ޔޫއޭއީގެ 52 ވަނަ ޔޫނިއަން ދުވަހުގެ ހަލްފާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެން އެ ގައުމުގެ ސަފީރާ ވާހަަކަ ދައްކަވަނީ: މި ސަރުކާރުން ބަޖެޓް ސަޕޯޓަށް ފައިސާ ހޯދަން ރާވާފައި ވަނީ މެދުއިރުމަތީގެ ގައުމުތަކުން (ފޮޓޯ/ރައީސް އޮފީސް)

ރައީސް މުއިއްޒުގެ ސައުދީ ދަތުރުފުޅު ފަސްކޮށްފި

އެ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ފުރާވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުން ބުނި
23 ނޮވެމްބަރު 2023

ރައީސް މުހައްމަދު މުއިއްޒު މިއަދު ސައުދީ އަރަބިއްޔާއަށް ކުރައްވަން ހަމަޖެހިފައިވާ ތިން ދުވަހުގެ ދަތުރުފުޅު ފަސްކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެ ދަތުރާ ބެހޭ ތަފްސީލްތައް ރައީސް އޮފީހުން ހާމަކޮށްފައި ނުވި ނަމަވެސް، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސައުދީއަށް ފުރާ ވަޑައިގަންނަން ހަމަޖެހިފައި އޮތީ މިއަދު އެވެ.

ބުނީ ކީކޭ؟ - އެހެން ނަމަވެސް، ރައީސް މުއިއްޒު އަދިވެސް ހުންނެވީ މާލޭގައި ކަމަށާއި އެމަނިކުފާނު ސައުދީއަށް ފުރާވަޑައިގެންފައި ނުވާ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް މިރޭ 'ދައުރު'އަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސްގެ ސައުދީ ދަތުރު ފައްޓަވާ ތާރީހެއް ޔަގީންވުމުން ރައީސް އޮފީހުން އެކަން އިއުލާނު ކުރާނެ ކަމަށެވެ.

ރައީސްގެ ސައުދީ ދަތުރުފުޅަށް ފަހު ދެން އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޔޫއޭއީއަށް ކަމަށް ވެސްވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރައީސްގެ ދަތުރުފުޅާ ދިމާކޮށް ރާއްޖެ އާއި ސައުދީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ފަށަން އެ ގައުމުގެ ކެބިނެޓުން އަންގާރަ ދުވަހު ވަނީ ރުހުން ދީފަ އެވެ. 

ތަފްސީލް - ސައުދީގެ ގައުމީ ނިއުސް އެޖެންސީއިން އަންގާރަ ދުވަހު ބުނި ގޮތުގައި، ރާއްޖެ އާއި ސައުދީ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަޝްވަރާތައް ފަށަން ނިންމާފައި ވަނީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ޗެއާކުރެއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. އެ ނޫސް އެޖެންސީން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ނިންމާފައި ވަނީ:

  • އެ އެއްބަސްވުން ގާއިމްކުރާނީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު 

  • އެ އެއްބަސްވުމުގެ ކަންކަން ނިންމުމުގައި ސައުދީގެ ފަރާތުން އިސްކޮށް ހުންނަވާނީ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން

އެނގުން މުހިންމު - އާ ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މި ހަފްތާގައި ވިދާޅުވި ގޮތުގައި، ބަޖެޓް ސަޕޯޓަށް ބޭރުން ފައިސާ ހޯދަން ރާވާފައި ވަނީ ބޮޑަށް މެދުއިރުމަތީގެ ގައުމުތަކުން ކަމަށެވެ.

މި އަހަރުގެ ކުރިއަށް މި އޮތް ދުވަސްތަކުގެ ހަރަދުތައް ހަމަޖެއްސުމަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓަށް 200 މިލިއަން ޑޮލަރު ބޭރުން ހޯދަން ޖެހެ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް 450 މިލިއަން ޑޮލަރު އާ ސަރުކާރުން ހޯދުމަށް، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް