އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު 'ދައުރު'އަށް އިންޓަވިއު ދެއްވަނީ(ދައުރު ފޮޓޯ)

ކުރީގެ ވެރިން ވެސް ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭނެ: ޝަހީމް

ޝަހީމް ވިދާޅުވީ ޔާމީނަކީ ވަަރަށް ގަދަރުކުރައްވާ ބޭފުޅެއް ކަމަށާއި، ޔާމީނާއި ޕީޕީއެމްއާ ދެމެދު އޮތް މައްސަލައިގެ ތެރެއަށް ވަދެވަޑައިގަންނަވަން ބޭނުން ނުވާ ކަމަށް

ރައީސް މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެވަޑައިގަންނަވަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް ސަރުކާރު ހިންގުމުގައި ކުރީގެ ވެރިން ވެސް އެއްބާރުލުން ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރު ބަދަލުވުމާ އެކު، ޕީޕީއެމް-ޕީއެންސީ ތެރެއިން ޔާމީން ބާކީކޮށްލައި މުއިއްޒު ވެސް އެ މަނިކުފާނާ ވާހަކަނުދައްކަވާ ކަމުގެ ތުހުމަތުތަކާ އެކު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފަ އެވެ.

މި ދަނޑިވަޅުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުގެ ބޭފުޅުންވަނީ، އެ ބޭފުޅުން ތިއްބެވީ ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ސަރުކާރު ދަމަހައްޓަންކަން ހާމަކުރައްވާފަ އެވެ. އެކަން ހާމަކުރެއްވި ވަޒީރުންގެ ތެރޭގައި ޝަހީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ބުނީ ކީކޭ؟ - ޝަހީމް އިއްޔެ 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ރައީސް މުއިއްޒު އާއި ޔާމީންއާ ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ވެސް އެއް ބޭފުޅަކު އިހުތިޔާރުކުރައްވަން ޖެހިވަޑައިގަތުމަކީ އުނދަގޫ ނިންމުމެއްތޯ އާއި މުއިއްޒުގެ ފަހަތްޕުޅުގައި ހުންނަވަން ނިންމެވީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ވަނީ އެކަމާ ބެހޭ ގޮތުން ތަފްސީލުކޮށް ވާހަކަދައްކަވަން އުޒުރުވެރިވެވަޑައިގަންނަވާފަ އެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ އެ ދެ ބޭފުޅުންގެ [ރައީސް މުއިއްޒު އާއި ޔާމީން]އާ، ތެރޭގައި އޮތް ހަމަނުޖެހުމުގެ ތެރެއަށް ވަންނާކަށް. އަދި މީޑިއާގައި ވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް އަޅުގަނޑު ބޭނުމެއް ނުވޭ،" ޔާމީން 2018ގައި ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވިއިރު ރަނިން މޭޓެއްގެ ގޮތުގައި ވެސް ހިޔާރުކުރެއްވި ޝަހީމް ވިދާޅުވި އެވެ.

2018ގެ ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖައްސަވައި އެކަން އިއުލާންކުރައްވަނީ. (ފައިލް ފޮޓޯ/އަވަސް އޮންލައިން)

އެކަމާ ގުޅޭ ގޮތުން ސީދާ އެއްޗެއް ވިދާޅުވާން ބޭނުން ނުވާކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ:

  • ޔާމީންއާ އެކު ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވާއިރު، އެ މަނިކުފާނަކީ ވަރަށް އިހުތިރާމު ކުރައްވާ ބޭފުޅެއް 

  • މިހާތަނަށް ދުވަހަކު ވެސް ޔާމީން އާއި އެ މަނިކުފާނުގެ އާއިލާއަށް ބަދު ބަހެއް ރައްދެއް ނުކުރަން؛ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރާނަން

  • އޭނާގެ ހިތުގައި ޔާމީންއަށް އޮންނަ ގަދަރާއި އިހުތިރާމް ތާއަބަދަށް ދެމި އޮންނާނެ 

  • ޔާމީނަކީ އޭނާއަށް ވަރަށް އިތުބާރު ކުރެއްވި ބޭފުޅެއް؛ އެ ސަބަބަށްޓަކާ ވެސް ޔާމީނަކީ އޭނާ ވަރަށް ގަދަރުކުރައްވައި އިހުތިރާމު ކުރައްވާ ބޭފުޅެއް

ޔާމީން ދެކޮޅަށް މަސައްކަތް ކުރަން ފެއްޓެވުމަކީ ސަރުކާރަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ގަބޫލުކުރައްވަންތޯ ސުވާލުކުރުމުން ޝަހީމް ވިދާޅުވީ، ސިޔާސީ މަސްރަހުގައި އެފަދަ ކަންކަން އަބަދުވެސް ހިނގާނެ ކަމަށާއި، ނަމަވެސް ގައުމު ހަމަ މަގަށް އެޅުވުމަށް ވެރިކަމުގައި ހުންނަވައިގެން ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމާ މެދު ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް މުއިއްޒުގެ އެ މަސައްކަތް ކާމިޔާބު ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ މަނިކުފާނު ފެއިލްވެފައިވާ ކަމަށް ވިދާޅުވާން އަދި މާ އަވަސް ކަމަށް ޝަހީމް ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ޝަހީމް ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ( ފޮޓޯ/ ޕީޕީއެމް)

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވަޑައިގަތުމަށް ފަހު ފެންނަނީ ވަރަށް ބުރަކޮށް މަަސައްކަތް ކުރައްވަމުން ގެންދަވާ ތަންކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، އެ މަނިކުފާނަށް ސަރުކާރު ހިންގުމުގައި ކުރީގެ ވެރިން ވެސް އެއްބާރުލުން ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެހެންވީމަ މި ކަމަށް ދިވެހި ރައްޔިތުން، ރާއްޖޭގެ ސިޔާސީ ވެރިން އަދި ހުރިހާ ފަރާތްތަކުން ވެސް ވަރަށް ބޮޑަށް ސަޕޯޓު ދެއްވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަދި މިވީ ހަފްތާއެއްހާ ދުވަސް ގައުމުގެ ކަންތައްތަކާ ރައީސް މުއިއްޒު ހަވާލުވެވަޑައިގެންނެވިތާ. އެ މަނިކުފާނުގެ ވެރިކަމާ މެދު ޖަޖްމެންޓެއް ދޭން ނުވަތަ ގޯސް ކަމަށް ބުނަން އަދި މާ އަވަހޭ އަޅުގަނޑު ދަންނަވާނީ. އަޅުގަނޑަށް ފެންނަނީ ރަނގަޅު ކަންތައްތައް،" ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް (2)

ސިކުނޑި

7 ޑިސެމްބަރު 2023
ތިކަން އިނގޭނީ ވަޒީރުކަން ނުލިބި ގޭގަ އިންނަން ޖެހުނުނަމަ!؟ ބަދު ދުއާކުރަމުން ދުވާނެ މީހެއްތީ!
0 0

އެސް ޒެޑް

28 ނޮވެމްބަރު 2023
ޝަހީމު ތިވާހަކަދައްކަން މާރީއްޗެއްނޫން، ނިމިދިޔަސަރުކާރުގެ ކުރިންއޮތީ ޝަހީމުވެސް ނިސްބަތްވެފައިވާ ސަރުކާރެއް ، އެކަަމަކު ނިމިދިއަ ސަރުކާރަށް ޝަހީމުވެސް އަދި ޕީޕީއެމުންވެސް އެއްވެސް ކަމެއްގައި އެއްވެސް މިންވަރަކަށް ނިމިދިއަ ސަރުކާރަށް އެހީތެރިކަމެއް އެއްބާރުލުމެއްދީފައެއްނެތްއިރު ކުރަމުންދިއައީ ތިބޭފުޅުންނަށްކުރެވެންއޮތްހާވަރަކުން ސަރުކާރަށް ޖެއްސުންކުރުމާއި ސަރުކާރު ހިންގުމަށް ދުއްތުރާ ތައްކުރަމުން. އެފަދަ ތަންތަނުން ސީދާ ޝަހީމުވެސް ފެނިފައެބަހުރި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް