ނ. ކުޑަފަރީ ބަނދަރު ސަރަހައްދުގައި ގަސް އިންދައިގެން ހޭޅިފަށެއް ލާފައި. މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ރައީސް މުއިއްޒު ވަނީ އިއުލާނު ކުރައްވާފައި (ފޮޓޯ/ކުޑަފަރީ ކައުންސިލް)

މުޅި ރާއްޖޭގައި 5 މިލިއަން ރުއްގަސް އިންދުމުގެ މަޝްރޫއުއެއް ރައީސް އިއުލާންކުރައްވައިފި

ރައީސް މުއިއްޒު ކޮޕް28 ބައްދަލުވުމުގައި ކުރެއްވި ތަގުރީރުގައި ވިދާޅުވީ ރާއްޖޭގެ ރަށްރަށަކީ ވިލުންވެރި، ސާފު ފެހި މާހައުލަކަށް ހެދުމަށް އިސްކަން ދެއްވާ ކަމަށް

މުޅި ރާއްޖޭގައި ފަސް މިލިއަން ރުއްގަސް އިންދަން ރައީސް މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ދުބާއީގައި މިހާރު ކުރިއަށްދާ މޫސުމާ ބެހޭ ކޮންފަރެންސް، ކޮޕް28 ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މޫސުމީ ބަދަލުތަކާ އެކު ރާއްޖެއަށް ހުރި ގޮންޖެހުންތަކާއި ގައުމުގެ ނިސްބަތުން އެ ގޮންޖެހުންތަކާ ދެކޮޅަށް ރާއްޖޭން ކުރާ އަދި ކުރަން ރާވާފައިވާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.

ރައީސް އެގޮތުން ފާހަގަކުރެއްވި އެއް ކަމަކީ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް ހިންގުމެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ ކުދި ޖަޒީރާ ރަށްތަކަކީ، ވިލުންވެރި، ސާފު ފެހި މާހައުލަކަށް ހެދުމަށް އިސްކަން ދެން. މިގޮތުން، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް ހިންގުމަށް އަޅުގަނޑުމެން ވައުދުވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު، ދުބާއީގައި ހިނގަމުންދާ ކޮޕް28 ސަމިޓުގައި މިއަދު ތަގުރީރުކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

އޭގެ އިތުރުން ރައީސް ވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭ ރާއްޖޭގައި އުފައްދާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވައިފަ އެވެ. އެކަމަށްޓަކައި 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވިދާޅުވެ، އެކަން ހާސިލް ކުރުމަށް ބޭނުންވާ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމީ ގެއްލުމަށް ބަދަލު ދޭ 'ލޮސް އެންޑް ޑެމޭޖު' ފަންޑު ހިންގައިގަތުމަށް އެއްބަސްވެފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވި އެވެ.

"މި ފަންޑުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފޭނެ ކަމަށް އަޅުގަނޑުމެން އުންމީދުކުރަމު. އަދި އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް މި ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެ ކަމަށް ވެސް އުންމީދުކުރަމު،" މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމަށް ބަދަލު ދިނުން ހަރުދަނާ ކުރަން ގޮވާލައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު، ދުބާއީގައި ހިނގަމުންދާ ކޮޕް28 ސަމިޓުގައި މިއަދު ތަގުރީރުކުރެއްވުމަށް ވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ދިވެހިންގެ މަސްލަހަތާއި ގައުމުގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރަން ވައުދުވަމުން ކަމަށާއި، ރާއްޖޭގެ ކަނޑުގައި އުޅޭ ކޮންމެ މަހެއް، ކޮންމެ މުރަކައެއް އަދި ރާއްޖޭގެ ގޮނޑުދޮށްތަކުގައިވާ ކޮންމެ ވެލިފުކަކީ ވެސް ގައުމަށް މުހިއްމު އެއްޗެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއިން ކޮންމެ އެއްޗަކަށް ލިބޭ ގެއްލުމަކީ އަޅުގަނޑުމެންނަށް ލިިބޭ ގެއްލުމެއް. ރާއްޖޭގެ އިގްތިސޯދަށް ލިބޭ ގެއްލުމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

މިތަކެތި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ވެށި ސަމާލަތްކުރަން ޖެހޭ ކަމާއި އެކަން ކުރެވޭނީ މޫސުމީ ބަދަލުތަކަށް ސަމާލުވެގެންކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އިތުރަށް ކިޔާލަން: 

އިތުރު އާޓިކަލް

އިތުރު އާޓިކަލް