ރިޔާސި އިންތިޙާބް 2023، އާއި ގުޅިގެން އިލެކްޝަން ކޮމިޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ނިޒާމީ ވޯޓު ނެގުމަށް ރައްޔިތުން ކައިރީ އަހަންވީ ސުވާލު ސާފުކޮށްދިނުމަށް އީސީން މަޖިލީހުގައި އެދިއްޖެ

އީސީން ބުނީ ނިޒާމީ ވޯޓެއް ނަގާއިރު، ވޯޓު ނަގާ މައުލޫއު އަކީ ކޮބައިތޯ އާއި ސުވާލަކީ ކޮބައިތޯ އެނގެން ޖެހޭ ކަމަށާއި، އެ ސުވާލު ލިބިފައި ނެތް ކަމަށް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ބެހޭ ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ މަހުގެ 30ގެ ކުރިން ނަގަން އަންގައި ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ގަރާރުގައި، އެ ވޯޓު ނަގާ އިރު ރައްޔިތުން ކައިރީ އަހަންވީ ސުވާލު ސާފުކޮށްދީފައި ނުވާތީ، އެ ސުވާލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ފޮނުވައިދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި މިހާރު އޮންނަ ރިޔާސީ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ގަރާރެއް ހުށަހެޅީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 'ދަ ޑިމޮކްރެޓްސް'ގެ ފަރާތުންނެވެ. އެ ޕާޓީގެ ފަރާތުން މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ވާދަކުރައްވައި، ނާކާމިޔާބު ވެވަޑައިގެންނެވި ހުޅުދޫ ދާއިރާގެ މެމްބަރު، އިލިޔާސް ލަބީބް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވަނީ، އަންނަ މަހުގެ 30ގެ ކުރިން އެ ވޯޓު ނަގަން އީސީއަށް އެންގުމަށް އެދިވަޑައިގެންފަ އެވެ.

ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން އެ ގަރާރު މިދިޔަ ބުދަ ދުވަހު ފާސްވެ، ހަމަ އެދުވަހު އީސީއަށް ފޮނުވާފައިވާ އިރު، އެ ކޮމިޝަނުން ބުނެފައިވަނީ އެކަމާ ގުޅޭ ގޮތުން ގާނޫނީ ލަފާ ހޯދަމަށް ފަހު، ގާނޫނީ ގޮތުން ސާފުކުރަން ޖެހޭ ކަންކަން ހުރުމުން އެކަންކަން ސާފުކޮށްދިނުމަށް މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ އެ ކަންކަމުގެ ތަފްސީލު ހިއްސާކުރައްވައިފަ އެވެ.

ތަފްސީލް - އީސީގެ ފަރާތުން ސާފުކޮށްދިނުމަށް މަޖިލީހުގައި އެދިފައިވާ ކަންކަމާ ގުޅޭ ގޮތުން ހަބީބު ވިދާޅުވީ:

  • ނިޒާމީ ވޯޓެއް ނަގާއިރު، ވޯޓު ނަގާ މައުލޫއުއަކީ ކޮބައިތޯ އާއި ސުވާލަކީ ކޮބައިތޯ އެނގެން ޖެހޭ، އެ ސުވާލު ލިބިފައި ނުވާ ކަމަށް

  • އެހެންވެ ރައްޔިތުންގެ ގާތުގައި އީސީން އަހަންވީ ކޮން ސުވާލެއްތޯ ސާފުކޮށްދީ، އެ ސުވާލު ފާސްކޮށްފައި ފޮނުވައިދޭން އެދިފައިވާނެ ކަމަށް

  •  ވޯޓު ނެގެނީ ކީއްވެ ކަމާއި އެކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ވޯޓު ނެގުމުގެ ކުރިން ރައްޔިތުންނަށް އެނގެން ޖެހޭތީ، ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެ މައުލޫމާތުތައް ފޮނުއްވައިދެއްވުމަށް އެދިފައިވާނެ

"އަޅުގަނޑުމެން [ރައްޔިތުންގެ މަޖިލީހަށް ދަންނަވާފައިވާނީ] އަޅުގަނޑުމެން މިތިބީ ތައްޔާރަށޭ. އެކަމަކު މިކަމާ ގުޅިގެން އުފެދޭ ގާނޫނީ ސުވާލުތައް ހުރުމުން އެ ސުވާލުތަކުގެ ޖަވާބު ލިބުމަށް ފަހު އޭ ކުރިއަށް ދެވޭނީ. އަދި މިކަމަށް ބޭނުންވާ ބަޖެޓު ވެސް ލިބެން ޖެހޭނެ. އެވާހަކަ ވެސް ދަންނަވާފައިވާނެ،" ހަބީބު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އޭނާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެ ނަމަ، އެފަދަ ވޯޓެއް ނަގަން، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާ އިރު، މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވާނެ އެވެ. އަދި ގާތްގަނޑަކަށް 40 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާ މެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުމާއި ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާ މެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ އީސީގެ ގާނޫނީ ޒިންމާއެއް ކަމަށާއި މިހާރުން މިހާރަށް، އެފަދަ ވޯޓެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އޭރު ހަބީބު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މިއަދު ވިދާޅުވީ ބަޖެޓާ އެކު، 30 ދުވަހުގެ މުއްދަތެއް ހޭލުންތެރިކުރަން ލިބިއްޖެ ނަމަ އެކަން ކުރެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެއީ އެކަށީގެންވާ މުއްދަތެއްތޯ ނިންމާނީ ރައްޔިތުން ކަމަށެވެ.

ކޮމެންޓް (1)

ސުވާލް

24 ސެޕްޓެމްބަރު 2023
ހައިރާންވެދާނެ. މި ރިޔާސީ ވޯޓު ލާ އިރު ވެސް ވޯޓު ކަރުދާހުގަ އޮންނަނީ މުއިއްޒު ތޯ އިބޫ ތޯ. މުއިއްޒު ހުންނަ ގޮތަކާ ދެކޮނޑު ދޭތެރޭ ބޯ ހުރި ތޯ ނެތް ތޯ ނޯވޭ. ރިޔާސީ ނިޒާމް ވެސް ބަރުލަމާނީ ނިޒާމްވެސް ނަމުން އެކަނި އެއީ ކޮން އެއްޗެއް ކަން އެގޭނެ ދުނިޔޭގެ ކިރިޔާ ތަނެއް ދޮރެއް އެގޭ މީހަކަށް ވެސް. ރިޔާސީ ނިޒާމަކީ ހުރިހާ ރައްޔިތުންގެ ވޯޓުން ރައީސަކު އިންތިހާބްކޮށްގެން އޭނަ ކުރާ ވެރިކަން. ބަރުލަމާނީ ނިޒާމަކީ ހުރިހާ ރައްޔިތުންގެ ވޯޓުން މަޖިލިސެއް އިންތިހާބް ކޮށްގެން އެ މަޖިލިސުން ކުރާ ވެރިކަން.
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް