މެމްބަރު އިމްތިޔާޒު ފަހުމީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ނިޒާމު ބަދަލުކުރަން ފެނޭތޯ ނަގާ ވޯޓަށް ފަހު ރައްޔިތުންގެ ހިޔާލު އިތުރަށް ހޯދަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅައިފި

ޑިމޮކްރެޓްސްގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށް

ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެނޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ފަހު އިތުރަށް ރައްޔިތުންގެ ހިޔާލު ހޯދަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ދަ ޑިމޮކްރެޓްސް އިން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފްތާގައި ބިލެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުންނަށް ފެނޭތޯ ބެލުމުގެ ވޯޓެއް ނަގަން، ބަރުލަމާނީ ނިޒާމެއް ގެންނަން އެންމެ ބޮޑަށް ވަކާލާތުކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އިން މަޖިލީހަށް ގަރާރެއް ހުށަހަޅައި، ވެރިކަން ކުރާ އެމްޑީޕީ މެމްބަރުންގެ ތާއީދާ އެކު އެ ގަރާރު ވަނީ ފާސްކޮށްފަ އެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި އެ ގަރާރުގައި ވަނީ، އަންނަ މަހުގެ 30ގެ ކުރިން އެ ވޯޓު ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާފަ އެވެ. އެ އެންގުމާ އެކު އީސީ އިން ވަނީ އެ ކޮމިޝަނުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުވެއްޖެ ނަމަ އަންނަ މަހުގެ 29ގައި އެ ވޯޓު ނެގުމަށް ނިންމައިފަ އެވެ.

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މިދިޔަ ހޯމަ ދުވަހު ވަނީ ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ހުށަހަޅާފަ އެވެ. އެ އިސްލާހުގެ މައްސަލައާ އެކު، ނިޒާމާ ގުޅޭ މައްސަލާގައި މާދަމާ ޖަލްސާއެއް ބާއްވަން މަޖިލީހުން މިހާރު ވަނީ ނިންމާފަ އެވެ.

ތަފްސީލް - އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާ އަށެވެ.

އެ މާއްދާގައި މިހާރު އޮންނަ ގޮތުން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރުމުންނެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ތިން ކަމަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރެވޭނީ ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ. އެ ތިން ކަމަކީ:

  • 1-

    ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަން ބަޔާންކުރާ ދެވަނަ ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް

  • 2-

    ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) - (ރައްޔިތުންގެ މަޖިލީހުގެ އުމުރު)

  • 3-

    ގާނޫނުއަސާސީގެ 107 ވަނަ މާއްދާ (ރިޔާސަތުގެ ދައުރު) އާއި 108 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް)

އެ ތިން ދާއިރާ އިން އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ އެ ބިލެއް ބާތިލްވާނެ އެވެ.

އިމްތިޔާޒް ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ. އޭގައި ވަނީ:

  • "އެ މާއްދާގައި އެހެން އޮތްކަމުގައި ވިޔަސް، ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއްގައި، މި ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ)ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރެއިން، ރައްޔިތުންނާ ގުޅޭ މުހިންމު ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާފައިވާ ކަމެއް ހިމެނޭ ނަމަ، ނުވަތަ އެ ކަމަކާ ގުޅިގެން އިތުރު އިސްލާހެއް ގެނެސްފައިވާ ނަމަ، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމެއް ނޯންނާނެއެވެ،" މިގޮތަށެވެ.

މި އިސްލާހުގެ ފުރަތަމަ ކިއުން އިއްވުން މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފަ އެވެ. 

އެނގުން މުހިންމު - ނިޒާމު ބަދަލުކުރުމަށް ފެނޭތޯ ބެލުމަށް ވޯޓެއް ނަގަން މަޖިލީހުން އީސީއަށް މިހާރު އަންގާފައިވާއިރު، އެ ވޯޓުގެ ކަންކަމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތެއް ގާނޫނުއަސާސީގައި ލިޔެފައެއް ނުވެ އެވެ. އަދި އެ ވޯޓުގައި އަހަންވީ ސުވާލު ސާފުކޮށްދީފައި ވެސް ނުވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އެހެންވެ، އެކަންކަން ސާފުކުރުމާ އެކު، ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭނެ ކަންވެސް އީސީން ފާހަގަކުރެ އެވެ. އަދި އެފަދަ ވޯޓެއް ނެގުމަށް 40 މިލިއަން ރުފިޔާ ހަރަދުވާނެތީ އެކަން ހަމަޖައްސައިދިނުމަށް ވެސް އީސީން ވަނީ އެދިފަ އެވެ.

މާދަމާގެ ޖަލްސާގައި، އީސީން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލަ ވެސް އޮންނާނެ އެވެ.

ކޮމެންޓް (5)

ބިންމަސް

2 އޮކްޓޯބަރު 2023
ރައީސަކީ މުއިއްޒު. ބޮޑުވަޒީރަކަށް އާދެވޭނީ ޔާމީނަށް. ގިނަ ގޮނޑި ދެން ނަގާނީ ސަރުކާރުން
0 0

ބަޖެޓުކުރަން

2 އޮކްޓޯބަރު 2023
އަނެއް 40 މިލިއަން؟ ފެންނަ ނުފެންނަ ރެފަރެންޑަމަކަށް ދަންޏާ އެކަން ހުށަހަޅާ ފަރާތުން ފަންޑު ކޮށްދޭގޮތަށް ގާނޫނަށް އިސްލާހު ގެނައުން މާ ރަނގަޅު. އޭރުން ރައްޔިތުން ބޭކާރު ރެފަރެންޑަމް ތަކުގައި ވޯޓުލާން ނުޖެހި ބަޖެޓަށް އޮތް ލޯޑުވެސް ކުޑަކުރެވޭނެ.
1 0

ބަރުލަމާނު

1 އޮކްޓޯބަރު 2023
މި އަކުރު އިތުރު ކުރުމުން ޤާނޫނު އަސާސީގެ ބާރު ކަނޑުވާލެވުނީ ނޫންތޯ. ޤއ ބުނަނީ ބާރުތައް ފެށިގެން އަންނާނީ ރައްޔިތުންގ ެކިބައިންކަމަށާއި އަދި އެ ބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބާގައި ކަމަށެވެ. މި އަކުރުގެ ސަބަބުން ޤއ އެ މާއްދާގެ ބާރު އުވުނީ ނޫންތޯ...... މަކަރުވެރި ރޭވުންތަކުގެ ތެރެއިންވެސް ވެރިަކަމަށް އާދެވޭނެގޮތެއް ފެނޭތޯ މަރުފަލި ޖައްސަވަނީތޯ؟؟؟؟؟
3 0

ޙުސައިން ކ

1 އޮކްޓޯބަރު 2023
ބަރު ނުލަމާ
3 0

ބަރު

1 އޮކްޓޯބަރު 2023
ބަރުލަމާ ނޫންގޮތެއް
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް