ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

މިނިސްޓަރުންގެ ޔަގީންކަން ރައީސަށް: ޕީޕީއެމް އާއި އަޅުގަނޑުމެން ސާބިތުވެ ދެމިތިބޭނަން

ރައީސްގެ ސަޕޯޓަރުން ގެންދަނީ "އައިސްޓޭންޑްވިތުމުއިއްޒު"ގެ ނަމުގައި ހޭޝްޓެގެއް ވެސް ސޯޝަލް މީޑިއާގައި ބޭނުންކުރަމުން
24 ނޮވެމްބަރު 2023
2

އެމްއެމްޕީއާރުސީ މައްސަލައިގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވުމުން އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު މުއިއްޒުގެ ދިފާއުގައި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން މިރޭ ނުކުންނަވައިފި އެވެ.

މައްސަލައިގެ ފެށުން - ޕީޕީއެމް ހިންގުމަށް ޔާމީން ނެންގެވި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއަކުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޕާޓީގެ ހިންގުމާ ހަވާލުވިކަން އިއުލާންކުރުމާ އެކު ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. 

ޔާމީން މިހާރު ވަނީ ޕާޓީން އިސްތިއުފާ ދެއްވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އޭގެ ސަބަބެއް ކަމަށް އެމަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ހިންގަން ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުން ބޭނުން ނުވުމާއި ޔާމީންގެ މަޝްވަރާ އާއި ލަފާ ވެސް އެބޭފުޅުން މިހާރު ބޭނުން ނުވާތީ ކަމަށެެވެ.

ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ޕީއެންސީ ޓިކެޓުގައި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސް މުއިއްޒު ޔާމީން އާއި އެމަނިކުފާނަށް ވަފާތެރި މީހުން އެކަހެރިކޮށްލެއްވީ އެވެ.

ވީ ކިހިނެއް؟ - މި ކޯޅުމުގެ ތެރޭގައި ޕީޕީއެމް-ޕީއެންސީގެ އިސް ވަރަށް ގިނަ ބަޔަކު މިހާރު ވަނީ ރައީސް މުއިއްޒަށް ތާއީދުކުރައްވައި އެމަނިކުފާނުގެ ދިފާއުގައި ސޯޝަލް މީޑިއާގައި ނުކުންނަވާފަ އެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ މަގާމުތަކަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. މުއިއްޒަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ "އައިސްޓޭންޑްވިތުމުއިއްޒު"ގެ ނަމުގައި ހޭޝްޓެގެއް ވެސް ސޯޝަލް މީޑިއާގައި ބޭނުންކުރަމުންނެވެ.

ތަފްސީލް-  ހާއްސަކޮށް އިއްޔެ އާއި މިއަދު ކެބިނެޓުގެ ބައެއް ބޭފުޅުން ގެންދަވަނީ ރައީސަަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި އެކްސްގައި ޕޯސްޓުް ކުރައްވަަމުންނެވެ. އެގޮތުން، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގިނަ ވަޒީރުންތަކެއް ވަނީ، ދާދި އެއްވަގުތެއްގައި މުއިއްޒުގެ ދިފާއުގައި މިރޭ އެކްސްގައި ޕޯސްޓު ކުރައްވާފަ އެވެ.

ޔާމީންގެ ގައިރު ހާޒިރުގައި އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަދި މި ސަރުކާރުގައި ރައީސް މުއިއްޒުގެ އެޑްވައިޒަރަކަށް އައްޔަންކުރެއްވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ކޯލިޝަން ދެމި އޮންނާނީ ރައީސް މުއިއްޒުއަށް ވެރިކަން ހަވާލުކުރަން ރައްޔިތުން ނިންމި ނިންމުމާ އެއްގޮތަށް އެމަނިކުފާނާ އެކު ސާބިތުކޮށް ކަމަށެވެ. އަދި އެއީ ރަައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި ކޮންމެ މީހަކަށް ވުރެ ގައުމު "މާ ބޮޑު" ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަސް އެނބުރި ބެލުމެއްނެތި އަޅުގަނޑުމެން ދާނީ ކުރިއަށް. ލޮބުވެތި ދިވެހި ރައްޔިތުން ރައީސް ޑރ. މުއިއްޒުއާ އެކު ސާބިތުވެ ތިބުމަކީ ގައުމާ ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް، އަޅުގަނޑުމެން ކޮންމެ މީހަކަށް ވުރެ މި ގައުމު މާ ބޮޑު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ދަރިކަލުން އަދި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ރައީސް މުއިއްޒުގެ ދިފާއުގައި ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމާ ފުދުންތެރިކަމަށްޓަކާ މި ސަރުކާރާ އެކު ދިއުން މުހިއްމު ކަމަށެވެ.

ޑިފެންސް މިނިސްޓަރު އަދި ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގައްސާން މައުމޫން ވެސް ނުކުންނެވީ ރައީސް މުއިއްޒުގެ ދިފާއުގަ އެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އޮތީ ރައިސާ އެކު ކަމަށެވެ. އޭނާ ވެސް ގޮވާލެއްވީ މުއިއްޒާ އެކު ކުރިއަށް ދިއުމަށެވެ.

"ޕީޕީއެމް އޮތީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއާ އެކު. ރައީސް މުއިއްޒުގެ ސަރުކާރުގެ ހިމާޔަތުގައި އަތާ އަތް ގުޅައިގެން މިތިބީ ސަފުތަކުގައި ކެރުމާއި އިހުލާސްތެރިކަމާ އެކު ސާބިތުވެ ހުރެ ގައުމަށް ހެޔޮ އެދޭ އެންމެހާ ލޮބުވެތި ދިވެހިންނަށް ރައީސް މުއިއްޒު އާ އެކު ކުރިއަށް ވަޑައިގަތުމަށް ގޮވާލަން" ޕީޕީއެމްގެ ނައިބު ރައީސް ގައްސާން ވިދާޅުވި އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއް އެކުލަވާލައި ރައްޔިތުންނަށް ހިދުމަތްކުރަން ފެށުނުކަން ފާހަގަކުރައްވަމުން، މި ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ގައުމު މާ ބޮޑު ކަމަށް ވިދާޅުވެފަ އެވެ.

"ޕީޕީއެމް-ޕީއެންސީއާ އެކު އިހްލާސްތެރިކަމާ އެކު ކުރިއަށްގޮސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ރައްޔިތުންނަށް ހުށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި އަޅުގަނޑުމެންގެ ބަދަހި ސަފުތައް ސާބިތުވެ ދެމިތިބޭނަން،" ޒަމީރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައީސަށް ތައުރީފް ކުރައްވައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް މުއިއްޒަކީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ހީވާގިކަމާ އެކު މަސައްކަތްކުރައްވާ ވެރިއެއް ކަމަށާއި އަދި އެއީ ގައުމުގެ ކަންކަމުގެ ތަންދޮރު ދަންނަ، ރައްޔިތުންނަށް ދަތިވާ ކަންކަން އަވަހަށް ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ވެރިއެއް ކަމަށެވެ.

މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު އަދި 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިން މޭޓުގެ މަގާމު ވެސް ފުރުއްވި ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ މި ވެރިކަން ގެނައުމަަށް މަސައްކަތް ކުރި ފަދައިން، މި ވެރިކަން ހިމާޔަތް ކުރަން ޖެހޭ ކަންކަން އޭނާ ކުރައްވާނެ ކަމަށެވެ.

މިއީ ރައްޔިތުން ވަރަށް ބުރަ މަސައްކަތް ކޮށްގެން ގާއިމުކުރި ވެރިކަމެއް" ޝަހީމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒުގެ ދިފާއުގައި އެމަނިކުފާނުގެ ސަޕޯޓަރުން ނުކުމެފައިވާއިރު، ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ މުއިއްޒަށް މިހާރު ތާއީދުކުރަމުންދަނީ އެއްވެސް އިރަކު ޕީޕީއެމް ޕީއެންސީއަށް ހެޔޮއެދޭ ބައެއް ނޫން ކަމަށް ބުނެ ފާޑު ވެސް ކިޔަމުންނެވެ.

ކޮމެންޓް (2)

ބޓނ އަދުރޭ

25 ނޮވެމްބަރު 2023
ނޫސްވެރިން އބަޖެހޭ މިކަހަލަ ވާހަކަތައް މަދުކޮތްފަ ގިނަގިނައިން މިޤައުމުގަ ހުރިބޮޱެތި ކްރޮޕްޝަނާ އަދިވެސް ބޭކާރުގޮތުގަ ކުރާއިސްރާފު ތަކުގެ ވާހަކަތައް ކޮންމެދުވަހަކުވެސް ލިޔާބަޔަކަށް ވާން ހީވާގޮތުން ކޮންމެވެސް ބަޔަކަށް ވިސްނެންފަށާނެ.
1 1

ގަމީހެއް

26 ނޮވެމްބަރު 2023
@ބޓނ އަދުރޭ ވަރަށް ރަގަޅު ވާހަކައެއް. ކޮރަޕްޝަނާދެކޮޅަށް އެންމެ ރަނގަޅަށް ފައިޓްކުރެވޭނީ ނޫސް ރިޕޯޓަރުންނަށް. އާންމުންނަށް މީހުންގެ ހަގީގަތް ހާމަކޮށްދޭން އެހީތެރިވެ ދެއްވާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް