ރޭ ބޭއްވި ޔޫއޭއީގެ 52 ވަނަ ޔޫނިއަން ދުވަހުގެ ހަލްފާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެން އެ ގައުމުގެ ސަފީރާ ވާހަަކަ ދައްކަވަނީ: މި ސަރުކާރުން ބަޖެޓް ސަޕޯޓަށް ފައިސާ ހޯދަން ރާވާފައި ވަނީ މެދުއިރުމަތީގެ ގައުމުތަކުން (ފޮޓޯ/ރައީސް އޮފީސް)

ރައީސް މާދަމާ ސައުދީއަށް؛ ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާ ފަށަނީ

މި ސަރުކާރުން ބަޖެޓް ސަޕޯޓަށް 500 މިލިއަން ޑޮލަރު ހޯދަން ރާވާފައި ވަނީ ބޮޑަށް މެދުއިރުމަތީގެ ގައުމުތަކުން
22 ނޮވެމްބަރު 2023

ރައީސް މުހައްމަދު މުއިއްޒު ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެ ދަތުރުފުޅާ ދިމާކޮށް ރާއްޖެ އާއި ސައުދީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ފަށަން އެ ގައުމުގެ ކެބިނެޓުން އިއްޔެ ވަނީ ރުހުން ދީފަ އެވެ. 

ތަފްސީލް - ސައުދީގެ ގައުމީ ނިއުސް އެޖެންސީއިން އިއްޔެ ބުނި ގޮތުގައި، ރާއްޖެ އާއި ސައުދީ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަޝްވަރާތައް ފަށަން ނިންމާފައި ވަނީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ޗެއާކުރެއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. އެ ނޫސް އެޖެންސީން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ނިންމާފައި ވަނީ:

  • އެ އެއްބަސްވުން ގާއިމްކުރާނީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ދެމެދު 

  • އެ އެއްބަސްވުމުގެ ކަންކަން ނިންމުމުގައި ސައުދީގެ ފަރާތުން އިސްކޮށް ހުންނަވާނީ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން

ރައީސް މާދަމާ ސައުދީއަށް ފައްޓަވާ ރަސްމީ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއްކަން ވެސް އެނގިފައިވެ އެވެ. ނަމަވެސް، އެ ދަތުރުގެ ތަފްސީލްތައް ރައީސް އޮފީހުން އަދި އާންމެއް ނުކުރެ އެވެ. 

އެނގުން މުހިންމު - އާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި އިއްޔެ ވިދާޅުވި ގޮތުގައި، ބަޖެޓް ސަޕޯޓަށް ބޭރުން ފައިސާ ހޯދަން ރާވާފައި ވަނީ ބޮޑަށް މެދުއިރުމަތީގެ ގައުމުތަކުން ކަމަށެވެ.

ރައީސްގެ ސައުދީ ދަތުރުފުޅަށް ފަހު ދެން އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޔޫއޭއީއަށް ކަމަށް ވެސްވެ އެވެ.

އެނގުން މުހިންމު - މި އަހަރުގެ ކުރިއަށް މި އޮތް ދުވަސްތަކުގެ ހަރަދުތައް ހަމަޖެއްސުމަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓަށް 200 މިލިއަން ޑޮލަރު ބޭރުން ހޯދަން ޖެހެ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް 450 މިލިއަން ޑޮލަރު އާ ސަރުކާރުން ހޯދުމަށް، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް