ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (ދައުރު ފޮޓޮ/ އަބްދުﷲ އަނުފް ޖުނައިދު)

އެމްޑީޕީގެ މެންބަރު ޝަހީމް ވިދާޅުވީ ފްލެޓް ލިސްޓް އޮޅުވާލާފައިވާ ކަމަށް

އޭނާ ވަނީ ފްލެޓް ލިސްޓު އަލުން ބަލާފައި ނޫނީ މީހާރު އޮތް ލިސްޓަށް ފްލެޓް ދިނުން ކުރިއަށް ނުގެންދިޔުމަށް ގޮވާލައްވާފައި
28 ނޮވެމްބަރު 2023

އެމްޑީޕީގެ ސަރުކާރުން އިމާރާތް ކުރަން ފަށާފައިވާ 4،000 ފްލެޓް ދޭނޭ ފަރާތްތަކުގެ ލިސްޓް އެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭ އެކުލަވާލުމުގައި ގޯސްކޮށް ކަންތައްތަކެއް ހިންގާފައިވާ ކަމަށާއި އެކަމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ޝަހީމް (އަދުން ހުސެއިން) މިއަދު ތުހުމަތުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ކުރީ ސަރުކާރުން މާލެއިން ދޫކޮށްލާފައިވާ ބިންތަކާއި ފްލެޓްތަކާ ގުޅޭ ގޮތުން މި ސަރުކާރުގެ ސިޔާސަތު ސާފު ނުވާކަން ފާހަގަކުރައްވައި ފްލެޓާއި ގޯތީގެ ލިޔުން ހަވާލުކުރުން އަވަސްކުރަން ގޮވާލާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝަހީމް ވަނީ ފްލެޓް ލިސްޓާ ގުޅޭ ގޮތުން އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެކަމުގައި އިސްކޮށް އުޅުއްވި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންއަށް ނިސްބަތްކުރައްވައި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. 

ތަފްސީލް - ފްލެޓް ލިސްޓް އެކުލަވާލި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޝަހީމް ވިދާޅުވީ އެ ލިސްޓާ ވިދިގެން އޭނާގެ ދާއިރާގެ އެތައް ބައެއްގެ ފަރާތުން އޭނާއަށް ގިނަ އަދަދެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެ ޝަކުވާތަކަށާއި ފެންނަން ހުރި ކަންކަމަށް ބަލާއިރު ވެސް އެއީ އެއްގޮތަކަށް ވެސް ރަނގަޅަށް ހިންގާފައިވާ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓުތަކުގެ މައްސަލަ ބަލަން އެކުލަވާލި ފްލެޓު ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ސްޓޭޓް މިނިސްޓަރު އަކުރަމް. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ޝަހީމް ވިދާޅުވި ގޮތުގައި: 

  • ޕޮއިންޓް ދިނުމުގައި ގެންގުޅުނީ ދޯހަޅި އުސޫލެއް؛ ގަސްތުގައި ސައްހަ ނޫން މައުލޫމާތު ހިމަނައިގެން 4،000 ފްލެޓް ލިބޭނޭ ބަޔަކު ކަނޑައެޅީ

  • ބަޔަކު ދޭހާ މައުލޫމާތަކަށް އެކަނި ބަރޯސާވެގެން މިފަދަ ލިސްޓެއް އެކުލަވާލުން އިންސާފުވެރިއެއް ނޫން

  • މާލޭގައި ދުވަހަކު ނޫޅޭ މީހުންނަށް ވެސް ފްލެޓް ލިބޭ؛ އޭނާގެ ދާއިރާގައި ޖެހިޖެހިގެން ހުންނަ ދެ ގޭގެ ތެރެއިން އެއް ގެއެއްގެ މީހުންނަށް ލިބުނު އިރު ނުލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު މާ ދަށް

"އެއީ އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ސަރުކާރެއްގެ ސްޓޭޓް މިނިސްޓަރަކު އަދި މިނިސްޓަރަކު ކުރެއްވި ކަމުގައި ކަމެއް ކަމުގައި ވީ ނަމަވެސް، ރަނގަޅަށް ބަލާފައި ކޮށްފައި އޮތް ކަމެއް ނޫން ކަމަށް ދަންނަވަން. ނިހާޔަތަށް ކަންބޮޑުވާ ގޮތަށް މި އޮތީ،" ޝަހީމް ވިދާޅުވި އެވެ. 

"އަޅުގަނޑުގެ ދާއިރާގައި ޖެހިޖެހިގެން ހުރި ގޭގެ އެކަކަށް ލިބިފައި އަނެކަކަށް ނުލިބުނީމާ އަޅުގަނޑެއް ދެން ނުޖެހޭ އެ ރައްޔިތުންނަކަށް ޕޮއިންޓް ދިން ގޮތް ކިޔައިދޭކަށް. އެ މީހުންނަށް އެނގޭ ތިމަންނާގެ ފަސް ކުދިން އެއް ކޮޓަރީގައިކަން އުޅެނީ. އެކަމަކު އަދި ކުއްޖަކު ވެސް ނެތް މީހަކަށްކަން މި ހުރީ ލިބިފައި."

ފްލެޓު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން ހައުސިން މިނިސްޓްރީއަށް ގޮސް ހުރި މީހަކާ އަކްރަމް ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ފްލެޓް ލިސްޓުގެ ޝަކުވާތަކާ ގުޅިގެން އޭރުގެ ސަރުކާރުގެ ތެރެއިން ކަންކަން ސާފުކުރެއްވިކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ:

  • ލިސްޓް ހެދީ ފްލެޓް ހޯދަން ހުށަހަޅާފައި ހުރި މައުލޫމާތުތަކުގެ ތެދު ދޮގު ބަލަން ވަގުތެއް ނެތް ކަމަށް ބުނެ އަވަސްކޮށްލައިގެން 

  • އެމްޑީޕީއަށް ފަސް އަހަރުގެ ދައުރެއް ލިބުނު އިރު އެންމެ ފަހު ވަގުތާ ޖެހެންދެން އެކަން ނުކޮށް މަޑުކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން

"ހުރިހާ އެޕްލިކޭޝަންގެ މައުލޫމާތު ބަލަން ވަގުތެއް ނެތޭ އެބޭފުޅުން ވިދާޅުވީ. އެކަމަކު، އަޅުގަނޑުމެންނަށް ފަސްއަހަރުގެ ދައުރެއް ރައްޔިތުން ދެއްވި. ހަމަ އެންމެ ދުވަހެއް ވެސް މަދެއް ނޫން... ސަރުކާރު ނިމުނުއިރުގައި ކަމާ ހަވާލުވެ ތިބި ވަޒީރުންނާއި ނައިބު ވަޒީރުންނަށް އޮންނަންވާނީ ދެ ފުށްފެންނަ ގޮތަށް އިންސާފުވެރިކޮށް މިކަންކޮށްފައި،" ލިސްޓުގައި ހުރި ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ލިބުމާ އޭނާ ދެކޮޅު ނޫންކަން ފާހަގަކުރައްވަމުން ވިދާޅުވި އެވެ.

އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް. (ފޮޓޯ/އެމްޑީޕީ)

ޝަހީމް ގޮވާލެއްވީ ހައްގުވާ ބަޔަކަށް ފްލެޓް ނުލިބި ދާނޭ ކަމުގެ ބިރު މިހާރުގެ ލިސްޓާ ހެދި އޮތަތީ މިހާރަށް ވުރަށް ބޮޑަށް އެކަން ބަލާފައި ފްލެޓް ލިބޭނޭ މީހުންގެ ލިސްޓު އިސްލާހުކޮށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފެށުމަށެވެ.

"ލިބެން ޖެހޭނޭ ފަރާތްތަކެއް ތިބީތީ އަޅުގަނޑު އެދެނީ މި ސަރުކާރުން ވެސް އަލުން ލިސްޓް ޗެކްކޮށް އެޔައިގެން ކުރިއަށް ދިޔުމަށް،" ޝަހީމް ވިދާޅުވި އެވެ. 

އެނގުން މުހިންމު - ފްލެޓް ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ދެ ފަހަރެއްގެ މަތިން ފްލެޓް ދޫކުރުމުގެ މަސައްކަތް ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އަންގައިފަ އެވެ.

އެ އެންގުމާ ގުޅިގެން ފްލެޓު ދޫކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނި ނަމަވެސް، މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންނަށް އެ މިނިސްޓްރީގެ ފަރާތުން ވަނީ އެ ސަރުކާރުގެ އެންމެ ފަހު ދުވަހު ފްލެޓް އެއްބަސްވުން ހަވާލުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް