އަލްހާންގެ ފޮރެކްސްއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ބިޓްކޮއިން އެއް---

އަލްހާން ހިމެނޭހެން ކިންގްސް ކުންފުނީގެ 3 ހިއްސާދާރުންގެ މައްޗަށް 39 ދައުވާ ކޮށްފި

ދައުވާ ކޮށްފައިވަނީ ކިންގްސް ކުންފުނީގެ ހިއްސާދާރު، އަލްހާން، ޝަހުބާން އަދި ޝާޒުބާންގެ މައްޗަށް؛ މި ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށްފައިވޭ،

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާނު ފަހުމީ އިސްވެ ހުންނަވައިގެން ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާ ހިމެނޭހެން، އެ މުއާމަލާތު ހިންގި 'ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު'ގެ ތިން ހިއްސާދާރުންގެ މައްޗަށް ޓެކުމުގެ ކުށަށް ޖުމްލަ 39 ދައުވާ ކޮށްފި އެވެ.

އެނގުން މުހިންމު - ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނިގޮތުގައި ކިންގްސް ކުންފުނިން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. މި މައްސަލާގައި މިއަދު ދައުވާ ކޮށްފައިވަނީ 13 މީހުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަަކެއްގައި ނަމަވެސް، މި ސްކީމްއާ ގުޅޭ އިތުރު ބައިތަކުގެ ތަހުގީގު ނިންމައި ފުލުހުން ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށް ފަހު، އިތުރު ދައުވާތައް ކުރުމާ މެދު ވެސް ގޮތް ނިންމާނެ ކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ.

ވީ ކިހިނެއް؟ - ކިންގްސް ކުންފުނިން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މިދިޔަ 17 މެއިގައި އަލްހާން ފުލުހަށް ހާޒިރުކޮށް ދޮޅުގަޑި އިރު ވަންދެން ސުވާލު ކުރި އެވެ. ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު، އަލްހާން އޭރު ކުރެއްވި ޓުވީޓެއްގައި ވަނީ ފުލުހުންގެ ތުހުމަތުތަކަށް އިންކާރުކުރައްވައިފަ އެވެ.

ފުލުހުންގެ ތަހުގީގު ނިންމާ މި މައްސަލާގައި މި މަހުގެ 13ގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅީ އެ ކުންފުނީގެ އަނެއް ދެ ހިއްސާދާރުންނާ ވެސް އެކުގަ އެވެ. ޕީޖީން މިއަދު ބުނީ މި މައްސަލާގައި ގެއްލުން ލިބުނު 13 މީހުންގެ ބައިގައި، އެ ތިން މީހުންގެ މައްޗަށް އެކު ޖުމްލަ 39 ދައުވާ، މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. 

ދައުވާ ކޮށްފައިވާ މީހުންނާއި، ކޮށްފައިވާ ދައުވާތަކަކީ:

  • އަލްހާނު ފަހުމީގެ މައްޗަށް - ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން، ޓެކުމުގެ ކުށުގެ 13 ދައުވާ

  • ސަހުބާން ފަހުމީގެ މައްޗަށް - ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން ޓެކުމުގެ ކުށުގެ 13 ދައުވާ

  • ޝަޒްބާން ފަހުމީގެ މައްޗަށް - ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން ޓެކުމުގެ ކުށުގެ 13 ދައުވާ

ބުނީ ކީކޭ؟ - މި ދައުވާތައް ކޮށްފައިވާ ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، އަލްހާނު ފަހުމީ އާއި ސަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް އިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ "ފައިސާ ޓަކައިގެންފައިވާތީ" ކަމަށެވެ.

މައްސަލައިގެ ފެށުން - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ލިބި، އެ ސްކީމާ މެދު ސަމާލުވާން 10 މާޗުގައި ބަޔާނެއް ނެރެ އާންމުންގެ ކިބައިން އެމްއެމްއޭއިން އެދުނެވެ. 

  • އެމްއެމްއޭގެ ބަޔާނާ އެކު 'ކިންގްސް ކެޕިޓަލް ހޯލްޑިންސް'ގެ އެކައުންޓް ބީއެމްއެލް އިން ފްރީޒް ކުރި 

  • އެ ސްކީމާ ގުޅޭ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެށީ 15 މާޗުގައި 

  • ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމެނީސް ކިންގްސް ކުންފުނީގެ އެކައުންޓް އަންފްރީޒް ކުރުމާ އެކު، ވަރަށް ފަހަކާ ޖެހެންދެން އަލުން އެ ސްކީމް ކުރިއަށްގެން ދިޔަ ނަމަވެސް ކުރިން އިންވެސްޓު ކުރި ގިނަ އިންވެސްޓަރުންނަށް ފައިސާ ރައްދުކޮށްފައެއް ނުވޭ 

  • ރާއްޖޭގެ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް އަލްހާން ވިދާޅުވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް