ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރުގެ ގޮނޑީގައި ތިން ވަނަ ފަހަރު، އެކަމަކު މިއީ ފަހު ފަހަރު
މުހިންމު ނުކުތާތައް
ހަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައި ވަނީ ވެސް އިސްލާމިކް މިނިސްޓްރީގެ ހިޔަލުގައި. އެއީ ފުރަތަމަ ވަޒީފާ ފެއްޓެވި ތަން
އިސްލާމިކް މިިނިސްޓްރީއާ ދުރަށް ނުދެވުނު އެއް ސަބަބަކީ ދީނީ އިލްމަށް އޮތް ވަރުގަދަ ލޯބި
އެހެން
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ބަހުން ނަމަ އޭނާ ބޮޑުވެ، އެހާ ހިސާބަށް ވަޑައިގެންނެވުނީ އިސްލާމިކް މިނިސްޓްރީގެ ހިޔަލުގަ އެވެ. އެ މިނިސްޓްރީއާ މެދު ހިތުގައި އޮތް ގަދަރާއި ލޯތްބާއި ޝައުގުވެރިކަން ފަޑުނުވާ ސަބަބަކީ ވެސް އެއީ އެވެ.
އިސްލާމިކް މިނިސްޓްރީގެ ތެރެއަށް ޝަހީމް ފުރަތަމަ ފިޔަވަޅު އެޅުއްވީ، ޅަ އުމުރުގައި ޤުރުއާނަށް އޮތް ލޯބީގަ އެވެ. އޭރު ބާއްވަމުން އައި ޤުރުއާން މުބާރާތްތަކުގެ ތެރެއިންނެވެ. އެއަށް ފަހު ސަރުކާރުގެ ވަޒީފާއެއްގެ ގޮތުގައި އިމާމުކަން ކުރައްވަން ފެއްޓެވުމުން އަނެއްކާވެސް ވަޑައިގެންނެވުނީ އެ މިނިސްޓްރީގެ ހިޔަލަށެވެ.
އާ ގާނޫނުއަސާސީގެ ދަށުން 2008ގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ޝަހީމަކީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.
އެ ވެރިކަން 7 ފެބްރުއަރީ 2012ގައި ބަދަލުވުމުގެ ކުރިން، ޑިސެމްބަރު 2011ގައި ޝަހީމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަލަށް އުފެދުނު ރައީސް މުހައްމަދު ވަހީދު ސަރުކާރުގައި އޭނާ ވަޑައިގަތީ އިސްލާމިކް މިނިސްޓަރުގެ މަގާމަށެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވެސް ފުރަތަމަ އިސްލާމިކް މިނިސްޓަރަކީ އޭނާ އެވެ.
މިހާރު އަނެއްކާވެސް ޝަހީމް އެ އިންނެވީ އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ ގޮނޑިކޮޅުގަ އެވެ. މިއީ ތިންވަނަ ފަހަރެވެ.
އަޅުގަނޑުގެ ހަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގެ ހިޔަލުގައި. ވޭތުވެދިޔަ ދިގު ތާރީހުގައި އަޅުގަނޑުގެ އުމުރުން 10 އަހަރުން ފަށައިގެން ބޮޑުވަމުން މިއައީ މި މާހައުލުގައި. އެހެންވީމަ މިތާ އެތެރެ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭނެ
"އަޅުގަނޑުގެ ހަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގެ ހިޔަލުގައި. މިނިސްޓްރީ އުފެދުމުގެ ކުރީގައި އިސްލާމީ ކަންކަމާ ބެހޭ މަޖިލީހުގެ ހިޔަލުގައި. އަދި އޭގެ ކުރީގައި ރިލިޖިއަސް އެފެއާޒް ޑިޕާޓުމަންޓް، އެއީ މިނިސްޓްރީ އޮފް ޖަސްޓިސް އަދި އިސްލާމިކް އެފެއާޒް ދުވަސްވަރު. އެހެންވީމަ މި ވޭތުވެދިޔަ ދިގު ތާރީހުގައި އަޅުގަނޑުގެ އުމުރުން 10 އަހަރުން ފަށައިގެން ބޮޑުވަމުން މިއައީ މި މާހައުލުގައި. އެހެންވީމަ މިތާ އެތެރެ [އިސްލާމިކް މިނިސްޓްރީ] އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭނެ،" އަލުން މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ޝަހީމް ވިދާޅުވި އެވެ.
ގޮނޑި އަރާމީކީ ނޫން، އެއީ ލޯތްބެއް
އާ ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި ޝަހީމް ހުވާ ކުރެއްވުމާ އެކު ބައްދަލުކޮށްލަން އެދުމުން، ދައުވަތު ލިބުނީ އެ މިނިސްޓްރީއަށް ދިއުމަށެވެ. ގަޑިޖެހުމުގެ ތަންކޮޅެއް ކުރިން އެތަނަށް ދިޔައިރު މިނިސްޓަރު އުޅުއްވަނީ މިނިސްޓްރީގެ މަސައްކަތުގައި އަވަދިނެތި އެވެ. އިންތިޒާރުގައި މަޑުކޮށްލަން ޖެހުނީ މިނިސްޓަރުގެ އޮފީސްކޮޅުގަ އެވެ. ހަމަޖެހިލައިގެން އިންނެވޭ ވަރުގެ ހިތްފަސޭހަ ކޮޓަރިކޮޅެކެވެ. މޭޒުކޮޅުގެ ފަހަތުގައި ތަރުތީބުކޮށް އަތުުރާލާފައި ހުރި ފޮތް ހަރުގަނޑެކެވެ. ދީނީ އިލުމުގެ ފޮތްތަކާއި، ޤުރުއާންގެ ތަފްސީރުން ފެށިގެން އެކި ފޮތްތަކެވެ. މުޅި ކޮޓަރިން ވެސް ފެންނަނީ އެތަނުގައި އިންނަވާ ބޭފުޅެއްގެ ހިތުގައި އިލްމަށް އޮތް ލޯތްބެވެ.
ޝަހީމްގެ އިންޓަވިއު ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިގެން ދިޔަ އެވެ. އޭނާގެ ވާހަކަތަކުން އެނގުނީ އިސްލާމިކް މިނިސްޓަރުކަމާ ތަކުރާރުކޮށް ހަވާލުވެވަޑައިގަންނަވަނީ އެ ދާއިރާއަށް އޮތް ޝައުގާއި ދުރުނުވެވުނު ލޯބީގެ ސަބަބުން ކަމެވެ.
ޝަހީމް ވިދާޅުވި ގޮތުން ނަމަ އެހެން މިނިސްޓްރީއެއްގެ މިނިސްޓަރުކަން ލިބިވަޑައިގަތުމުގެ ފުރުސަތު ވެސް އޮތެވެ. އޭނާއަށް ރަނގަޅަށް ހިންގެވޭނެކަމުގެ އިތުބާރު ހުރި އެތައް މިނިސްޓްރީއެއް ވެސް ސަރުކާރުގައި ހިމެނެ އެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީއާ މެދު އޮތް ލޯބީގައި އޭނާ ގެންދިޔައީ ހަމަ މިނިސްޓްރީއާ ދިމާއަށެވެ.
"އަޅުގަނޑު ވަރަށް ލޯބިވާ ތަނެއް މިއީ. އެއީ ބައިވަރު ސަބަބުތަކާ ހެދި. އެއީ، ކީރިތި ޤުރުއާނާއި އިސްލާމީ އިލުމާ މިކަންކަމަށް އަޅުގަނޑުގެ ހިތުގައި އަބަދުވެސް ވަރަށް މަތިވެރި ލޯތްބެއް އޮވޭ. އެކަންކަން ފެތުރުމަށް، އެހެން މީހުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް. އެހެންވީމާ މިތަނުގެ ވަޒީރެއްގެ ގޮތުގައި އިނދެގެން ރައްޔިތުންނަށް ކޮށްދެވޭ ކަންކަމާ މެދު އަޅުގަނޑު ވަރަށް އުފާވޭ،" ޝަހީމް ވިދާޅުވި އެވެ.
މިއީ މިހާރު ކުރަން އުނދަގޫ ކަމެއް ނޫން
ގައުމީ ހިދުމަތަށް ޝަހީމް އަލެއް ނޫނެވެ. ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވައި، ގިނަ ތަޖުރިބާތަކެއް ހުރީ ލިބިވަޑައިގެންފަ އެވެ. އާ ރައީސް މުހައްމަދު މުއިއްޒު އޭނާއާ ހަވާލުކުރެއްވީ 'ވަރަށް މާތް މަތީ މަސްއޫލިއްޔަތެއް' ކަމަށް ވިދާޅުވި އެވެ. ޝަހީމް ގަބޫލުކުރައްވާ ގޮތުގައި ރާއްޖެ ފަދަ %100 އިސްލާމީ ގައުމެއްގައި، ރައްޔިތުންގެ އިސްލާމީ އަގީދާ ނަގަހައްޓާ ރައްކާތެރިކޮށް، އިސްލާމީ ސަގާފަތާއި، އިސްލާމީ ހަލާރަތު ކުރިއަރުވަން އިސްލާމިކް މިނިސްޓްރީ ވަރަށް މުހިންމެވެ. އެހެންވެ ރައީސް މުއިއްޒު އޭނާއާ ހަވާލުކުރެއްވީ 'ވަރަށް ބޮޑު އަމާނާތެއް' ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މިތާ މިހުރީ އެއްވެސް ހާލެއްގައި ޝަރަފެއް ކަމަށް ދެކިގެން ޝަރަފުވެރި މަގާމެއްގައެއް ނޫން. އަޅުގަނޑު މިތާ މިހުރީ އަޅުގަނޑާ ހަވާލުވެފައިވާ އަމާނާތެއް އަދާކުރުމުގެ މަތީ މަގުސަދުގައި،" ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީގައި 35 ވަރަކަށް ޒިންމާ ހިމެނެ އެވެ. އެ ޒިންމާތައް އުފުއްލަވަން މިފަހަރު ވަޑައިގެންނެވި އިރު، އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގައި މަސައްކަތްކުރެއްވުން ފަދަ ފުރުސަތުތަކުން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް ވުރެ އަޅުގަނޑަށް އަދި މާ ފަސޭހަ މި ވުޒާރާގެ ކަންކަން މިހާރު ކުރިއަށް ގެންދިއުން. މި ވުޒާރާއާ އަޅުގަނޑު ހަވާލުވާން ޖެހިދާނެ ކަމަށް ގަބޫލުކުރެވުނު ހިސާބުން ފެށިގެން އަޅުގަނޑު ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން މިކަންތައް ކުރިއަށް ގެންދަން،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓްރީން ކަނޑައަޅާފައިވާ ތަސައްވުރާ އެއްގޮތަށް މިހާރު ވެސް މަސައްކަތްކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ. މިނިސްޓްރީއާ ގުޅޭ މައުލޫމާތު އާންމުންނާ ހަމައަށް ފަސޭހައިން ފޯރުކޮށްދިނުމަކީ އޭނާގެ މުހިންމު މަގުސަދެކެވެ. މިދިއަ ފަސް އަހަރު މިނިސްޓްރީގެ ސޯޝަލް މީޑިއާ އޮތީ ގާތްގަނޑަކަށް 'ނިދައިފަ' އެވެ. އެކަމަކު ޝަހީމު ވަޑައިގެން ފުރަތަމަ ވެސް އެކްޓިވްކުރީ ސޯޝަލް މީޑިއާ އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާ އެކްޓިވި މިންވަރަށް މިނިސްޓްރީގެ މަސައްކަތްތައް ވެސް އެކްޓިވް ވާނެ އެވެ. ޝަހީމްގެ އަމާޒަކީ ސަރުކާރުގައި އެންމެ ބާރު މިނުގައި ކުރިއަށްދާ މިނިސްޓްރީއަކަށް އެތަން ހެއްދެވުމެވެ. ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ އިސްލީމް މިނިސްޓްރީއެއްގެ ގޮތުގައި ކުރިއަށް ގެންދަވާށެވެ.
ފަސް އަހަރުގެ އަމާޒެއްގައި ދެ ހަފުތާއަކީ އަދި ވަރަށް ކުޑަ ދުވަސްކޮޅެކެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީއަށް މި ވަގުތު ވެސް ކުރެވެން ހުރި މުހިންމު ކަންކަން ފަސްކުރުމެއް ނެތި އަންނަނީ ކުރަމުންނެވެ. އަދި މުހިންމު ކަންކަން އިއުލާން ވެސް އެބަ ކުރެ އެވެ.
ޝަހީމް ވިދާޅުވާ ގޮތުގައި ތިން ފަހަރަށް އިސްލާމިކް މިނިސްޓަރެއްގެ ގޮތުން ގައުމަށް ހިދުމަތްކުރެއްވުމުން އޭނާއަށް ފުދެ އެވެ. އެހެންކަމުން މި ދައުރަށް ފަހު އެ މިނިސްޓްރީއާ އަލުން ހަވާލުވެވަޑައިގަތުމުގެ ވިސްނުމެއް ނެތެވެ.
ޝަހީމް ވިދާޅުވީ މިނިސްޓްރީން އޭނާ ދެން ނުކުމެވަޑައިގަންނަވާނީ ގާބިލް އެހެން ބޭފުޅުންތަކެއް ތަމްރީން ކުރައްވާފައި ކަމަށެވެ.
"ތިން ފަހަރު އަޅުގަނޑަށް ހީވަނީ ފުދޭނެހެން އިސްލާމިކް މިނިސްޓްރީގެ ތެރޭގައި. އަޅުގަނޑުގެ އަމިއްލަ ޝަހުސީ ބޭނުމެއް ނެތް އެކި ފަހަރުމަތިން މި މަސްއޫލިއްޔަތު އެއަށް ވުރެ އިތުރަށް އަދާކުރާކަށް،" ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ ޒުވާން ބޭފުޅުންނަށް މި މަސްއޫލިއްޔަތު ދޭން. މިތަނުގައި އަޅުގަނޑު މި ފަސް އަހަރު ހުރެއްޖެއްޔާ އިރާދަކުރެއްވިއްޔާ ދެން މިތަނުގައި ވަޒީރުކަން އަދާކުރާނެ ބޭފުޅުން އަޅުގަނޑު ތަމްރީން ކުރާނަން."
ކޮމެންޓް (1)
ވާނުވާ.