އިމްތިޔާޒު އެ މާއްދާ އަށް ހުށަހެޅި އިސްލާހު ގާނޫނުއަސަސީއާ ހިލާފު ކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ.

"ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުހިންމު މާއްދާތަކަށް، މީގެ ތެރޭގައި "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގެ މާއްދާތައް ހިމެނޭ ގޮތަށް، ރައްޔިތުންގެ ރުހުމާއި ނުލައި އިންތިހާބުކޮށްފައި ތިބޭ މީހުންނަށް ބަދަލު ގެނައުމުގެ ބާރު ލިބިދޭގޮތަށް އޮތް މި ބިލު ބަލައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް މި ޖަމިއްޔާގެ ފަރާތުން ގޮވާލަމެވެ،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ކޮމެންޓް (1)

ސްމޭޝް

3 އޮކްޓޯބަރު 2023
ތިޔައީ ޓްރާންސްޕޭރެންސީއިން ކަނޑައެޅިގެން އޮޅުވާލާ އޮޅުވާލުމެއް ކަމުގައި ދެކެނެ! ވަކި ކަމަކާއި މެދު ރައްޔިތުންގެ ރުހުން އޮތް ތޯ ބަލަން އާއްމު ވޯޓެއް ނަގާފައި ރައީސް ތަޝްދީގުކުރުމުގެ ކުރިން އަލުން އެފަދަ ވޯޓެއް ނެގުމަކީ ބޭކާރުކަމެއް! އެއި އިންތިގެ އިސްލާހުގެ މަފުހޫމަކީ...
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް