ކެބިނެޓަށް އައްޔަނުކުރެއްވި ބައެއް ބޭފުޅުންނާ އެކު ރައީސް ޑރ. މުއިއްޒު (ފޮޓޯ/ރައީސް އޮފީސް)

ޔާމީން ވަކިވުމުން ރައީސް މުއިއްޒުގެ ދިފާއުގައި ސަޕޯޓަރުން ނުކުމެއްޖެ

ރައީސްގެ ސަޕޯޓަރުން ބުނަނީ ވަކި ފަރުދަކަށް ނުވަތަ ޕާޓީއަކަށްވުރެ ގައުމު އިސްކުރަން ޖެހޭ ކަމަށް
24 ނޮވެމްބަރު 2023
1

އެމްއެމްޕީއާރުސީ މައްސަލައިގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެންނެވުމުން އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް މުހައްމަދު މުއިއްޒުގެ ދިފާއުގައި އެމަނިކުފާނުގެ ސަޕޯޓަރުން ނުކުމެއްޖެ އެވެ.

މައްސަލައިގެ ފެށުން - ޕީޕީއެމް ހިންގުމަށް ޔާމީން ނެންގެވި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއަކުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޕާޓީގެ ހިންގުމާ ހަވާލުވިކަން އިއުލާންކުރުމާ އެކު ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. 

ޔާމީން މިހާރު ވަނީ ޕާޓީން އިސްތިއުފާ ދެއްވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އޭގެ ސަބަބެއް ކަމަށް އެމަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ހިންގަން ޕާޓީގައި އިސްކޮށް ތިއްބެވި ބޭފުޅުން ބޭނުން ނުވުމާއި ޔާމީންގެ މަޝްވަރާ އާއި ލަފާ ވެސް އެބޭފުޅުން މިހާރު ބޭނުން ނުވާތީ ކަމަށެެވެ.

ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ޕީއެންސީ ޓިކެޓުގައި ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސް މުއިއްޒު ޔާމީން އާއި އެމަނިކުފާނަށް ވަފާތެރި މީހުން އެކަހެރިކޮށްލެއްވީ އެވެ.

ތަފްސީލް- މި ކޯޅުމުގެ ތެރޭގައި ކުރިން ޔާމީނަށް ތާއީިދުކޮށް 'ވަފާތެރި' ކަމަށް ބެލެވުނު ގިނަ ބަޔަކު މިހާރު ވަނީ ރައީސް މުއިއްޒަށް ތާއީދުކުރައްވާ، އެމަނިކުފާނުގެ ދިފާއުގައި ސޯޝަލް މީޑިއާގައި ނުކުމެފަ އެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ މަގާމުތަކަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެގޮތުން، ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާ ދެކޮޅަށް މިދިޔަ ސަރުކާރުގަައި އެ ކޯލިޝަނުން ކުރި މުޒާހަރާތަކުގައި އެންމެ އިސް ސަފުން ފެނުނު، އަދި މިހާރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނަވާ މުހައްމަދު ސައީދު ވަނީ މުއިއްޒަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި މިއަދު 'އެކްސް'ގައި ޕޯސްޓެއް ކުރައްވާފަ އެވެ.

"ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ޙަފްތާގައި މުހިއްމު މަސައްކަތްތަކެއް އެމަނިކުފާނު ވަނީ ކުރިއަށްގެންދަވާފައި. އަޅުގަނޑަށް ފާހަގަވީ، ވަރުބަލިކަމެއް ނެތި ބުރަ އަދި ގިނަ ވަގުތު ރައްޔިތުންގެ ހިދުމަތުގައި ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައި،" ސައީދު ވިދާޅުވި އެވެ.

ސައީދުގެ އިތުރުން މި ސަރުކާރުގައި ލޯކަލް ގަވަމެންޓް މިނިސްޓަރަކަަށް ހުންނަވާ އާދަމް ޝަރީފް ވެސް ރައީސް މުއިއްޒަށް ތާއީދުކުރައްވައި 'އެކްސް'ގައި ޕޯސްޓުތަކެއް ކުރެއްވި އެވެ.

އޭނާ އެންމެ ފަހުން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ. އަދި ވަކިން މިނިސްޓްރީއެއް ވެސް އުފެއްދެވީ އެ މަގްސަދުގައި ކަމަށެވެ.

މަގާމުތަކަށް ވަޑައިގެންނެވި ބޭފުޅުންގެ އިތުރުން ކުރިން ޔާމީނަށް ތާއީދުކުރި ބައެއް ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވެސް ވަނީ މުއިއްޒުގެ ދިފާއުގައި ނުކުންނަވާފަ އެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގައި މީޑިއާ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މަލްޝާ ޝަރީފް ވެސް ވަނީ އެމީހުންގެ އިހުލާސްތެރިކަން އޮތީ ދިވެހި ގައުމަށް ކަމަށާއި އެއީ ޔާމީން ވެސް ދެއްކެވި މިސާލު ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މިވަގުތު ގައުމަށް އެންމެ ރަނގަޅު ގޮތަކީ ރައީސް މުއިއްޒާ އެކު ސާބިތުވެ ހުރުން ކަމަށެވެ.

ޔާމީނަަށް ކުރި ތާއީދު އަނބުރާ ގެންގޮސް އެމަނިކުފާނަށް ތާއީދުކުރި އެހެން މީހަކު ވެސް ސޯޝަލް މީޑިއާގައި ބުނެފައިވަނީ ވަކި ފަރުދަކަށް ނުވަތަ ޕާޓީއަކަށްވުރެ ގައުމު އިސްކުރަން ޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުން ވަކި މީހަކަށް ބެލުމެއްނެތި ހަމަހަމަކަމާ އެކު ތަރައްގީ ގެންނާނެ ކަން ޔަގީންވާ ކަމަށާއި އެންމެން ވެސް އެމަނިކުފާނާ އެކު ސާބިތުވެ ތިބެންޖެހޭ ކަމަށެވެ.

މުއިއްޒަށް ތާއީދުކުރާ މީހުން ގެންދަނީ "އައިސްޓޭންޑްވިތުމުއިއްޒު"ގެ ނަމުގައި ހޭޝްޓެގެއްވެސް ސޯޝަލް މީޑިއާގައި ބޭނުންކުރަމުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް- ރައީސް މުއިއްޒުގެ ދިފާއުގައި އެމަނިކުފާނުގެ ސަޕޯޓަރުން ނުކުމެފައިވާއިރު ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ މުއިއްޒަށް މިހާރު ތާއީދުކުރަމުންދަނީ އެއްވެސް އިރަކު ޕީޕީއެމް ޕީއެންސީއަށް ހެޔޮއެދޭ ބައެއް ނޫން ކަމަށް ބުނެ ފާޑު ވެސް ކިޔަމުންނެވެ. ރައީސް ޔާމީންގެ އެޑްވައިޒަރަކަށް އައްޔަނުކުރި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ރައީސާ ދެ ބޭފުޅުންނަށް މަލާމާތް ރައްދުވާ ޕޯސްޓުތަކެއް ޓިކްޓޮކްގައި ވެސް ދަނީ ދައުރުވަމުންނެވެ.

ކޮމެންޓް (1)

ބޓނ އަދުރޭ

25 ނޮވެމްބަރު 2023
ނޫސްވެރިން ލިޔަންފަށަމާތޯ! ހިންނަވަރު މުހަންމަދު އިބްރާހީމް ސްޓޭޓް މިނިސްޓަރ މީނަގެ ކޮއްކޮ ރައްޒާގު މީނަގެ ކޮއްކޮ ނާޒިމް އެންމެ ފަހުން މުހަންމަދު އިބްރާހީމް ގެ އަހެން ދަރި ޕްލިސް އިންޓަރ ގްރިޓީ ބޯޱައް ސުވާލަކީ ކިހާހިސާބަކުންތޯ ފެށެނީ ނަޒާހައްތެރިކަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް